ޖުމްހޫރީ ޕާޓީ

އެމްޑީޕީއާއި ޕީޕީއެމްގެ ސަރުކާރުން ވަނީ ގައުމަށް ހިޔާނާތްތެރިވެފައި: ގާސިމް

އެމްޑީޕީއާއި ޕީޕީއެމްގެ ސަރުކާރުންވެސް ގައުމަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ގާސިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ސަރުކާރު ފިޔަވާ ހުރިހާ ސަރުކާރަކުންވެސް ގައުމަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

ވެލާނާ އިންޓާނޭސަނަލް އެއާޕޯޓް ބޭރު ބަޔަކަށް ވިއްކާލީ އެމްޑީޕީން ކަމަށް ތުހުމަތުކޮށް ގާސިމް ވަނީ އެމްޑީޕީއާއި ޕީޕީއެމްގެ ސަރުކާރުގައި ގާނޫނުއަސާސީއާއި ހިލާފަށް ފަނޑިޔާރުން ހައްޔަރުކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

"ރއްޔިތުންގެ މުދަލުން އިންތިހާ ދަރަޖައަށް ވައްކަންކޮށްފި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން އޭނާ ކުރައްވަމުން އައި އިސްލާހީ މަސައްކަތުގެ ނަތީޖާ މިއަދު ރަށްތަކުންވެސް ފެންނަ ކަމަށެވެ. އެގޮތުން އިހަވަންދޫގެ ބަނދަރު ތަރައްގިކުރެވިފައިވަނީ އޭނާގެ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ކަމުގައި ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބު ފިޔަވާ 2008ގެ ފަހުން އައި ކޮންމެ އިންތިހާބެއްގައި ވާދަކުރައްވަނީ ގައުމަށް ތަރައްގީ ހޯދައިދީ އޭނާއަށް ލިބިފައިވާ ތަނަވަސްކަން އެހެން ކޮންމެ މީހަކަށްވެސް ހޯދައިދިނުމަށް އަޒުމު ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް ހުރި ސޯޝަލް ހައުންސިންގެ ފީ މައާފްކޮށް، ފެނާއި ކަރަންޓުގެ ޖުރިމަނާއެއް އޮތް ނަމަ އެ ފައިސާއެއްވެސް މައާފްކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ގާސިމްގެ ވެރިކަމެއްގައި ފެރީ ޓާމިނަލެއް އިހަވަންދޫ ބަނދަރު ސަރަަހައްދުގައި ހަދައިދިނުމަށާއި ހިނަވާގެއެއް އަޅައިދިނުމަށާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދީ ކްލާސްރޫމުތައް އޭސީ ކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.