ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަލުން އިވޭލުއޭޓްކުރުމަށްފަހު ހައްޖު ގުރޫޕްތައް ކަނޑައަޅަން އޭސީސީއިން އަންގާފައިވާތީ އެގޮތަށް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފި އެވެ.
ދެވަނަ ފަހަރަށް ވެލުއޭޓްކުރުމަށް އޭސީސީއިން އެންގި ފަހުން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ގުރޫޕްތައް ކަނޑައަޅައި އިއުލާނެެއް ކޮށްފަ އެވެ. ނަމަވެސް މިއަދު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ އިއުލާން ބާތިލުކުރާ ކަމަށެވެ.
މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އަލުން ވެލުއޭޓްކުރުމަށްފަހު ހައްޖު ގުރޫޕްތައް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މި ފަހަރު މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ.
ބާތިލުކުރި އިއުލާނުގައި ވެސް ހުއްދަ ދީފައި އޮތީ މި ހަތަރު ކުންފުންޏަށެވެ.
ޕްރޮޕޯސަލްތައް އަލުން އިވޭލުއޭޓްކުރުމަށް އޭސީސީއިން އެންގީ، ހައްޖު ގުރޫޕްތަކަށް މާކްސް ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.