ދުނިޔެ

އެއް ފަހަރާ 8 ކައިވެނި ކޮށްގެން އުޅޭ އަންހެނަކު ކޯޓަށް

Apr 12, 2015

އެމެރިކާގެ ނިއު ޔޯކްގައި ވަރި ނުވެ އެއް ފަހަރާ 8 ކައިވެނި ކޮށްގެން އުޅޭ އަންހެނެއްގެ ޝަރީއަތް ފަށައިފިއެވެ. ނަމަވެސް ވައަތުގައި އެއް އަނގޮޓި އަޅާފައިވާ އުމުރުން 39 އަހަރު ލިއާނާ ބެރިއެންޓޮސް ކޯޓުގައި ބުނެފައިވަނީ އޭނާ ކުށްވެރި ނުވާ ކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނީ އޭނާ މި ކަމެއް ކުރީ އެމެރިކާއިން "ރެޑް ފްލެގް" ކޮށްފައިވާ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެތެރެވިޔަދީ، އެ މީހުން އެމެރިކާ ރައްޔިތުންނަށް ހެދުމަށް މަގުފަހި ކުރުމަށް ކަމަށެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލެންޑް ސެކިއުރިޓީން ބައެއް ގައުމުތައް ރެޑް ފްލެގް ކުރަނީ އެމެރިކާގެ ޓެކްނޮލޮޖީ އެމެރިކާގެ "ހަތުރުވެރި" ގައުމުތަކަށް ފޯރުނަ ނުދިނުމަށެވެ.

ލިއާނާ ވަނީ މިސްރު، ތުރުކީ، ޖޯޖިޔާ ފަދަ ގައުމުތަކުގެ މީހުންނާ ކައިވެނިކޮށްފައެވެ. އަދި މި ކައިވެނިތައް ރޫޅާލުމެއް ނެތި އޭނާ ވަނީ އެންމެ ފަހުން ޕާކިސްތާނު މީހަކާ ވެސް ކައިވެނި ކޮށްފައެވެ. ނަމަވެސް ރާޝިދު ރަޖްޕުތު ނަމަކަށް ކިޔާ މި ޕާކިސްތާނު މީހާ އެމެރިކާއަށް އިންޒާރުގެ ބަސްތަކެއް ރައްދު ކުރުމާ ގުޅިގެން އެމެރިކާގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ ޓެރަރިޒަމާ ގުޅޭ ޓާސްކް ފޯހުން ވަނީ އޭނާ ޕާކިސްތާނަށް އަނބުރާ ޑިޕޯޓް ކޮށްފައެވެ.

އެމެރިކާގެ ޖިނާއީ ކޯޓުން ބުނި ގޮތުގައި ލިއާނާ ވަނީ 2002 ވަނަ އަހަރު ހަ ކައިވެނި ކޮށްފައި ކަމަށާއި މި ވަގުތު ވެސް އޭނާގެ ހަތަރު ފިރިން އެބައިބި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. ކޯޓުން އިތުރަށް ބުނެފައިވަނީ މި "ރޭވުމުގެ" ދަށުން ލިއާނާއަށް ފައިސާ ލިބޭ ކަމަށާއި ކައިވެނި ކުރުމާއެކު އެމެރިކާގެ ރައްޔިތުންނަށް ވުމަށް މި ހުރިހާ ފިރިހެނުން ހުށަހެޅި ކަމަށެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ރަށްވެހިކަން ނުދިނުމުން ކައިވެނި ރޫޅާލައި އެހެން އަންހެނުންނާ ކައިވެނި ކުރުމަށް ފަހު އަލުން ރަށްވެހި ކަމަށް އެދިފައިވާ ކަމަށް ވެސް ކޯޓުން ތުހުމަތު ކުރިއެވެ.

 

ލިއާނާ ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެއީ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ މާލީގެ މީހަކާ އޭނާ 2010 ވަނަ އަހަރު ކުރި ކައިވެންޏާ ހިސާބުން އެމެރިކާ ސަރުކާރަށް ޝައްކުތަކެއް އުފެދިގެންނެވެ. މި ކަމާ ގުޅިގެން ހިންގި ތަހުގީގުގައި ފަޅާއެރި ގޮތުގައި ނިއު ޔޯކްގެ އެކި ޓައުންތަކުގައި ލިއާނާ ވަނީ އެއް ފަހަރާ އެތައް ބަޔަކާ ކައިވެނިކޮށްފައެވެ. ނަމަވެސް ލިއާނާ އަދިވެސް ބުނަމުން ދަނީ އޭނާ ހަމައެކަނި ކައިވެނި ކުރީ ސައްލެ ކެއިޓާ ނަމަކަށް ކިޔާ މި މާލީ މީހާއާ އެކަނި ކަމަށެވެ.