ދުނިޔެ

ރަޝިއާގެ ހެކަރު ރާއްޖެއިން ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ ދައުވާތައް ބާތިލްކުރަން އެދެފި

Apr 11, 2015

ރާއްޖޭގައި ހުއްޓާ ހެކަރެއް ކަމަށް ބުނެ އެމެރިކާއިން ހައްޔަރުކުރި ރަޝިއާގެ ރައްޔިތެއް ކަމަށްވާ ރޯމަން ވެލެރެވިކް ސެލެޒްނޯވް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާތައް ބާތިލްކުރަން އޭނާގެ ވަކީލުން ކޯޓުގައި އެދިއްޖެ އެވެ.

އެމެރިކާގެ އެތައް ބައެއްގެ ކްރެޑިޓް ކާޑުތަކުގެ ނަމްބަރުތައް ހެކްކޮށްގެން ހޯދި ކަމަށް ބުނެ ސެލެޒްނޯވް ހައްޔަރުކޮށް މިހާރު ބަންދުކޮށްފައި ހުރީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ގުއާމްގަ އެވެ. އޭނާގެ މައްޗަށް 40 އަށް ވުރެ ގިނަ ދައުވާ ކުރާއިރު އެ ހުރިހާ ދައުވާތަކެއް ބާތިލްކުރަން ދިފާއީ ވަކީލުން ވަނީ ކޯޓުގައި އެދިފަ އެވެ.

އެ ދައުވާތައް ބާތިލްކުރަން އެދެމުން ދިފާއީ ވަކީލުން ބުނަމުންދަނީ ސެލެޒްނޯވް ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގާނޫނާއި އެމެރިކާގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ޕްރިންސިޕަލްސްތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން އޭނާ 2013 ގައި ރަޝިއާގައި ހުރިކަން އެމެރިކާގެ ސީކްރެޓް ސާވިސަށް އެނގޭއިރު އެ ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން މެދުވެރިކޮށް އެކަމުގައި އެމެރިކާއިން އެއްވެސް ފިޔަވަޅެއް އަޅަން މަސައްކަތް ކޮށްފައިނުވާ ކަމަށް ދިފާއީ ވަކީލުން ބުނެފައިވެ އެވެ.

މީގެ އިތުރުން ކުށްވެރިން ބަދަލުކުރުމާ ބެހޭގޮތުން ރާއްޖެ އާއި އެމެރިކާއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައި ނެތްއިރު ސެލެޒްނޯވް ހައްޔަރު ކުރުމުގައި އެހީތެރިކަން ދެވޭނީ އިންޓަޕޯލްގެ ރެޑް ނޯޓިހެއް ދިނުމުން ކަމަށް ދިވެހި ފުލުހުން ބުނުމުން އެކަން ވެސް އެމެރިކާއިން ނުކުރާ ކަމަށް ދިފާއީ ވަކީލުން ބުނެފައިވެ އެވެ. އަދި އޭނާ ހައްޔަރުކުރަން ރާއްޖޭގެ ކޯޓަކުން ދިން އެއްވެސް އަމުރެއް ވެސް އެމެރިކާއަށް ދެއްކިފައިނުވާ ކަމަށް އެ މައްސަލައިގައި ދިފާއީ ވަކީލުން ބުނެފައިވެ އެވެ.

ސެލެޒްނޯވްގެ ވަކީލުން އެދުނު އެދުމާ މެދު ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.

ޗުއްޓީ ހޭދަކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ސެލެޒްނޯވް ހައްޔަރުކުރީ އެމެރިކާގެ އެޖެންޓުން ކަމަށް އޭނާގެ ވަކީލުންނާއި ރަޝިއާއިން ބުނަމުންދާއިރު ދިވެހި ސަރުކާރުން އެކަން ދޮގުކޮށް ބުނެފައިވަނީ އެކަން ކުރީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.