ހަބަރު

އަނެއްކާވެސް ޝުމޮން މިއާއެއް!

މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރުގެ ތަހުގީގު ނިމި އެކަމުގައި ޝާމިލުވާ މީހާ މިހާރު ވަނީ އެނގިފަ އެވެ. އެ އަމަލު ހިންގި ކަމަށް އޭނާ ޝަރީއަތުގައި އެއްބަސްވެ އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ އެވެ.

އޭނާގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެހެން ޝުމޮން މިއާއެއްގެ ވާހަކަ މިހާރު މިއޮތީ ފެންމަތިވެފަ އެވެ. އަނެއްކާވެސް މަރަކާ ގުޅޭ ނަމެވެ. މިދިޔަ ހުކުރު ދުވަހު ވަރަށް އިހާނެތިކޮށް މަރާލާފައި އޮތްވާ ފެނުނު އިސްމާއީލް އުމަރުގެ މަރުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ވެސް ޝުމޮން މިއާއަކަށެވެ. އެއީ އިހަވަންދޫ އައިސްޕްލާންޓްގައި މަސައްކަތް ކުރަމުން ދިޔަ ޝުމޮން މިއާ އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި ޝުމޮން މިއާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އޭނާއަކީ 27 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން މިއަދު ބުނީ، އިއްސެ މަރާލާފައިވަނީ ތޫނު އެއްޗަކުން އެކި ތަންތަނަށް ހަމަލާދީގެން ކަމަށާއި، އެ އަމަލު ހިންގާފައިވާ ކަމަށް ޝުމޮން މިއާ އިއުތިރާފުވެފައިވާ ކަމަށެވެ.

އެކި މަސައްކަތްތަކަށް ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނައިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވެސް ގިނަ އެވެ. އެމީހުންގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިހަވަންދޫގައި ނޫނަސް މިފަދަ ހާދިސާތަކެއް ރާއްޖޭގައި ހިނގާފައިވެ އެވެ. އެތައް މަރެއްގައި ބިދޭސީންގެ ޝާމިލުވުންތައް އެބަހުއްޓެވެ.

ހއ. އިހަވަންދޫގައި ހިނގާދިޔަ އިއްސެގެ ރަހުމުކުޑަ މަރާ ގުޅިގެން އެ ރަށުގައި ވަނީ ބިދޭސީންއަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. އިހަވަންދޫ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އެ ރަށުގައި ބިދޭސީންއަށް މީގެ ފަހުން އުޅެވޭނެ ގޮތްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަސްތަކުގެ މެންދުރުފަހު 2:00 އާއި ހަވީރު 5:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.