ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ވެރިކަން ހަވާލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި މައްސަލައިގައި އެ ޕާޓީއާ މެދު ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އިލެކްޝަންސް ކޮމިޝަނަށް މިއަދު އަންގަވައިފި އެވެ.
ގާސިމާ ވެރިކަން ހަވާލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ މިމަހުގެ ކުރީކޮޅު އެވެ. ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވުމުންނެވެ.
އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ސުލައިމާނަށް ޕީޖީ މުހުތާޒް ފޮނުއްވި ސިޓީގައި ވަނީ ރައީސަކު އިންތިޚާބު ކުރާނެ އިޖްރައާތުތަކާއި ވަގުތީ ގޮތުން ރައީސްކަން އެހެން ފަރާތަކުން ކުރަންޖެހޭ އުސޫލުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެއާ ޚިލާފަށް ވަކި ފަރާތަކާ ވެރިކަން ހަވާލުކުރަންޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުން ފާސްކުރުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންވެ އެފަދަ ފަރާތްތައް ޒިންމާދާރު ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅައި ދިނުމަށް އެ ސިޓީގައި ޕީޖީ އެދިފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އެގޮތަށް ޕީޖީ އެންގެވިއިރު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވާ ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގު 48 ގަޑިއިރުގެ ތެރޭގައި ނިންމުމަށް ޕީޖީ ވަނީ މިދިޔަ ހަފުތާގައި ފުލުހުންނަށް ވެސް އަންގަވައިފަ އެވެ.