ރިޕޯޓް

އަދަދު ހަމަކޮށްފި، ދެންވާނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން ފާސް ކުރަން މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ އެވެ. އެއް ފަހަރު މައްސަލަ ވައްދާފައި ގެންދިޔައީ އެވެ، އަނެއް ފަހަރު ރޯލްކޯލް ވޯޓު ނަގައި މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ އެވެ. އަނެއް ފަހަރު ކުއްލިއަކަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް މައްސަލަ މަޖިލީހުން ބޭރުކޮށްލީ އެވެ. މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކު ނޫނީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ފާސްކުރީ އެވެ.

ސާޅީސް ދެ މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ އިދިކޮޅު ފަރާތްތަކަށް އެ އަދަދު ހަމަނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕީޖީން ހިސާބުޖަހައިގެން އެވެ. މަޖިލީހުގައި މެންބަރުން ބެހިފައިވާ ގޮތަށް ބަލާއިރު، ޕީޕީއެމްގައި 48 މެންބަރުން ތިބި އިރު އެމްޑީޕީގައި ތިބީ 21 މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީ ހަތް މެންބަރުން ތިބި އިރު އެމްޑީއޭގައި ތިބީ ހަ މެންބަރުންނެވެ. ދެން ތިއްބަވަނީ މިނިވަން ދެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރެކެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ އަގުލަބިއްޔަތު ވަރަށް ވެސް ބޮޑެވެ. ސުޕަ މެޖޯރިޓީ އެވެ. ސާޅީސް ދެއެއް ނެރުން ވާނީ ހަމަ ވަރަށް އުނދަގޫ ކަމެއް ކަމަށް އޮތީ ގަބޫލު ކުރެވިފަ އެވެ.

ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވަމުން ދިޔައީ އެއް ވާހަކައެކެވެ. "އުޖާލާ، އުފާވެރި ދުވަސްތައް" ކުރިއަށް އޮތީ ކަމަށެވެ. ޕީޕީއެމްގެ ލީޑަޝީޕްގައި ހިމެނޭ މެންބަރުން އިއްޔެގެ ހެނދުނާ ހަމައަށް ވިދާޅުވީ އިދިކޮޅުން އެ ދައްކަނީ ދަޅައެއް ކަމަށެވެ. އެއީ ދަޅައެއް ނޫން ހަގީގަތެއްކަން ޔަގީންވެ މަންޒަރު ބަދަލުވީ އިއްޔެގެ މަޖިލީހުގެ ޖަލްސާ ފެށުނުތާ އިރުކޮޅެއްގެ ތެރޭގަ އެވެ. އޭގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑަށް ސިހުމެއް ގެނުވި އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ އަދި ރައީސް އަބްދުﷲ ޔާމީނަށް އެންމެ އިހުލާސްތެރި ކަމަށް ބެލެވިފައިވާ މެންބަރުން ވެސް ހިމެނޭ ގޮތަށް މަސީހުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމްގެ 10 މެންބަރުން އޮތީ ސޮއިކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ ވައްދާފައިވަނީ 45 މެންބަރުންގެ ސޮޔާއެކު އެވެ. ހަމަނުވާނެ ކަމަށް ބެލެވުނު 42 ސޮޔަށްވުރެ ވެސް ތިން ސޮއި އިތުރެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެންބަރެއްގެ ސޮއި ހިމެނުންވީ ސިޔާސީ މަސްރަހު ފުރޮޅިގެން ދިޔަ ކަމަކަށެވެ.

ވަރަށް ވާދަވެރި އިންތިހާބެއްގައި މަޖިލީހުގެ ރައީސް ކަމަށް މަސީހު ވަޑައިގަތީ 43 މެންބަރުންގެ ވޯޓާއެކު އެވެ. އޭނާއާ ވާދަ ކުރެއްވި ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 39 ވޯޓެވެ. ރައީސްގެ މަގާމަށް 43 ވޯޓާއެކު މަސީހު ވަޑައިގެންނެވިއިރު، އިތުބާރު ނެތް ކަމަށް މިވަނީ 45 މެންބަރުން ސޮއިކޮށްފަ އެވެ. މަޖިލީހުގެ އަގުލަބިއްޔަތު މަސީހުގެ އިތުބާރު ނެތް ކަމަށް އިއްތިފާގުވީ އެވެ.

ގާސިމް އިބްރާހިމް ރޭ ވިދާޅުވި ގޮތުގައި މި ހާލަތަކީ މަސީހުގެ ހައިސިއްޔަތު ގެއްލިފައިވާ ހާލަތެކެވެ. އެންމެ ދުވަހަކު ވެސް މަގާމުގައި މަސީހު ހުންނަވައިގެން ނުވާނެ އެވެ. ޕީޕީއެމްއާ ހިޔާލު ތަފާތުވެފައިވާ މެންބަރު މުހައްމަދު އަމީތު ވެސް ވިދާޅުވި ގޮތުގައި މަޖިލީހުގައި މަގާމުން ދުރުކުރެވޭ ރައީސްއަކަށްވެވަޑައިގަތުމުގެ ބަދަލުގައި އެންމެ ރީތި ގޮތަކީ މަސީހު އިސްތިއުފާ ދެއްވުމެވެ.

އިސްތިއުފާ ދޭން ޖެހޭ، އެކަމަކު އަމަލު އެހެން ދިމާއަކަށް!

މަސީހު މި ވަގުތު އިސްތިއުފާ ދެއްވުމަކީ ޑިމޮކްރެޓިކް އެންމެ ރަނގަޅު ހަމަކަމަށް ގިނަ ބަޔަކު ވަނީ އިއްތިފާގުވެފަ އެވެ. އެކަމަކު، އެ އިއްތިފާގަށް މަސީހު ބޯލަބާނެތޯ އެއީ ކުރެވޭ ސުވާލެވެ. މަންޒަރު ފެންނަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ފެނުނު ގޮތަށް މަޖިލިސް އެންމެ ފަހުން މެދުކަނޑާލެއްވި ތަނެވެ. ބަންދަށް ފަހު އެންމެ ޖަލްސާއެއް ބާއްވައި މެދުކަނޑާލިއިރު، އަލުން ފަށާނެ ދުވަހެއް ނާންގަ އެވެ. މިއީ މަސީހަށް ތާއީދު ހޯއްދަވަން ނުވަތަ ސޮއިކުރި ޕީޕީއެމްގެ 10 މެންބަރުން އަނެއް ކޮޅަށް އަނބުރާލުމަށް މަސައްކަތް ކުރުމަށް ވަގުތު ހޯދުން ކަމަށްވުން ވަރަށް އެކަށީގެންވެ އެވެ.

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، މަސީހުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި ސޮއި ކުރައްވާފައިވާ ކަމަށް ލިޔުމުގައި އޮވެ އެވެ. ސޮއިކުރައްވާ ކަމަށް ބުނާ ފޮޓޯ ވެސް ވަނީ އާންމުވެފަ އެވެ. ނަމަވެސް އެ މެންބަރު ވިދާޅުވަނީ އެއީ ވަގު ސޮޔެއް ކަމަށެވެ. އެކަމަކު ދެން ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރުން ވަނީ އެބޭފުޅުން ސޮއިކުރެއްވި ކަމަށް އިއުތިރާފްވެ ވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ވަގު ސޮއި ހުރިކަން ކަށަވަރު ވެއެވެ. އެހެންެ އެއީ ބާތިލު މައްސަލައެކެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި "އެއީ ދެރަނުވާން ވެގެން ދައްކާ ހޮޅި ވާހަކަ" އެވެ.

އިދިކޮޅުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި ކުރިއަށްހުރި މަސައްކަތްތަކުގައި ހުރަސްތައް ކުރިމަތިވާނެ އެވެ. މެންބަރުންނަށް އެކި ކަހަލަ ގޮންޖެހުންތައް ވެސް ކުރިމަތިވާނެ އެވެ. ނަމަވެސް އިދިކޮޅު އޮތީ އެކަންކަމާ ކުރިމަތިލާށެވެ.

މިފަދަ ވޯޓުތަކާ ގުޅިގެން އެންމެ ބޮޑަށް ދެކެވެނީ ރިޝްވަތުގެ ވާހަކަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފުރަތަމަ ނެގި ވޯޓާ ދިމާކޮށް ގާސިމްގެ މައްޗަށް ވަނީ ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ދައުވާކޮށް ޝަރީއަތް ވެސް ފަށާފަ އެވެ. ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އެކަމުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެހެން ވީމާ މިފަހަރު ވެސް ރިޝްވަތުގެ ތުހުމަތުތައް ފެންމަތިވުން ގާތެވެ.

ދެން ކޮން ބަދަލެއް؟

އިދިކޮޅުގައި މިހާރު ތިއްބެވި 45 މެންބަރުން ދެގޮތެއް ނުވެ ތިއްބަވައިފިނަމަ ސަރުކާރަށް މިވީ ތިން އަހަރު ތެރޭގައި މަޖިލީހުގެ ތެރެއިން ކަންކަން ފާސްކުރަމުން ދިޔަ ދިޔުމަށް ހުއްޓުމެއް އަންނާނެ އެވެ.

ދެން އުފެދޭ ސުވާލަކީ މަސީހަށް ކާކު ހެއްޔެވެ؟ މަސީހަށްފަހު ރައީސްގެ ގޮނޑި ސަރުކާރު ކޯލިޝަންގެ މެންބަރަކަށް ލިބުން ދުރެވެ. އިބޫ ވިދާޅުވި ގޮތުގައި މަސީހަށްފަހު ރައީސް ކަމަށް ގެންނާނެ މެންބަރެއް ކަނޑައެޅުން ވެސް ވެގެން ދާނީ ވަަރަށް އުނދަގޫ ކަމަކަށެވެ. އެއީ އިދިކޮޅުގައި އެފަދަ ގާބިލު، ބޭފުޅުންތަކެއް ތިއްބެވުމުންނެވެ.

އެފަދަ އެއް ބޭފުޅަކީ އިބޫ އެވެ. އިބޫއަކީ ލީޑަޝިޕް ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރައްވައި، އާންމު މެންބަރުންގެ އިހުތިރާމާއި ގަދަރު ހޯއްދަވާފައިވާ ބޭފުޅެކެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަޒަރުގައި އެންމެ ރަނގަޅު ބޭފުޅަކީ ގާސިމް އިބްރާހިމެވެ. ގާސިމް، މަސީހާ ވާދަކޮށް ބަލިވީ ވެސް ކުޑަ ތަފާތަކުންނެވެ. ގާސިމަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދެން އެންމެ ބޮޑު ނަމަކީ އަބްދުﷲ ޝާހިދުގެ ނަމެވެ. ކުރީގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ހަލަބޮލި ދުވަސްވަރު ސާބިތުކަމާއެކު އެ ގޮނޑީގައި އިންނެވި އެވެ. ސަރުކާރު މެންބަރުން ދެކޭ ގޮތުގައި މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ފާރިސް، މަޖިލީހުގެ ރައީސްގެ މަގާމަށް ގެނައުމެވެ. އެހެންކަމުން އެއީ ވެސް މި ލިސްޓްގައި ހިމެނޭ ނަމެކެވެ.

ފާރިސް ވިދާޅުވި ގޮތުގައި، އެކަން ނިންމާނީ މަތިން އަންނަ އޯޑަރަކަށް ނޫނެވެ. ހުރިހާ ޕާޓީތަކެއްގެ މެންބަރުންގެ މަޝްވަރާގެ މަތިން ލީޑަރުންގެ އިރުޝާދުގެ ދަށުންނެވެ. އެ މަޝްވަރާ އަދި ނުކުރެ އެވެ. ކުރާނީ މަސީހު ބޭރުކުރުމަށްފަހު އެވެ. އެއީ ބޮޑު މަޝްވަރާއަކަށްވެގެން ދާނެ އެވެ. ސިޔާސީ މަޝްރަހުގެ ކުރިމަގު ބައްޓަންވެގެން ދާނީ އެ މަޝްވަރާގެ މަތިންނެވެ. އިދިކޮޅު ބައިބައިވެ ސަރުކާރަށް ފައިދާ ވެސް ވެދާނެ އެވެ. އިދިކޮޅު ބަދަހިވެ ސަރުކާރަށް ބޮޑު އުނދަގުލަކަށް ވެސް ވެދާނެ އެވެ.