ބިދޭސީން ގުރޫޕް ހަދައިގެން ރަށު ތެރޭގައި އުޅެ، ރައްޔިތުންނަށް މައްލަވަކޮށް ފުރައްސާރަކުރަމުންދާ ކަމަށާއި ބިދޭސީންނާމެދު ފިޔަވަޅުތަކެއް އަޅަންޖެހުނީ އެހެންވެ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު އެ ރަށުގައި އަނިޔާވެރި ގޮތަށް އިސްމާއީލް އުމަރު މަރާލާފައިވާތީ އާއި އޭގެ ފަހަތުގައި ބިދޭސީންތަކެއް ތިބުމުން ރަށަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ވެރިވެފަ އެވެ. އެހެންކަމުން އިހަވަންދޫ ކައުންސިލުން ވަނީ ބިދޭސީންގެ ބައެއް ހައްގުތައް ހަނިކޮށް ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ބައެއް ގަޑިތަކުގައި ބޭރަށް ދިޔުމާއި ބައެއް ސަރަހައްދުތަކަށް ގޮސް އުޅުން ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް އެ ފިޔަވަޅުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެކަމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި އިއްޔެ ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ވަނީ އިހަވަންދޫ ކައުންސިލްގެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި އެއީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
އެކަމާ ގުޅިގެން މިއަދު އިހަވަންދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އެގޮތަށް އަންގާފައިވާތީ އެ ފިޔަވަޅުތަކަކީ ބާތިލު ފިޔަވަޅުތަކެއް ކަމަށް ކައުންސިލުން ވެސް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އެއަށް އަމަލުކުރަން ވެސް ނުޖެހޭނެ ކަމަށެވެ.
ނަމަވެސް އިހަވަންދޫގައި ބިދޭސީންގެ އަމަލުތައް ހުރި ގޮތުން މިހާރު ވެސް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އޮތްއިރު މުސްތަގުބަލުގައި ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް ވެސް އެކަމުގެ ސަބަބުން ލިބިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަންޖެހުނީ އެހެންވެ ކަމަށާއި ބިދޭސީންގެ ފަރާތުން ފެންނަނީ ބަލައިގަނެވޭނެ އަަމަލުތަކެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ.
"ކުނި އުކުމަށްދާ އަންހެން ކުދިންނާ ފޮށުމަށް ބައިހަދާފަ ބިދޭސީން ކުނިގޮނޑުގަ ތިބޭ، ރަށުގެ ބަނދަރު މަތީ ބައިހަދައިގެން މަސް ބާނާ، ކަންކަން މަތީ ބައި ހަދައިގެން ތިބެ ރައްޔިތުންނަށް މައްލަވަކުރުމާއި ރޭގަނޑު ނުނިދާ މެންދަމުގެ ވަގުތުގައި ސަކާރާތުގައި ރަށު ތެރޭގައި ވަގުތު ހޭދަކުރޭ، ރުއްރުކުން ވެއްޓޭ ކާށި ހޮވައި އެއިން ނަފާ ހޯދަމުންދާއިރު ރުއްރުކުގެ ވެރިންގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފަ،" ބަޔާނުގައިވެ އެވެ.
ބިދޭސީންގެ ސަބަބުން މިފަދަ އަމަލުތައް ފެންނަމުންދާއިރު ޖަޒުބާތުގައި ޖެހިގެން ރަށުގެ ރައްޔިތެއްގެ ފަރާތުން ބިދޭސީއަކަށް ގެއްލުމެއްވެދާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިސްމާއިލް އުމަރުގެ އިތުރުން ވެސް ބިދޭސީންތަކެއްގެ އަނިޔާވެރި ހަމަލާތަކެއްގެ ޝިކާރައަކަށްވެ 2002 ވަނަ އަހަރު އިހަވަންދޫގައި 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ފާތިމަތު ހަސަން މަރުވެފައިވެ އެވެ.