ދުނިޔެ

އަމިއްލަ އާއިލާ މަރާލި މީހަކު ލޯބިވެރިޔާގެ އާއިލާ ވެސް މަރާލައިފި

Apr 9, 2015

ޕާކިސްތާނު މީހަކު އޭނާގެ ބޮޑުބޭބެގެ އަންހެން ދަރިއާ ކައިވެނިކުރަން އުޅުމުން އަންހެން ކުއްޖާގެ ބައްޕަ އެކަމާ ދެކޮޅު ހެދުމާ އެކު އެ އާއިލާގެ 10 މެންބަރު މަރާލައިފި އެވެ.

ޕާކިސްތާނު ފުލުހުން ބުނީ މިކަން ކުރީ ގުލް އަހްމަދު ސާއިދު ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ އަކީ މިދިޔަ އަހަރު، އަމިއްލަ މަންމަ އާއި ބައްޕަ އަދި ބޭބެ އާއި ފަހަރި މަރާލި މައްސަލައެއްގައި ވެސް ހައްޔަރުކުރަން ބޭނުންވެފައިވާ މީހެއް ކަމަށެވެ،

ސާއިދު މި އަމަލު ހިންގާފައި ވަނީ ޕާކިސްތާނުގެ އުތުރުގައި އޮންނަ ޗަރްސަދާގައި ކަމަށެވެ. ކައިވެނިކުރަން އުޅުނު ކުއްޖާގެ އާއިލާގެ މީހުންނަށް ސާއިދް ހަމަލާ ދީފައި ވަނީ ބަޑިންނެވެ.

ފުލުހުން ބުނެފައި ވަނީ މި ހާދިސާ ހިނގާފައި ވަނީ ކައިވެނި ކުރުމަށް ދޭނެ ރަނުގެ އަދަދާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގައި ކަމަށެވެ. އަދި އެ އާއިލާ މަރާލާފައި ވަނީ އެހެން ބައެއްގެ އެހީތެރިކަން ވެސް ހޯދައިގެން ކަމަށް ފުލުހުން ބުންޏެވެ. މަރާލި މީހުންގެ ތެރޭގައި ސާއިދުގެ ބޮޑުބޭބެ ވެސް ހިމެނެ އެވެ.

އާއިލާއެއް އެއްކޮށް މަރާލުމަށް ފަހު ސާއިދު ވަނީ ފިލައިފަ އެވެ. --ސީއެންއެން