ހަބަރު

އިހަވަންދޫ ކައުންސިލް އަނެއްކާވެސް ސަސްޕެންޑްކޮށްފި

ހއ. އިހަވަންދޫ ކައުސިލްގެ ފަސް މެންބަރުން އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ. މިފަހަރުވެސް ސަަސްޕެންޑް ކޮށްފައިވަނީ ތިން މަސް ދުވަހަށެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކައުންސިލަރުން ސަސްޕެންޑް ކުރީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ބުނެ އެވެ. ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހަށެެވެ.

އެމްޑީޕީގެ ފަސް މެންބަރުން ހިމެނޭ އިހަވަންދޫ ކައުސިލް މެންބަރުން ސަސްޕެންޑް ކުރީ އޮފީހަށް ނުނިކުމެވޭ ގޮތަށާއި ސަސްޕެންޝަންގައި ހުންނަވާ ދުވަސްވަރު މުސާރަ ވެސް ނުލިބޭ ގޮތަށެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ކައުންސިލް ސަސްޕެންޑް ކުރި ކަން އަންގާފައިވާ ކަމަށާއި ސަސްޕެންޑްކޮށްފައިވަނީ އަންނަ މަހު ތިން ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ވިދާޅުވީ، މިމަސް ތެރޭގައި އެލްޖީއޭއަށް ޖަވާބުދާރީ ވުމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސިޓީގައި 16 ކަމަކަށް ޖަވާބުދާރީވާން އަންގާފައިވާ ކަމަށާއި އޭގެ ތެރޭގައި، ކައުންސިލަރުން މުޒާހަރާތަކުގައި ބައިވެރިވާ މައްސަލައާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މައްސަލައިގެ އިތުރަށް ފޭސްބުކްގައި ރައީސް އަބުދުﷲ ޔާމީނަށް ހުތުރުވާ ގޮތަށް ޕޯސްޓްތައް ޝާއިއު ކުރާ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.

ރަޝީދު ވިދާޅުވީ، މިފަހަރު ސަސްޕެންޑް ކުރި ކަމަށް ބެލެވެނީ ހައުސިން މިނިސްޓްރީގެ މަސައްކަތައް ކުރަސް އެޅި ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އެއީ ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ، އެރަށު ބަންޑާރަ ބިންތަކުގެ ތެރެއިން 100 ގޯއްޗެއް ދިނުމަށް ކުރިން ކައުންސިލާއި ހަވާލު ކޮށްފައިވާ ކަމަށާއި ނަމަވެސް ފަހުން އެކަން ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ނިންމައި އެކަމާ އެބޭފުޅުން ހަވާލުވީ ކަމަށެވެ.

"އަޅުގަނޑުމެން ސަސްޕެންޝަނަށްފަހު ނިކުތް ރޭ އެތަނުގައި ހައުސިންގެ ބޭފުޅުން އުޅުއްވާތީ ވަނިން، ނަމަވެސް އެބޭފުޅުންގެ މަސައްކަތައް ހުރަސް އަޅާފައެއް ނުވާނެ، އަޅުގަނޑުމެން ވަނީ އެތަން ދިއްލާފައި ހުރުމުން ކޮންކަމެއްތޯ އެތާނގައި ހިނގަނީ ބަލައިލަން ވެގެން،" ރަޝީދު ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލް މީގެ ކުރިންވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރު އެރަށުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާއާ ގުޅިގެން ހިނގައިދިޔަ ކަންކަމާއި ގުޅިގެން ނެވެ. ސަސްޕެންޝަނަށް ފަހު މެމްބަރުން އޮފީހަށް ނިކުމެވަޑައިގަންނަވާފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.