ހަބަރު

އިހަވަންދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި

ހއ. އިހަވަންދޫގެ ކައުންސިލްގެ ފަސް މެންބަރުން ސަސްޕެންޑްކޮށްފި އެވެ. އެ ކައުންސިލްގައި ތިއްބަނީ އެމްޑީޕީއަށް ނިސްބަތްވާ ފަސް ކައުންސިލަރުންނެެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިރޭ "އަވަސް"އަށް ވިދާޅުވީ އެ ރަށު ހުރިހާ ކައުންސިލް މެންބަރުން ސަސްޕެންޑުކޮށްފައިވާކަން އަނގާފައި ވަނީ ކައުންސިލްގެ އިދާރީ މުއައްޒަފެއް ކަމަށާއި ސަސްޕެންޑު ކުރި ކަމުގެ ލިޔުން އެލްޖީއޭއިން ރަސްމީކޮށް ހަވާލުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ސަސްޕެންޑު ކުރި ވަކި ސަބަބެއް ސާފެއް ނުވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ނަމަވެސް މިރޭގެ ވަގުތެއްގައި ފުލުހުން ކައުންސިލަށް ވަދެ ބައެއް މުއަައްޒަފުންނާ ސުވާލުކޮށް ކައުންސިލް އިދާރާ ތެރޭގައި ހަރަކާތްތެރިވި ކަމަށް މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް ފުލުހުން ކައިރީ ސުވާލު ކުރުމުން އެ މީހުން ވެސް ވަކި އެއްޗެއް ނުބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކުރިކަން އެނގުނީ ވެސް އިދާރީ މުއައްޒަފަކު އަޅުގަނޑުމެން ކައިރީ ބުނީމަ، ފުލުހުން ވެސް ކައުންސިލަށް ވަދެ ހަރަކާތްތެރިވި، ސަބަބެއް ސާފެއް ނުވެ، އަޅުގަނޑަށް ބެލެވެނީ މިއީ ސިޔާސީ ސަބަބުތަކާ ހެދި އެލްޖީއޭއިން ނިންމި ނިންމުމެއް ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.

ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އަންނަ ހުކުރު ދުވަހު އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އަދި އެކަމަށް ކައުންސިލަރުން ކުރަން ޖެހޭ މަސައްކަތްކޮށް ތައްޔާރީތައްވަމުން ދަނިކޮށެވެ.