ބޮލީވުޑް

"ލިޕްސްޓިކް އަންޑަ މައި ބުރްގާ" ޖުލައި 28 ގައި

Jun 7, 2017

ސެންސަރު ބޯޑުގައި ތާށިވެފައި އޮތް ހިންދީ ފިލްމު "ލިޕްސްޓިކް އަންޑާ މައި ބުރްގާ" ސެންޓްރަލް ބިއުރޯ އޮފް ފިލްމް ސާޓިފިކޭޝަން (ސީބީއެފްސީ) އިން ކުރިން ނިންމާފައި އޮތް ނަމަވެސް މި ފިލްމު ފާސްކޮށްދޭން ނިންމައިފި އެވެ.

ހުތުރު ބަސްތައް ބޭނުންކޮށްފައި ހުރުމާއި އަންހެނުންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އުފައްދާފައިވާ ފިލްމަކަށްވާތީ ފާސް ނުކޮށްދޭން ނިންމާފައި އޮތް ނަމަވެސް މި ފިލްމު މިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމާފަ އެވެ.

ޕްރަކާޝް ޖާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީޒްކުރުމުގެ ހުއްދަ ލިބުމުން ފިލްމު ރިލީޒްކޮށްދިނުމުގައި އެހީތެރިކަމެއް ދޭ އެކްތާ ކަޕޫރު ވަނީ ފިލްމު ވަރަށް ވަރުގަދަ އަށް ޕްރޮމޯޓްކުރަން ނިންމާފަ އެވެ.

އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރިލީޒްކޮށް، ތައުރީފު ލިބިފައިވާ މި ފިލްމު އެޑަލްޓް ސެޓްފިކެޓަކާ އެކު ފާސްކޮށްދީފައިވަނީ، ސެންސަރު ބޯޑުން ފިލްމު ފާސްކޮށްނުދޭނެ ނިންމާފައި އޮތް ނިންމުން ފިލްމު ސާޓިފިކޭޝަން އެޕަލޭޓް ޓްރައިބިއުނަލް (އެފްސީއޭޓީ) ބާތިލު ކުރުމުންނެވެ.

އެފްސީއޭޓީގެ އިރުޝާދުގެ މަތިން ފާސްކޮށްދިން މި ފިލްމު ރިލީޒްކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގައި ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ ތަފާތު ހިޔާލުގެ ހަތަރު އަންހެނަކު އިންޑިއާގެ މުޖުތަމައުގެ ތެރޭގައި އެމީހުންގެ ހިޔާލުގެ މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތްް ދައްކުވައިދޭ ފިލްމެކެވެ. ކޮންކޮނާ ސެން ޝަރްމާ އާއި ރަތްނާ ޕަތަކް އާއި އަހާނާ ކުމާރުގެ އިތުރުން ޕްލަބިތާ ބޯރްތާކުރު ލީޑްރޯލުުތަކުން ފެނިގެންދާ މި ފިލްމު ޑައިރެކްޓްކޮށްފައިިވަނީ އަލަންކްރިތާ ޝްރިވާސްތަވަ އެވެ.

ފިލްމު ރިލީޒްކުރުމުގެ ތާރީހެއް އެންމެފަހުން ލިބުމާ ގުޅިގެން ޕްރޮޑިއުސަރު ޕްރަކާޝް ވަނީ "ލިޕްސްޓިކް އަންޑާ މައި ބުރްގާ" ރިލީޒްކުރުމުގެ ކަންކަމުގެ ފަހަތުގައި އެކްތާ ކަހަލަ އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފަރާތެއް ހުރުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

"ފިރިހެނުން ޑޮމިނޭޓްކުރަމުން އައި ޓީވީގެ ދާއިރާގައި އަންހެނުން ބަރުވެރި ބައެއްގެ ގޮތުގައި ދައްކައިދިނީ އެކްތާގެ ޑްރާމާތަކުން." އެކްތާގެ މަސައްކަތަށް ތައުރީފުކުރަމުން ޕްރަކާޝް ބުނެފައިިވެ އެވެ.

އިތުރަށް އެކްތާ ވެސް ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ވަނީ މޮޅު އަދި މަޖާ ފިލްމެއް ބަލާލުމުގެ ފުރުސަތު ލިބޭނީ ވަރަށް މަދުން ކަމަށާއި މި ފިލްމުގެ މޮޅުކަމުން އެނާ ހުރީ ބަސްހުއްޓިފައި ކަމަށެވެ.