ހަބަރު

"ދަ ލެގަސީ" އިވެންޓްގައި ދަރުސް ދެއްވާނީ ޑރ. ބިލާލް ފިލިޕްސް

ޕީސް ފައުންޑޭޝަން އިން ރާއްޖޭގައި ބާއްވާ "ދަ ލެގަސީ" އިވެންޓްގައި ދަރުސް ދެއްވާނީ މަޝްހޫރު ދީނީ އިލްމު ވެރާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ކަމަށް އެ ފައުންޑޭޝަނުން މިއަދު ބުނެފި އެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީސް ފައުންޑޭޝަންގެ ޖެނަރަލް ސެކްރެޓްރީ މުހައްމަދު ސޮބާހު ވިދާޅުވީ ދަ ލެގަސީ އިވެންޓްގައި ދަރުސް ދެއްވުމަށް، ބިލާލް ފިލިޕްސް ރާއްޖޭގައި އަންނަ މަހު 13 އިން ފެށިގެން 17 ވަނަ ދުވަހާއި ހަމައަށް ހުންނާނެ ކަމަށާއި ފުރަތަމަ ދަރުސް އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި މާބަލް ޖަފާފައި ހުރި ސަރަހައްދުގައި ކަމަށެވެ.

"ފުރަތަމަ ދެ ދަރުސް އޮންނާނީ މާލޭގައި. އެއަށް ފަހު ބާކީ ހުރި ދުވަސްތަކުގައި ފުވަމުލަކު ސިޓީގައި ދަރުސްތައް ކުރިޔަށް ދާނެ. ބިލާލް ފިލިޕްސް ފަރާތުން ލިބެން ހުރި ހުރިހާ ފުރުސަތެއްގެ ބޭނުން ހިފަމުންދާނަން." ސޮބާހު ވިދާޅުވި އެވެ.

ޑރ. ބިލާލް ފިލިޕްސް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފަ އެވެ. އޭނާއަކީ ތައުލީމީ ދާއިރާގެ ދުނިޔޭގެ މަޝްހޫރު ދީނީ އިލްމު ވެރިއެކެވެ. އަދި އިސްލާމް ދީނާއި ބެހޭ ތަފާތު މައުލޫތަކަށް 50 ހަށް ވުރެ ގިނަ ފޮތްތަކެއް ބިލާލް ލިޔުއްވާފައިވެ އެވެ. އޭގެ އިތުރުން ބިލާލްއަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ދީނީ ފައުންޑޭޝަންތަކެއް ވެސް އުފައްދާފައިވާ ބޭފުޅެކެވެ