ހަބަރު

މާދަމާއަށް ފަހު މޫސުން އަންނަނީ ރަނގަޅުވަމުން: މެޓް

ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ މާލެއާއި މެދު އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށާއި އޭގެ ފަހުން މޫސުން ރަނގަޅު ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިދުވަސްކޮޅު އުތުރަށާއި މެދު އަތޮޅުތަކަށް މޫސުން ބަނަކޮށް ދައްކާ ކަމަށާއި އެ ސަރަހައްދުތަކަށް ވައިގަދަވެ ވައިޓް އެލާޓު ވެސް ނެރެފައިވާ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް 24 ގަޑިއިރު މާލެ އާއި ރާއްޖޭގެ މެދު އަތޮޅުތަކަށް އުތުރުގެ ބައެއް ހިސާބުތަކަށް ވެސް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

"މާދަމާ ވާރޭ ވެހޭނެ ކަމަށް ބެލެވެނީ. ނަމަވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަކަށް ލަފައެއް ނުކުރެވޭ. އަދި އެއަށް ފަހު ދެން މުޅި ހަފުތާގައި މޫސުން ރަނގަޅުވާނެ" މެޓް އޮފީހުގެ ވެދާ ފޯކާސްޓާއަކު ވިދާޅުވި އެވެ.

މިއަދު ވެސް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ވަނީ ބޯކޮށް ވާރޭވެހިފަ އެވެ. މެޓުން ބުނީ އެ ސަރަހައްދަށް ވިލާތައް އުފެދެމުން އަންނަ ކަމަށާއި އަންނަ ހަފުތާ ތެރޭގައި އެކި ދުވަސްތަކުގައި ދެކުނަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުން މި ގޮތަށް ލަފާ ކުރެވޭ އިރު އަދިވެސް އުދަ އެރުމުގެ ފުރުސަތު އެބަައޮތް ކަމަށް ވެސް މެޓުން ބުންޏެވެ.