ގާސިމް އިބްރާހިމް

ޓްރާންސްޝިޕްމަންޓް ބަނދަރު މަޝްރޫއު ހުއްޓުވީ އެއްބަސްވުމާ ހަމައިން: ގާސިމު

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެކަން ކުރަން ބޭނުން ނުވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އެޅުމަށް ހުރިހާ ކަމެއް އޭރު ކުރެއްވި ކަމަށެވެ.

އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރުގެ އެއްބަސްވުމާ ހަމައަށް މަސައްކަތް ކުރިއަށް ގެންދެވި ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކުރަން ބޭނުން ނުވި ކަމަށް ގާސިމު ވިދާޅުވި އެވެ.

"ކަނޑައެޅިގެން ދިމާއަށް ބުނީ ބޭނުމެއް ނެތޭ ތިކަން ކުރާކަށް،" ގާސިމު ވިދާޅުވި އެވެ.

ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަޝްރޫއު އޭރު ކުރިއަށް ގެންދެވުނު ނަމަ އޭގެ ފައިދާ އަތޮޅުން ފެންނާނެކަން ގާސިމު ފާހަގަކުރެއްވި އެވެ.

ގާސިމު މިހެން ވިދާޅުވެފައިވާއިރު އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަށް ގާސިމުގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.

އެ ގޮތުން އަހަރަކު ފަސް މިލިއަން ކޮންޓޭނަރުގެ ހިދުމަތްދެވޭ ފެންވަރަށް އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ޓްރާންސްޝިޕްމަންޓް ބަނދަރެއް، ހާއްސަ އިގުތިސާދީ ސަރަހައްދެއްގެ ގޮތުގައި ގާޢިމުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.