ބިދޭސީންނާ ގުޅުވައި ހއ. އިހަވަންދޫ ކައުންސިލުން ނިންމި ނިމުމާ ގުޅިގެން ގާނޫނީ ލަފައެއް ހޯދުމުގެ މަސައްކަތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ފަށައިފި އެވެ.
އިހަވަންދޫ ކައުންސިލުގެ ނިންމުމާ ގުޅިގެން ބަނޑާރަ ނައިބުގެ ލަފައެއް ހޯއްދަވާ ކަމަށް ބުނެ އެލްޖީއޭއިން ވަނީ ޓްވީޓެއް ވެސް ކޮށްފައެވެ. އެހެން ނަމަވެސް އެލްޖީއޭގެ ސީއީއޯގެ އެއްވެސް ބަހެއް އެކަމާ ގުޅިގެން ލިބޭ ގޮތެއް ނުވި އެވެ.
އެލްޖީއޭގެ އެ މަސައްކަތް ފަށާފައިވާއިރު ރަހުމުކުޑަ މަރަކާއެކު އިހަވަންދޫ ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އިހަވަންދޫ ބިދޭސީންނަށް މީގެ ފަހުން އުޅެވޭނެ ގޮތްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަސްތަކުގެ މެންދުރުފަހު 2:00 އާއި ހަވީރު 5:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުން ވެސް މަނަލެވެ.
ކައުންސިލްގެ އިހުތިސޯސް އޮންނަ އެއްވެސް ސަރަހައްދެއްގައި ބިދޭސީން މަސްވެރިކަމުގެ މަސައްކަތްތައް ކުރުން ވެސް މަނާކޮށްފައިވާއިރު ވަލަށް ވަދެ، ކާށި ހޮވުމާއި ދަރު ހޮވުން ވެސް މަނާކޮށްފައި ވެއެވެ. މީގެ އިތުުރުން އެ ސަރަހައްދަށް ކުނި އުކަން ފިޔަވައި އެހެން ބޭނުމެއްގައި ދިޔުން ވެސް މަނަލެވެ.
އެ ރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ކައުންސިލްގައި ރަޖިސްޓްރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ ރަޖިސްޓްރީގައި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އެހެންނޫނީ ގަވައިދާ ހިލާފަށް އުޅޭ ކަމަށް ނިންމާ ރަށުން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރާނެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަށުން ހުސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
ހުކުރު ދުވަހު މަރާލާފައި އޮތްވާ ފެނުނު އިސްމާއިލް އުމަރުގެ މަރުގެ ތަހުގީގު މިހާރު ކުރިއަށްދާތީ، އެ ރަށުން އެއްވެސް ބިދޭސީއަކު މިވަގުތު ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.
އިސްމާއިލް އުމަރުގެ މަރުގެ އިތުރުން ވެސް 2002 ވަނަ އަހަރު ބިދޭސީއެއްގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވެ އިހަވަންދޫ އަންހެއް ކުއްޖަކު މަރުވެފައިވެ އެވެ. އުމުރުން 16 އަހަރުގެ ފާތިމަތު ހަސަން މަރުވީ، އެ ރަށުގައި ދިރިއުޅުނު ބިދޭސީންގެ ފަރާތުން ގިނަ ފުރައްސާތަކެއް ކުރިމަތިވުމަށްފަހު އެވެ. އެ މައްސަލާގައި ތިން ބިދޭސީއަކު ކުށްވެރިވެ ޖަލަށްލި އެވެ.