ރިޕޯޓް

ގޮނޑިތައް ބަހާ ނިމޭނީ ރަނގަޅަށް ޒަހަމްވެގެން!

Jul 22, 2017
24

ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެނޫވެސް ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތެއް އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރަން އެ ފަރާތްތަކަށް މަޖިލީހުގެ ތެރެއިން 45 މެންބަރުން ހޯއްދެވުނެވެ. މިއީ އިދިކޮޅަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. ކަނޑީގެ މިޔަ މައްޗަށް ސަރުކާރު ނުދިޔައީ އިދިކޮޅު ފަރާތްތަކަށް ހެދުނު ވަރަށް ކުޑަކުޑަ ގޯހަކުންނެވެ. ކޮންމެ ގޮތެއް ވިޔަސް ސަރުކާރު ފިސާރި ރަނގަަޅަށް ކޮށި އަރުވާލިއެވެ. އިދިކޮޅަށް ލިބުނު 45 ގައި ހިމެނެނީ ކުރިން ވެސް ހުރި އެމްޑީޕީގެ 21 ގޮނޑި އާއި އެހެނިހެން 24 ގޮނޑިއެވެ. އެހެނިހެން ބައިގައި ތިއްބެވި 24 މެންބަރުންގެ ބާރަކަށް ވެފައި ވަނީ މައުމޫނާއި ގާސިމެވެ. އިމްރާން އަބްދުﷲ ވެސް ހިމެނޭ ގޮަތަށް މައުމޫނާއި ގާސިމުގެ ބާރުގައި 24 މެންބަރުން، އެމްޑީޕީގެ 21 ތިއްބެވި އިރު މީގެ ޖުމްލަ އަދަދުން 10 ގޮނޑިނޫނީ 12 ގޮނޑި ގެއްލޭނެ ކަމަށް ބަލަމާ ހިނގާށެވެ. ގޮނޑިތައް ގެއްލެނީ ފާޑަކަށެވެ. އެ ގޮތަށް ބަލާއިރު ގެއްލޭ ގޮނޑި އެއަށްވުރެ ގިނަވެސް ވެދާނެ އެވެ. ސަބަބަކީ ގޮނޑި ގެއްލޭ ގޮތް އެނގި ވަޑައިގަންނަވާ މެންބަރަކު ނެތުމުން ގެއްލޭގޮތް ނޫން ގޮތަކަށް އުޅުއްވާކަށް އެއްވެސް މެންބަރަކަށް މިހާރަކު އެނގިވަޑައެއް ނުގަންނަވަ އެވެ. -- އެވާހަކަ އެހެން ފަހަރަކުން ލިޔާނީ އެވެ. --

މިހާރުވެސް ބައެއް ބޭފުޅުންގެ ގޮނޑި ގެއްލިއްޖެ އެވެ. ބައެއް ބައި އިލެކްޝަން އިއުލާންކޮށްފި އެވެ. ގޮނޑި ގެއްލުނު ބައެއް ބޭފުޅުން ކަން ބޮޑުވުން ފާޅުކޮށް އެކަން އެކި ގޮތްގޮތަށް ތަރުޖަމާ ކުރައްވާ އިރު ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި ރައީސް މުހައްމަދު ނަޝީދާ ފަހަތުގައި އޮތް ޓީމް އެކުވެގެން ބުނަމުން ގެންދަނީ ގޮނޑިގެއްލޭ އެއްވެސް މެންބަރަކު އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތެވެ. ގޮނޑިތައް ހޯދައި ދޭނަމައޭ އެވެ.

އާންމުން އިންތުހާބެއްގައި ވާދަ ކުރުން މި އޮންނަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ މިނިވަން މެންބަރެއްގެ ގޮތުގައި އަމިއްލަ ނަފުސުގެ ފިކުރާއެކު އިންތިހާބަށް ކުރިމަތި ލުމެވެ. ދެވަނަ ގޮތަކީ ރާއްޖެ މިހާރު ބޭނުންވާ ސިޔާސީ ނިޒާމުގައި އޮތް ގޮތެވެ. ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބަށް ނުކުމެވަޑައިގެންނެވުމެވެ.

ގޮނޑި ގެއްލޭ މެންބަރުން މިތިއްބެވީ މަސީހާ ދެކޮޅަށް ސޮއި ދެއްވި ތާރީހީ "ސާޅީސް ފަހެއް" ގެ ތެރޭގަ އެވެ. އެހެންވީމާ ފުލުފުލުގައި އަންނާނެ ބައި އިލެކްޝަންތަކުގައި ގޮނޑި ގެއްލުނު މެންބަރުން ނޫނީ އަލަށް ދައްކާ މެންބަރުން ނުކުންނަނީ ކޮން ޓިކެޓެއްގައި ހެއްޔެވެ؟ ޖޭޕީގެ ޓިކެޓްގައި ހެއްޔެވެ؟ އޭޕީގެ ޓިކެޓް ނޫނީ އެމްޑީޕީގެ ޓިކެޓްގައި ހެއްޔެވެ؟ އެހެން ނޫނީ ވިއްޔާ ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށް ހިލޭ ލިބޭ މިނިވަން ޓިކެޓްގައި ހެއްޔެވެ؟

ގޮނޑިތަކެއް މި ގެއްލެނީ މައުމޫނާއި ގާސިމާއި އަދާލަތާއި ބައިވެރިވާ ފަޅިންނެވެ. އެ ދާއިރާތަކުގެ ބައި އިލެކްޝަންގައި ކެންޑިޑޭޓުން ނުކުންނަވަނީ މީގެ ތެރެއިން ކޮން ޓިކެޓެއްގައި ހެއްޔެވެ؟ އަދި މިބައި އިލެކްޝަން ތަކުގައި އެމްޑީޕީއަށް އޮތް ފުރުސަތަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި އަދި ރާއްޖޭގެ ސިޔާސީ، ޕާލަމެންޓްރީ ހަޔާތުގައި ތަނަވަސް ވެގެން އަންނަ މިވަރުގެ ރަނުގެ ފުރުސަތެއްގައި މައުމޫނާއި ގާސިމާއި އޭޕީއަށް އެކަނި ބައި އަޅަން ދޫކޮށްލާފައި އެމްޑީޕީ ތާއީދު ކޮށްގެން ދިދަ ހޫރުވަން އޮވެ ދާނެ ހެއްޔެވެ؟

އެހެން ދޫކޮށްލައިފި ކަމަށް ވަންޏާ މިހާރު އޮތް އޮޕަޒިޝަންގައި މައުމޫނާއި ގާސިމާއި އަދާލަތުގެ ބާރު އެމްޑީޕީއަށް ވުރެ ގަދަވީ އެވެ. އަދި މައުމޫނުގެ ނިންމުންތަކަށް އެއޮށް ބޮޑު އެމްޑީޕީއަށް ފޮލޯ ކުރަން މަޖުބޫރުވީ އެވެ. އެގޮތަށް މައުމޫނާއި ގާސިމްގެ ފަޅިން ގޮނޑިތަކެއް ހޯދައިގެން މަޖިލީހުގެ ތެރޭގައި ބާރުގަދަ ކޮށްލަން އެމްޑީީޕީ އާއި ރައީސް ނަޝީދުގެ ހިތަށް ކެތް ވާނެ ހެއްޔެވެ؟

މި އަންނަ، ދިގު ދެމިގެންދާ ބައި އިލެކްޝަން ތަކުގައި މިއީ ފުރަތަމަ ނުކުމެދާނެ މައްސަލަ ކަމަށް މިހާރު ވެސް ލަފާ ކުރެވެ އެވެ. މިކަން މިހެން އޮތް އިރު އެމްޑީޕީ އާއި އޭޕީ އާއި ޖޭޕީގެ އަސާސީ ގަވާއިދު ބުނަނީ ކީކޭ ހެއްޔެވެ؟ މި ހުރިހާ ޕާޓީ ތަކެއްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ޓިކެޓް ދޭންވާނީ ޕްރައިމަރީއެއް ބާއްވައިގެނެވެ. އެހެން ވެއްޖިއްޔާ ގޮނޑި ގެއްލޭ މެންންބަރުންނަށް ޓިކެޓް ދޭނީ ޕްރައިމަރީ ބާއްވައި އެހެން ބަޔަކާ ވާދަކޮށް މޮޅުވާން ލާޒިމް ކުރާ ގޮތަށްތޯ ނޫނީ ތަބަކުގައި ގެންގޮސް އެމީހުނަށް ޓިކެޓް ދީގެން ހެއްޔެވެ؟

މިއިން ކޮންމެ ވިސްނުމެއް ގެންގުޅުނު ނަމަވެސް ޕްރައިމަރީގެ މައްސަލައަށް ހާއްސަ ހާލަތެއް ހޯދައިގެން ނޫނީ އިދިކޮޅުގައި އޮތް ކާނާތުފިޔަ އާއި ވާތު ފިޔައަށް އެއް ރޮނގު މަތީ ހިނގާލުމަކީ ކެރި ކުޅަދާނެ ކަމަކަށް ވާނެހެނެއް ހީއެއް ނުވެއެވެ.

އެހެން ހާލަތެއް އުފައްދަމަހާ ހެއްޔެވެ؟ މިވަރުގެ ފުރުސަތެއް ސިޔާސީ މައިދާނުގައި ތަނަވަސް ވާއިރު އިދިކޮޅު މައި ޕާޓީގެ ގޮތުގައި އެމްޑީޕީ ވެސް އޮތުމާއެކު މަސްލަހަތު ފުށުނާރާނެ ގޮތެއް ބަލައި މި އެންމެން ނުކުންނަނީ ރަށް މެދަަށް ވިހާފައި އޮތް އެމްޔޫއޯގެ ނަމުގަ އެވެ. އޭރަށް މުޅި އިދިކޮޅަށް އެކައްޗެއް ކިޔޭނެ އެވެ. އެގޮތަށް ނިންމާއިރު އެމްޔޫއޯއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނު އަދި އެނޫންވެސް ގާނޫނެއް ދަންނަ ބޮޑީއެއް ނޫނެވެ. އެ ހާލަތު ގެނެސްފި ނަމަ އޭގެ ތެރެއިން ކާމިޔާބު ހޯއްދަވާ ކެންޑިޑޭޓުން ވެގެންދާނީ މިނިވަން ޓެގެއްގައި މަޖިލީހަށް ވަދެވަޑައިގަންވާ މެންބަރުން ތަކަކަށެވެ.

ސުޕްރީމް ކޯޓްގެ ހުކުމަށް ބަލާއިރު މިނިވަން މެންބަރަކު، އޭނާ މަޖިލީހުގައި ވޯޓް ދޭ ގޮތަކުން މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުުބުނެ އެވެ. އެހެންވެއްޖިއްޔާ މިހާރު ތުހުމަތު ކުރާ ގޮތަށް އަނެއްކާވެސް "ގޮނޑި ކުށްޔަށްދޭ" އަދި "ވޯޓް ވިއްކާ" ޖަމާއަތެއް މަޖިލީހުގެ ތެރެއަށް ވިހެއީ އެވެ. އެއިން ބޭފުޅަކަށް ފައިދާވާ ގޮތަށް ކޮންމެ ހިނދެއްގައި ކޮންމެ އަތަކަށް ވެސް ވޯޓެއް ވެސް ދެވިދާނެ އެވެ. އެކަމާ ކުރެވޭނެ ކަމެއް ވެސް ކިޔޭނެ އެއްޗެއް ވެސް ނޯންނާނެ އެވެ.

އިދިކޮޅު ފަރާތްތަކުން "އާލަމްތަކުގެ ވެރި އިލާހު ގަންދީ ހުވައިކޮށް" ކިތަންމެ ބޮޑު އަގުދެއް ހެދިޔަސް އެ މެންބަރުން މަޖިލީހުގެ ތެރޭގައި ކޮންޓްރޯލް ކުރުމަކީ އިދިކޮޅު ލީޑަރުންނަށް ކުރެއްވޭނެ ކަމަކަށް ނުވާނެ އެވެ.

މިހިސާބު މިހާރު ވެސް އެމްޑީޕީ އާއި މައުމޫން އޮންނާނީ ހަދާފަ އެވެ. ގާސިމްގެ ގޮތެއް ނޭނގޭ އެވެ. އެހެންވީމާ އެމީހުން އެގޮތަށް ދޫކޮށްލާނެ ހެއްޔެވެ؟ ސަބަބަކީ އެއީ ކުރިންވެސް ޕާޓީއެއްގެ އަގުދުގައި ތިއްބަވާފައި ނުކުންނެވި ބަޔަކަށް ލިބި ވަޑައިގަންނަވާ، އަހަރު ނުވަތަ ދޮޅު އަހަރުގެ ފުރުސަތަކެވެ. އެއީ އެ މީހުންގެ އިމެއް ނެތް ވިޔަފާރީގެ ފުރުސަތަކަށް ހަދަން ދޫކޮށްލާނެ ހެއްޔެވެ؟ އެހެން ކަމުން މިހާރު އެކިޔާ ގޮތަށް އެހާ ފަސޭހައިން ގޮނޑިތައް "ދަމައިގެނެވޭނެ ގޮތެއް" އަދި ނެތެވެ. އަނެއް ކަމަކީ ނަޝީދާއި ގާސިމާއި މައުމޫނާއި އިމްރާން ވިދާޅުވާ ގޮތެއް އެ ބޭފުޅުން ހައްދަވާނެ ހެއްޔެވެ؟

ބައި އިލެކްޝަންތައް ބޯމަތިވާއިރު ލީޑަރުންނަށް ބަލައިލަމާ ހެއްޔެވެ؟ އިމްރާނު އޮންނެވީ ޖަލުގަ އެވެ. ގާސިމް ހުންނެވީ ޖަލުގެ ތުންފަތް މަތީގައެވެ. މައުމޫނަކީ ގައިބާރު ދެރަވެފައި ހުންނެވި ބޭފުޅެކެވެ. ނަޝީދު އުޅުއްވަނީ ގައުމުން ބޭރުގަ އެވެ. ކޭމްޕޭނުގެ ހާލަތަށް އައިސް ދިދަފަތިތަކާއި ބެޓިކް ޖެހި، ލިޔުންތައް ދަމާލާއިރު މި ހަތަރު ލީޑަރުންނަށް ކެމްޕޭނުގައި އުޅުއްވޭނެ ހާލަތެއް ނެތެވެ.

އެ ލީޑަރުންގެ ޓްރެކް ރެކޯޑު ވެސް އޮތީ އެވެ. ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ އާރާ ބާރުގައި ހުންނަވައި މަޖުބޫރުން ކެބިނެޓް އެކަށް އިސްތިއުފާ ދެއްވާފައި އެ ބޭފުޅުންނަށް ވަޒީރުކަން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ކާމިޔާބު ކޮށެއް ނުދެއްވުނެވެ. އެއް ބައެއް ނަން ނުވެސް ފޮނުވައި އެ ބޭފުޅުންނަށް ދެއްވީ ކެއްސެވެ. ގާސިމަށް ބަލާއިރު އޭނާއަށް އެތައް މަސައްކަތެއް ކޮށްދީ ޓިކެޓް ދޭނެ ކަމަށް ވިދާޅުވި ކިތަންމެ ބޭފުޅަކަށް ޓިކެޓް ނުދެއްވައި ލަނޑު ދެއްވި އެވެ. އޭގެ އެއް މިސާލަކީ ކެންދޫ ދާއިރާ އެވެ. ގާސިމްގެ ބަހަށް ހެސް ކިޔާފައި މަސައްކަތް ކުރެއްވީ އެހެން ބޭފުޅެކެވެ. އާހިރު ގައި ޓިކެޓް ދެއްވީ އެހެން ބޭފުޅަކަށެވެ. އެ ގޮތަށް ގާސިމް ޓިކެޓް ދެއްވަން ވިދާޅުވި ކިތަންމެ ބޭފުޅަކަށް އެ ގޮތް މެދުވެރިވި އެވެ.

ދެން ހުންނެވީ މައުމޫނެވެ. ޕީޕީއެމާއި ޖޭޕީން "އާލަމްތަކުގެ ވެރި އިލާހު ގަންދީ" ހެދި އަގުދެއްގެ ދަށުން ގެނައި ކޯލިޝަނެއްގައި އެންމެ ފަހުގެ އާންމު އިންތިހާބަށް ނުކުތް އިރު ގާސިމަށް ސިއްރުން ކެންޑިޑޭޓުން ނެރުއްވި އެވެ. އޭގެ ތެރޭގައި ދިއްދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި މަޑަވެލީ ދާއިރާ އާއި ނިލަންދޫ ދާއިރާއާ ނައިފަރު ދާއިރާ ހިމެނެ އެވެ. މިކަން މައުމޫނުގެ ބޮލަށް ދަނީ ޕީޕީއެމްގެ އޭރުގެ ރައީސަކީ އެމަނިކުފާނު ކަމަށްވާތީ އެވެ.

އެހެންވީމާ މިގެއްލޭ ގޮނޑިތަކަށް މިނިވަނުން ގޮތުގައި ވިޔަސް ނޫނީ އެހެން ގޮތެއް ވިޔަސް ކެންޑިޑޭޓުން ނުކުންނަ އިރު ސިއްރުން އަނެއްކާވެސް މައުމޫން އޭނާގެ "ހިޔަޅު ބުއްދިން" ބަޔަކު ނެރޭނެެވެ. ގާސިމް ވެސް ސިއްރުން އޭނާގެ "ސިޔާސީ ދަހިވެތި" ކަމުގައި ބަޔަކު ނެރޭނެ އެވެ. ނަަޝީދު ވެސް އޭނާގެ "ނުބައި ނުލަފާކަން" ދައްކައި ބަޔަކު ނެރޭނެ އެވެ.

މި ހުރިހާ ކަމެއް އެހެން ވާން ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމުން އަތް އުރާލައިގެން ނުތިބޭނެކަން މިހާރުވެސް މިއޮތީ ސާފުކޮށް ފެންނާށެވެ. ވީމާ ރައީސް ޔާމީން ވެސް އޭނާގެ "ޖެހިލުން ކުޑަ" ކަން ދައްކާލާނެ އެވެ. މި ބޭބޭފުޅުންގެ މާޒީގެ ސިޔާސީ "މަކަރު ބުއްދި" އަށް ބަލާއިރު މިއީ އާދައިގެ ކަމަކަށް އަދި އެހާ ފަސޭހަ ފަސޭހައިން ދާނެ ކަމަކަށް ނުވާނެ އެވެ.

އަދި އެހެން ކަމެއް ވެސް އެބަދިމާވެ އެވެ. މީގެ ތެރެއިން ބައެއް މެންބަރުންނަކީ ހޮވި ވަޑައިގަތީއްސުރެ ދާއިރާގެ ރައްޔިތުންގެ ކުރިމަތީގައި "ކަތިލެވެފައި" ތިއްބެވި ބޭފުޅުންނެވެ. އެތައް ގޮތަކަށް ހައިސިއްޔަތު ވެސް ބަދަލު ކުރެއްވި ބޭފުޅުންނެވެ. އިންތިހާބާ ދިމާކޮށް މިއިން ބޭފުޅަކު ދާއިރާއަށް ވަޑައިގަތީމާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ލީޑަރުން ވިދާޅުވެގެން އެ މީހުންނަށް އިތުބާރު ކުރާނެ ހެއްޔެވެ؟

ދެން އޮތީ "ހަވާ ފަޓާސް ބަރިއެއް" ހެން މި މެންބަރުންގެ ގޮނޑިތައް ދުއްވާލުމުން އިދިކޮޅަށް އުފެދޭނެ ޑީފޯލްޓް ހަމްދަރުދީ އެވެ. ރާއްޖޭގެ ސިޔާސީ މީހުންނާއި މަސްރަހު އެނބުރޭ ގޮތް އާންމުން ވެސް ވަނީ ދަސްކޮށްފަ އެވެ. އެ ގޮތަށް ބަލާއިރު ފުރިހަމަ ހަމްދަރުދީއެއް ފައިދާ ވާނެ ކަމެއް ކަމަކަށް ލަފައެއް ނުކުރެ އެވެ. ކުރިޔަށް މިއަންނަ ބައި އިލެކްޝަންގައި ލީޑަރަކު ވިދާޅުވެގެން ވެސް އަދި ހަމްދަރުދީއެއް ވެސް މީޑީއާ ކެމްޕޭނަކުން ވެސް ހާސިލު ކުރެވޭނީ ކުޑަކުޑަ މިންވަރެކެވެ. މި އިންތިހާބުތަކުގައި ބޮޑު ފަޅި ކުޅޭނީ ފައިސާ އިންނެވެ. އެހެންވީމާ މިއީ އާދައިގެ ބައި އިލެކްޝަންތަކަށް ނުވާނެ އެވެ. މި ބައި އިލެކްޝަންތަކަށް ދާން ޓިކެޓް ބަހައި ނިމޭނީ ފިސާރި ރަނގަޅަށް ބަޔަކު ޒަހަމުވެ ފިހި މާ އަރައިގެނެވެ. ދުނިޔޭގައި ތިބި ބަޔަކަށް މިމަންޒަރު ފެންނާނެ އެވެ.