ހަބަރު

"ދަ ލެގަސީ" އިވެންޓްގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ދީނީ އިލްމުވެރިން ރާއްޖެ ގެނެސް، ދަރުސް ދިނުމަށް ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ދަ ލެގަސީ" އިވެންޓްގެ ސްޕޮންސަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި މިއދު ބޭއްވި ރަސްމިއްޔާތެއްގައި ޕީސް ފައުންޑޭޝަންގެ ފަރާތުން އެއްބަސްވުން ތަކުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މުހައްމަދު ނަސްރެވެ. އަދި އެ އިވެންޓްގެ މެއިން ސްޕޮންސާ ކަމަށް ވާ ތިލަފުށި ކޯޕްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފެވެ.

އަދި އެ އިވެންޓްގެ ކޯ ސްޕޮންސަރުން ކަމަށްވާ އެޕޯލޯ ހޯލްޑިންސް އާއި އައި ކެއާ އަދި ޕްލާޒާގެ އިތުރުން މެސެޖް އޮފް އިސްލާމް އަދި އޭއެސް މެރިން އާއެކު ވެސް ޕީސް ފަައުންޑޭޝަންގެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެއެެވެ.

ޕީސް ފައުންޑޭޝަންގެ ޖެނަރަލް ސެކްރެޓްރީ މުހައްމަދު ސޮބާހު ވިދާޅުވީ މި ފަހަރުގެ އިވެންޓްގައި ދީނީ ދަރުސް ދެއްވާނީ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ކަމަށެވެ. އަދި މި އިވެންޓް ލޯންޗު ކުރުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ކަމަށާއި އެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި މާބަލް ޖަފާފައި ހުރި ސަރަހައްދުގައި ކަމަށް ސޮބާހު ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ ފުރަތަމަ ދެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާނީ މާލޭގައި ކަމަށާއި އަދި ބާކީ ހުރި ދަރުސްތައް ކުރިއަށް ގެންދާނީ ފުވައްމުލަކުގައި ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އޮސްޓްރޭލިޔާގެ މަޝްހޫރު އިލްމުވެރިޔަކާއި މެލޭޝިޔާގެ އިލްމުވެއެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޮބާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަހަރަކު އެއްފަހަރު ބާއްވާނެ އިވެންޓެއް ނޫން މީއީކީ، މީގެ އިތުރު އިވެންޓްތައް ބޭއްވުމުގެ މަސައްކަތް ކުރަމުންދަނީ، ބޭރުގެ މަޝްހޫރު ދެ އިލްމުވެރިން ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދަނީ،" ސޮބާހު ވިދާޅުވި އެވެ.

ދަ ލެގަސީ އިވެންޓްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިނެވެ.