ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެންބަރުން ސޮއިކޮށް މައްސަލަ ވަނީ މަޖިލީހަށް ވައްދައިފަ އެވެ. މަސީހު ނިސްބަތްވާ ވެރިކަން ކުރާ ޕީޕީއެމްގެ 10 މެންބަރުން ވެސް ވަނީ އެ މައްސަލައިގައި ސޮއިކޮށްފަ އެވެ. އެމަނިކުފާނަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ނޫނެކޭ ބުނެފިކަން މި އޮތީ ލިޔުމުން ދައްކައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ، މަސީހު އިސްތިއުފާ ނުދެއްވައި މަގާމުގައި ހުންނެވި ނަމަވެސް، ހައިސިއްޔަތު އެކީހެން ގެއްލިފައިވާ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އިދިކޮޅުން މި ވަނީ ދީފަ އެވެ. ރޭ ވެސް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ އެކަން މިނިވަން ދުވަހުގެ ކުރިން ނިންމާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެ ގޮނޑި ހުސްވެއްޖެ ނަމަ އެންމެ ބޮޑު ސުވާލަކީ ދެން އެ މަގާމުގައި އިށީންނާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ މަޖިލީހުގެ ރައީސްކަން ދެން ކުރައްވާނީ ކޮން މެންބަރެއް ހެއްޔެވެ؟
"އަޅުގަނޑުމެންގެ ތެރޭގައި މަޖިލީހުގެ ރައީސް ކަމަށް ގާބިލު ބޭފުޅުން ވަރަށް ގިނަ، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަށްވާނީ މަސީހު ދުރުކުރުމަށްފަހު އެ މަގާމަށް ގެންނާނެ މެންބަރަކު ހޯދުން، އެވަރުގެ ތަޖުރިބާހުރި، ކެރޭ ހިތްވަރުގަދަ ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށް އެކަށީގެންވާ، އަޅުގަނޑުމެން މަޝްވަރާކޮށްފައި އެކަން ނިންމާނީ،" އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިން ވެސް އިނގޭ ގޮތުގައި މަޖިލީހުގެ ރައީސްގެ ގޮނޑިއަށް ޝައުގުވެރިވާ ގިނަ ފަރާތްތަކެއް އިދިކޮޅުގެ ތެރޭގައި އެބަ ތިއްބެވެ. އަދި އެކަން ވާނީ އިދިކޮޅަކަށް ވެސް އުނދަގޫ ނިންމުމަކަށެވެ. އެހެން ވީމާ، އެ މަގާމަށް ދެން ނިކުންނަން ތިބި ފަރާތްތަކަށް ބަލައިލަމާ ހިނގާށެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބޫ އަކީ ސިޔާސީ ތަޖުރިބާ އާއި ޑިޕްލޮމެސީގެ ގޮތުން ގިނަ ބަޔަކު އިހުތިރާމް ހޯދާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަލިސްޓެއްވެސް މެއެވެ. މި ހުރިހާ ސިފަތަކާ ހުރެ މަޖިލީހުގެ ރައީސްގެ މަގާމަށް އިބޫގެ ނަން ހުށަހެޅުން ވެސް ކައިރި އެވެ. އިބޫގެ ލީޑަޝިޕްގައި އިދިކޮޅު މަޖިލިސް މެންބަރުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވަމުން ގެންދަވާއިރު ލީޑަރުން ގެންދަވަނީ ވަރަށް ބޮޑަށް އިބޫގެ މަސައްކަތަށް ތައުރީފު ކުރަމުން އެވެ. އެކަމަކު އިބޫއަކީ ދޫދޭން ޖެހޭއިރު ދޫދެއްވާ ފަހަތަށް ޖެހެން ޖެހިވަޑައިގަންނަވަންޖެހޭ ވަގުތުތަކުގައި ފަހަތަށް ވެސް ޖެހި ވަޑައިގަންނަވާ ބޭފުޅެކެވެ.
ޕީޕީއެމް ޕީޖީ ގުރޫޕްގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅު ވަނީ އިބޫ މަޖިލީހުގެ ރައީސްގެ މަގާމަށް ގެންނާށެވެ. ނަމަވެސް އެ ޕާޓީގެ ގިނަ މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި މައުމޫންގެ ހުރިހާ އިދިކޮޅު މަސައްކަތެއްގެ ފަހަތުގައި އޮތީ އެންމެ މަގުސަދެކެވެ. އެއީ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ވެރިކަން ހޯއްދަވައި ދެއްވުމެވެ. ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ، މައުމޫން އިދިކޮޅާ ގުޅިވަޑައިގަތީ ފާރިސްއަށް ނައިބު ރައީސްގެ މަގާމު ނުދެއްވުމުން ކަމަށެވެ.
އެހެންކަމުން ފާރިސްއަށް މަޖިލީހުގެ ރައީސްކަން ހޯދަވައިދެއްވުމަށް މައުމޫން މަސައްކަތް ކުރައްވުމުގެ ފުރުސަތެއް ވެސް އޮވެދާނެ އެވެ. ނަމަވެސް ފާރިސް ވަނީ އެފަދަ މަގާމަކަށް ޝައުގުވެރިނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވެސް ފާރިސްގެ ނަމަކީ ވެސް މަޖިލީހުގެ ރައީސްގެ ގޮނޑިއަށް ވާދަކުރާނެ ނަމަކަށް އެންމެ ފަހު ވަގުތު ވެސް ވެދާނެ އެވެ.
މަޖިލީހުގެ ރައީސްގެ މަގާމާ އެންމެ ގަދަޔަށް ވާދަ ކުރާނެ ބޭފުޅަކީ އަބްދުﷲ ޝާހިދު އެވެ. ކުރީގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހުގެ ތަޖުރިބާ ހުންނެވި އެވެ. މައުމޫންއާ ވަރަށް އެކުގައި މަސައްކަތް ކުރެއްވުމަށްފަހު ޑީއާރްޕީއާއެކު މަގު ބަދަލު ކުރެއްވި ޝާހިދަށް މައުމޫން ވަނީ ކުރީ ރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އުމުރާއެކު ހަރުދަނާކަމާއި ހިތްވަރުގަދަކަން އިތުރުވެގެން ގޮސްފައިވާތީ އުފާކުރައްވާ ކަމަށް އެއް އިރެއްގެ ވަރަށް ގާތް ޝާހިދަށް ނިސްބަތްކުރައްވާ މައުމޫން ވިދާޅުވި އެވެ. އެހެންކަމުން ޝާހިދުގެ ނަމަކީ މައުމޫންގެ ފޭވަރިޓަކަށްވުން ވަރަށް ގާތެވެ. ހަމައެހެންމެ އެ ނަމަކީ މުހައްމަދު ނަޝީދުގެ ފޭވަރިޓަކަށް ވެސް ވެދާނެ އެވެ.
ދެން އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަމެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަޒަރުގައި އެންމެ ރަނގަޅު ބޭފުޅަކީ ގާސިމް އިބްރާހިމެވެ. ގާސިމް މީގެ ކުރިން މަސީހާ ވާދަކޮށް ބަލިވީ ވެސް ކުޑަ ތަފާތަކުންނެވެ. ގާސިމަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަގާމަށް މީގެ ކުރިން ވެސް އެމަނިކުފާނު ޝައުގުވެރިވެކަން ފާޅުވެސް ކުރައްވާފައިވެ އެވެ. އަދި އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން ލީޑަރެއް އެ މަގާމަށް އައްޔަން ކުރުމުގެ ގޮތުން ވެސް ގާސިމް އެ ގޮނޑި ދޫކޮށްލުން ވެސް ކައިރި އެވެ. އެހެން ނަމަވެސް ޔަގީނަށް ބުނަން ނޭނގޭ ކަމަކީ ފަސޭހަ ކަމާ އެކު މަސީހު ބޭރުކޮށްލެވުނު ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވާ މެންބަރަކު މަޖިލީހުގެ ރައީސްކަމަށް ގެންނަން އިދިކޮޅު ފަރާތްތަކަށް ފަސޭހަވާނެ ހެއްޔެވެ؟ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅުން ބޭނުންވާ އެކަމަށް އަނބުރާލެވިއްދާނެ ހެއްޔެވެ؟