ހަބަރު

1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހުޅުވާލައިިފި

ޒުވާނުން ހުނަރުވެރި ކުރުވާ، ވަޒީފާގެ ބާޒާރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ހިންގާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިލޭ ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި މިހާތަނަށް ތިން ބެޗެއްގައި ޖުމްލަ 392 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ކިޔަވާ ނިމި އަދި ބައެއް ދަރިވަރުން މިހާރުވެސް ކިޔަވަމުން ގެންދެ އެވެ. އެއީ ލެވެލް ތިނެއްގައި 156 ދަރިވަރުންނާއި އަދި ލެވެލް ހަތަރެއްގެ ކޯހުގައި 236 ދަރިވަރުންނެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން ލެވެލް ތިނެއް ފުރިހަމަ ކުރުމަށް ފަހު ލެވެލް ހަތަރެއް ގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

ޕްރޮގްރާމުގައި ތަމްރީނު ހަދާ ފަރާތްތަކަށް ޕްރެކްޓިކަލް ބައި ފުރިހަމަ ކުރާށާއި އާމްދަނީ ހޯދުމުގެ މަސައްކަތުގައި ގެންގުޅެން ފަހުން ފައިސާ ދައްކާގޮތަށް 8000ރ. ގެ "ނިކޮން 3400" ކެމެރާއެއް ލިބޭނެ އެވެ. އެ ކެމެރާގެ ފައިސާ ދައްކަން ޖެހޭނީ ކޯސް ނިންމުމަށްފަހު އެއް އަހަރުގެ ތެރޭގައި ކޮންމެ މަހަކަށް 667 ރުފިޔާ އެވެ.

ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ޓިވެޓް އޮތޯރިޓީން ހިންގި ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ވޭތުވެ ދިޔަ ތިން އަހަރު 8500 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައި ވެއެވެ. އެއީ ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރުމާއި ނަރުހުން ތަމްރީނުކުރުމުގެ ކޯހާއި ފޮޓޯ ގްރަފަރުން ތަމްރީނު ކުރުމުގެ ކޯސްތަކެވެ. އަދި ފުޑް އެންޑް ބެވަރޭޖް އާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ތަފާތު ކޯސްތަކުގެ އިތުރުން ދަސްވާރު ކިޔަވާ ދަރިވަރުންނަށް ހިންގާ ތަފާތު ކޯސްތަކާއި އެޗްޑީސީ އަދި އެންސީއައިޓީއާ ގުޅިގެން ހިންގާ ކޯސްތައް ވެސް ހިމެނެ އެވެ.