މަޖީދީމަގުގެ މަރާމާތުކޮށް ނިންމާފައިވާ ސަރަހައްދުތަކުގައި ހަދާފައި ހުރި ފެން ހިންދާ ކާނު ތަކަކީ ވަގުތީ ގޮތުން ހަދާފައިވާ ކާނު ތަކެއް ކަމަށާއި ހަލާކުވަމުންދާ ކާނުތައް ބަލައި މި ރޯދަމަހު ވެސް އެތަންތަން ރަނގަޅު ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
މާބަނޑު އަންހެނަކު މަޖީދީމަގު މަރާމާތުކޮށް ނިންމާފައިވާ ސަރަހައްދުގައި ހުރި ކާނު ގަނޑެއްގެ ތެރެއަށް ފައި ވަދެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކައަށް ރައްދު ދެމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ވިދާޅުވި ސޯޝަލް މީޑިއާގައި އެވާހަތައް ފަތުރަމުންދަނީ ބޮޑު ކޮށްގެން ކަމަށާއި މިހާރު ހަދާފައިވާ ކާނުގެ ތެރެއަށް އެއްވެސް މީހެއްގެ ފައި ވަދެގެން ނުދާނެ ކަމަށެވެ.
ފަޒާލް ވިދާޅުވީ އެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެތަނަށް މިނިސްޓްރީން މީހުން ގޮސް އަންހެން މީހާގެ ހާލު ބެލިކަމަށާއި އަދި އެ ކާނު ވީ އެންމެ އަވަހަކަށް ރަނގަޅު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހުރި ކާނުގެ މަތިތަކަކީ ޓެމްޕަރަރީ މަތި ތަކެއް ކަމަށާއި އަސްލު ކާނުތައް ލިބުން ދަތިވުމުން އެކަމަށް ދުވަސް ކޮޅެއް ނަގާނެ ކަމަށް ފަޒަލް ވިދާޅުވި އެވެ.
"އެ ކާނުތައް މިހާރު ބަންދުކޮށްފައި ހުންނާނީ ދަގަނޑު ފްރޭމެއް ހަދާފައި އޭގެ މަތީގައި ފިލާ ގަނޑެއް އަޅާފައި. އެ ކާނުގެ ތެރެއަށް މީހެއްގެ ފައެއް ވަދެގެން ނުދާނެ. މި ރޯދަ މަހުވެސް މިނިސްޓްރީން އަންނަނީ ހަލާކު ވަމުންދާ ކާނުތައް ބަލައި ރަނގަޅު ކުރަމުން." ފަޒަލް ވިދާޅުވި އެވެ.
މަޖީދީމަގުގެ މަރާމާތުކޮށް ނިންމާފައިވާ ސަރަހައްދުގައި ހަދާފައިވާ ފެން ހިންދާ ކާނުގަނޑެއްގެ ތެރެއަށް މާބަނޑު އަންހެނަކު ފައި ގަނބައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ސޯޝަލް މީޑިއާގައި މިއަދު ފެތުރެމުން ދެއެވެ. ހައުސިން މިނިސްޓްރީން ވަނީ އެ އަންހެން މީހާގެ ހާލު ބަލައި އެ މީހާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.