ހަބަރު

އިހަވަންދޫ ކައުންސިލްގެ ނިންމުން ބާތިލު: އެލްޖީއޭ

ހއ. އިހަވަންދޫ ކައުންސިލުން ބިދޭސީންއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފި އެވެ.

އިސްމާއިލް އުމަރުގެ ރަހުމުކުޑަ މަރަކާއެކު އިހަވަންދޫ ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އިހަވަންދޫ ބިދޭސީންނަށް މީގެ ފަހުން އުޅެވޭނެ ގޮތްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަސްތަކުގެ މެންދުރުފަހު 2:00 އާއި ހަވީރު 5:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުން ވެސް މަނަލެވެ.

ކައުންސިލްގެ އިހުތިސޯސް އޮންނަ އެއްވެސް ސަރަހައްދެއްގައި ބިދޭސީން މަސްވެރިކަމުގެ މަސައްކަތްތައް ކުރުން ވެސް މަނާކޮށްފައިވާއިރު ވަލަށް ވަދެ، ކާށި ހޮވުމާއި ދަރު ހޮވުން ވެސް މަނާކޮށްފައި ވެއެވެ. މީގެ އިތުުރުން އެ ސަރަހައްދަށް ކުނި އުކަން ފިޔަވައި އެހެން ބޭނުމެއްގައި ދިޔުން ވެސް މަނަލެވެ.

އެ ރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ކައުންސިލްގައި ރަޖިސްޓްރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ ރަޖިސްޓްރީގައި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އެހެންނޫނީ ގަވައިދާ ހިލާފަށް އުޅޭ ކަމަށް ނިންމާ ރަށުން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރާނެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަށުން ހުސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ހުކުރު ދުވަހު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރުގެ މަރުގެ ތަހުގީގު މިހާރު ކުރިއަށްދާތީ، އެ ރަށުން އެއްވެސް ބިދޭސީއަކު މިވަގުތު ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް އެ ފިޔަވަޅުތައް އެގޮތަށް ނޭޅޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި ފުލުހުންނާ ގުޅިގެން އާންމު ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް އިހަވަންދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.