ބޮލީވުޑް

17 އަހަރު ފަހުން އައިޝްވާރިޔާ އާއި އަނިލްގެ ފިލްމެއް

Jun 6, 2017
1

ބްރޭކަކަށްފަހު އެނބުރި އައިސް ބަތަލާ އައިޝްވާރިޔާ ރާއީ ވަނީ މިދިޔަ އަހަރު ނިކުތް "ސަރްބްޖިތް" އާއި "އޭ ދިލްހޭ މުޝްކިލް" އިން ފެނިގެން ގޮސްފަ އެވެ.

އަނެއްކާ ވެސް ފަސް މަހުގެ ބްރޭކަކަށްފަހު އައިޝްވާރިޔާ އަލުން ފިލްމެއް ކުޅެން މިވަނީ ސޮއިކޮށްފަ އެވެ. ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ދެން ޑައިރެކްޓްކުރާ "ފަންނޭ ޚާން" ކިޔާ ފިލްމެއް ކުޅެން އައިޝްވަރިޔާ މިހާރު ވަނީ ސޮއިކޮށްފަ އެވެ.

މިއީ އައިޝްވާރިޔާ އޯމްޕްރަކާޝް މެހެރާގެ ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އައިޝްވާރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަން މީގެކުރިން ވަނީ އޯމްޕްރަކާޝްގެ "ދިއްލީ 6" ގައި ފެނިގެން ގޮސްފަ އެވެ.

އައިޝްވާރިޔާ މި ފިލްމުގައި ފެނިގެންދާނެ ރޯލާ ބެހޭގޮތުން އަދި މާގިނަ ވާހަކަތަކެއް ހާމަކޮށްފައެއްނުވެ އެވެ. މި ފިލްްމު ޕްރޮޑިއުސްކުރަނޏީ ކްރިއާޖް އެންޓަޓެއިންމަންޓުންނެވެ. އެ ކުންފުނިން ވަނީ އަކްޝޭ އަށް ގައުމީ އިނާމު ލިބުނު "ރުސްތޮމް" ފިލްމު ވެސް އުފައްދާފަ އެވެ.

މިދިޔަ އޮކްޓޯބަރުުގައި ނިކުތް "އޭ ދިލްހޭ މުޝްކިލް" އަށް ފަހު އައިޝްވާރިޔާ ފިލްމު ކުޅުމުން ބްރޭކެއް ނެގީ އޭނާގެ ބައްޕަ ބަލިވެ އުޅޭތީވެ އެވެ. ގާތްގަނޑަކަށް ފަސް މަހުގެ ބްރޭކެއް ފިލްމު ކުޅުމުން ނެގުމަށްފަހު މިދިޔަ މަހުގައި އޮތް ކާންސް ފިލްމު ފެސްޓިވަލްގައި އައިޝްވާރިޔާ ވަނީ އެ ބްރޭކަކީ އޭނާ އާއިލާ އަށް ޓަކައި ނެގި ބްރޭކެއް ކަމަށް ބުނެފަ އެވެ.

"ފަންނޭ ޚާން" ގައި އައިޝްވާރިޔާ އާއެކު ލީޑްއެކްޓަރެގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރެވެ. މި ފިލްމަކީ "އަމަރޭ ދިލް އާޕްކޭ ޕާސްހޭ" އާއި "ތާލް" ގައި ފެނިގެން ގޮސްފައިވާ މިދެތަރިން 17 އަހަރު ފަހުން އެކުގައި ފެނިގެންދާނެ ފިލްމެކެވެ.

ބުނެވޭ ގޮތުގައި މި ފިލްމަކީ މިއުޒިކަލް ކޮމެޑީ އެކެވެ. މި އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަަމަށްވެ އެވެ.

އަލުން ފިލްމު ކުޅެން އައިޝްވާރިޔާ ތައްޔާރުވަމުން އަންނައިރު އެހެން ފިލްމުތަކަކުން ވެސް ހުށަހެޅުން ލިބިފައިވާ ކަމަށް ވެސް އައިޝްވާރިިޔާ ވަނީ ބުނެފަ އެވެ.

އޯމްޕްރަކާޝް މެހެރާ އެންމެފަހުން އުފައްދާފައިވަނީ މިދިޔަ އަހަރު ނިކުތް "މިރްޒިޔާ" އެވެ. އެ ފިލްމުން ބޮލީވުޑަށް ވަނީ ހަރްޝްވަރްދަން ކަޕޫރާއި ސައްޔާމީ ކޭރް ތައާރަފުވެފަ އެވެ.