ހަބަރު

ނުވަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިއަހަރު ނިމޭނެ: އެމްއާރުޑީސީ

އެމްއާރުޑީސީގެ ފަރާތުން ހިންގާ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން 11 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ނުވަ ރަށެއްގެ މަގުގެ މަސައްކަތް ނިމޭނެ ކަމަށް އެމްއާރްޑީސީން މިއަދު ބުނެފި އެވެ.

އެމްއާރްޑީސީގެ މައި އިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރްޑީސީގެ ޕްރޮޖެކްޓް ހެޑް މުހައްމަދު ޝަރީފް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެވިގެން ކުރިއަށް ގެންދާ މަސައްކަތަކީ މަގުތައް ހެދުމުގެ މަސައްކަތް ކަމަށާއި އެންމެ ފަހުން ފެށި ހަތަރު ރަށުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ހަދަމުންދާ 11 ރަށުގެ މަސައްކަތަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އެ ހުރިހާ ރަށެއްގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެންމެ ފަހުން މަގުހަދަން ފެށި ހަތަރު ރަށުގެ ތެރެއިން ބ. އޭދަފުއްޓާއި ރ. އުނގޫފާރުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ރ. މީދޫ އާއި އދ. މަހިބަދޫ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހދ. ކުޅުދުއްފުށި އެއަތޮޅު ހަނިމާދޫ އަދި ގދ. ދިއްދޫގެ މަގުގެ މަސައްކަތް އޮގަސްޓް މަހު ނިމޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްއާރްޑީސީން ފަށާފައިވާ ފުޓްސަލް ދަނޑު ހެދުމުގެ މަޝްރޫގެ 67 ރަށުގެ ފުޓްސަލް ދަނޑު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި ގިނަ ރަށްރަށުގެ ދަނޑުތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި ހަތް ރަށެެއްގެ ޖެޓީ ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހަތަރު ރަށެއްގެ މަގުހެދުމުގެ މަސައްކަތް ވަނީ ފެށިފައި. އެ ހަތަރު ރަށާލައިގެން ޖުމްލަ 11 ރަށެއްގެ މަސައްކަތް ކުރިއަށް އެބަދޭ. އެއީ ގާތްގަނޑަކަށް 126 މަގު. 38 ކިލޯ މީޓަރު. މީގެ އިތުރުން ތިނަދޫގައި ހަދާ ޕާކްގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ވަނީ ނިމިފަ." ޝަރީފް ވިދާޅުވި އެވެ.