ހަބަރު

ސަމާލުވޭ، 12 ގަޑިއިރުތެރޭ ކަނޑުމަތީގެ ތިން ހާދިސާ

ވޭތުވެދިޔަ 12 ގަޑިއިރު ތެރޭގައި ކަނޑުމަތީގައި ނުރައްކާތެރި ތިން ހާދިސާއެއް ހިނގާފައިވާ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އަނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑު ދަތުރުފަތުރު ކުރަން ނުކުންނަ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ހުރިތޯ ބެލުމަށް އެދޭ ކަމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާއިން ހޯދަން އިލްތިމާސް ކުރާ ކަމަށެވެ.

"ފާއިތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ތިން ހާދިސާއެއް ހިނގާފައިވާތީ ސަމާލުވެތިބުމަށް އަނގަން،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން މިހެން ބުނި އިރު މިރޭ 7:30 ހާއިރު ވެސް ވަނީ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން ވިލިމާލޭ ތޮއްޓަށް އަރައިފަ އެވެ. އަދި މި ފަހަކަށް އައިސް ކަނޑުމަތީ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މޫސުމަށް ސަމާލުވެ ތިބުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރި އިރު ރާއްޖޭގެ މޫސުން ލަފަ ކުރާ މެޓް އޮފީހުން ބުނެފައި ވަނީ އުތުރަށާއި މެދު އަތޮޅުތަކަށް މޫސުން ބަނަކޮށް ދައްކާ ކަމަށާއި އެ ސަރަހައްދުތަކަށް ވައިގަދަވެސް ވާނެ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އިން ވަނީ ލަފާކޮށްފަ އެވެ.