ހަބަރު

ތެލުގެ ޑިއުޓީ ކުޑަ ކުރަން އިދިކޮޅު މެންބަރުންގެ ވެސް ތާއީދު

ރާއްޖެ އެތެރެ ކުރާ ތެލުގެ ޑިއުޓީ ކުޑަ ކުރުމަށް ސަރުކާރު ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހަށް އިދިކޮޅު އެމްޑީޕީން ތާއީދުކޮށްފި އެވެ.

ރާއްޖެ އެތެރެ ކުރާ ތެލުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 10 ޕަސަންޓެވެ. ނަމަވެސް ސަރުކާރު ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު ހުށަހެޅި މި އިސްލާހުގައި ބުނެފައިވާ ގޮތުން ރާއްޖެ އެތެރެ ކުރާ ތެލުގެ ޑިއުޓީ ގޮތުގައި ނަގާނީ ފަސް ޕަސަންޓެވެ. މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާ ބަހުސް މަރުހަލާ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ އިރު އެކަމަށް ބަހުސް ކުރެއްވި ޕީޕީއެމްގެ މެންބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް ވަނީ އެ ބަލަށް ތާއީދުކޮށް ވޯޓު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމެވި ނިންމުމަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ކޮމިޓީ މަރުހަލާގައި އިސްލާހު އިތުރަށް ދިރާސާ ކުރާ އިރު އެ ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު ސުން ޕަސަންޓަށް ކުޑަ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ބިލަށް ފުރިހަމައަށް ތާއީދު ކުރަން ނަމަވެސް ސާފުކޮށްލަން ޖެހޭ ކަންކަން އެބަ ހުރި. އެއީ މި އިސްލާހުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނީ ކިހާ ވަރެއްގެ އަސަރެއްތޯ ބަލަން ޖެހޭ. އަދި ބިލު ފާސް ވެގެން ދިޔުމުން ކަރަންޓުގެ އަގު ހެޔޮ ވެގެން ދާން ޖެހޭނެ ކަމަށާއި ދަތުރު ފަތުރުގެ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮވެގެން ދާން ޖެހޭނެ. މި ބަދަލު ނާންނަ ކަމަށް ވަނީނަމަ މި އިސްލާހުގެ ފައިދާއެއް ނުކުރާނެ،" އިބޫ ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ތެލުން ޑިއުޓީ އެއްކޮށް ކަނޑާލުމުގެ ނަތީޖާއަކަށް ވީ ސަރުކާރު މުވައްޒިފުންނަށް މުސާރަ ނުދެވިގެން ދިޔުމާއި އެތައް ގޮތަކަށް އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރުން ކަމަށެވެ. އަދި ކަންކަން އަގު ހެޔޮ ކުރުމުގެ ނަމުގައި އެފަދަ ގޮތަކަށް އަމަލު ކުރުމަކީ ވެސް ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މި އިސްލާހާ ބެހޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވީ މި ބަދަލާއެކު ކަރަންޓުގެ އަގަށާއި އެހެނިހެން ހަރަދު ތަކަށް ހެޔޮ ބަދަލުތަކެއް އައިސް ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ކުރާނެ ކަމަށެވެ.

"ރާއްޖޭގައި އާމްދަނީ ލިބޭނެ މަދު ވަސީލަތެއް މި އޮންނަނީ. އާމްދަނީ އިތުރު ކުރަން ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭ. މި ސަރުކާރުން ތަކެތީގެ އަގެއް ބޮޑެއް ނުވަތަ ހެވެއް ނުކުރާނެ ސިޔާސީ ފައިދާއަކަށް. ރައީސް ޔާމީން ބޭނުންވަނީ ކަންކަމުގެ ހަގީގަތް ހާމަކޮށްދީގެން މަސައްކަތް ކުރަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.