ވިޔަފާރި

ހޮޓެލިއާ ސަމިޓުގެ ހާއްސަ މެހުމާނަކަށް އެމްޔޫ މަނިކު

Jun 24, 2017
1

އަންނަ މަހު ރާއްޖޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި އޮންނަ "ޓީޓީއެމް- ހޮޓެލިއާ ސަމިޓު" ގެ ހާއްސަ މެހުމާނަކަށް ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ދިވެހި ކުންފުނި ކަމަށްވާ ޔުނިވާސަލްގެ ޗެއާމަން އަދި އެމްޔޫ މަނިކަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވެސް ޗެއާމަން އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާއާބެހޭ ގޮތުން އެމްޔޫ މަނިކު ވިދާޅުވީ ޓީޓީއެމްގެ ފަދަ ފެއާއެއްގެ މުހިންމުކަން ރާއްޖެއަށް ބޮޑު ކަމަށެވެ.

"ޓޫރިޒަމް ދާއިރާގެ އެކަކު އަނެކަކާ ބައްދަލުވެ، މަޝްވަރާތައް ކުރުމަށްވެސް ޓީޓީއެމްގެ މުހިންމުކަން ބޮޑު،" މަނިކު ވިދާޅުވި އެވެ.

މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމުކުރާ، ޓީޓީއެމް ހޮޓެލިއާ ސަމިޓް އޮންނާނީ ޖުލައި 12 ވަނަ ދުވަހު ހެނދުނު 9:00 އިން 1:00 އަށް ދަރުބާރުގޭގަ އެވެ. މި ބޮޑު އެއްވުމުގައި މަޝްހޫރު މޯޓިވޭޝަނަލް ޗެމްޕިއަން ޕައުލް މެކްނީވް ވެސް ބައިވެރިވާނެ އެވެ. ސަމިޓްގައި ޓޫރިޒަމް ދާއިރާގެ 100 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވާއިރު ރިސޯޓުތަކުގެ 80 ޖެނެރަލް މެނޭޖަރުން ބައިވެރިވާނެ އެވެ. މި ހަރަކާތް ވެގެންދާނީ ރާއްޖޭގައި މި ގޮތަށް ބާއްވާ ފުރަތަމަ ޓޫރިޒަމް އިވެންޓަށެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.