- ނައިބު ރައީސްއަށް މައްސަލަ ބާތިލް ނުކުރެވޭނެ
- މެންބަރުކަމުގައި ހުރެގެން ކުރި ކަމެއް ބާތިލް ނުކުރެވޭނެ
- ރައީސްގެ ނުފޫޒު މަޖިލީހުގެ ރިޔާސަތަށް އޮތްކަމުގެ ތުހުމަތު
ރައްޔިތުން މަޖިލީހުގެ ގަވައިދާ އެއްގޮތަށް 45 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ވަނީ ބާތިލުކޮށްފަ އެވެ. އެކަން އިއުލާން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީއަކުން އެވެ. މައްސަލަ ބާތިލުކުރީ ވެސް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މައްޗަށް ބެލުމަށްފަހު ކަމަށް މޫސާ މަނިކު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ގަވާއިދާ އެއްގޮތަށް ހުށަހެޅި މައްސަލައެއް ބާތިލުކުރިކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އެގޮތަށް އެ މައްސަލަ ބާތިލުކުރެވިދާނެތޯ މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭނީ 42 މެންބަރުންގެ ސޮޔާއެކު އެވެ. މައްސަލަ ހުށަހެޅީ، އެ އަދަދަށްވުރެ އިތުރަށް 45 މެންބަރުންގެ ސޮޔާއެކު އެވެ. ނަމަވެސް ފަހުން އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ސޮއި އަނބުރާ ގެންގޮސްފަ އެވެ.
ރީކޯ މޫސާ މަނިކު މެންބަރުންނަށް ފޮނުވި ސިޓީގައިވާ ގޮތުން މައްސަލަ ބާތިލުކޮށްފައިވަނީ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާތީ، މައްސަލަ ހުށަހެޅި މެންބަރުންގެ އަދަދު 42 އަކަށްވުރެ މަދުވެފައިވާތީ އެވެ. ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކުރައްވާފައިވާ މެންބަރުންނަކީ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ގޮތުގައި މެންބަރުންގެ ގޮނޑި ގެއްލިޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނު އަސާސީއާ ހިލާފަށެވެ. ސުއޫދު ވިދާޅުވީ، ގޮނޑިއެއް ހުސްވެއްޖެކަމާމެދު ސުވާލު އުފެއްދިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ. ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ވަނީ އެގޮތަށެވެ.
އެހެންކަމުން މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައަޅާފައިނުވަނިކޮށް، އެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ނިންމާ މަސީހުގެ މައްސަލަ ބާތިލުކުރީ ކޮން ހަމައަކުންތޯ ގިނަ ގާނޫނީ ބޭފުޅުންނާއި މަޖިލިސް މެންބަރުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. މީގެކުރިން ވެސް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުންނެވެ.
އޭޖީ މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި މިފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުން މަޖިލީހަށް، މެންބަރަކު އިންތިހާބުވި ޕާޓީއިން ވަކިވެއްޖެކަން އަންގައިފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް، އެގޮތަށް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ހަތަރު މެންބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ މާކުރިން އެ ޕާޓީން ވަކިކޮށްފައިވާ މެންބަރުން ކަމަށް އެ މެންބަރުން ދަނީ ވިދާޅުވަމުންނެވެ. އެކަން އިލެކްޝަން ކޮމިޝަނަށް ވެސް ޕީޕީއެމް އަންގާފައި އޮތް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އެކަން ކުރިން ނާންގައި އޮތުމަކީ އެ ކޮމިޝަނުން ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ އެއް ދުވަސްކުރިން ޕީޕީއެމްއަށް މޫސާ މަނިކު ގުޅިވަޑައިގަތްކަން އިލެކްޝަން ކޮމިޝަނުން ވަނީ މަޖިލީހަށް އަންގާފަ އެވެ. އެހެންކަމުން އިލެކްޝަން ކޮމިޝަނުގެ މިނިވަންކަމާމެދު ސުވާލު އުފައްދައި، އެ މެންބަރުން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އަދި އެ މެންބަރުންގެ ގޮނޑިއާމެދު ގޮތެއް ކަނޑައަޅައިދޭން އެދިފަ އެވެ.
މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނަމަވެސް އެ މައްސަލަ ހުށަހެޅިއިރު އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވާއިރު މައްސަލަ ބާތިލުކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ. ރައީސް މައުމޫން ވިދާޅުވީ، ހަތަރު މެންބަރުން ސޮއި ކުރެއްވީ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ކަމަށާއި އެ ލިޔުމުގައި އެ ހަތަރު މެންބަރުންގެ ސޮއި އުނިވެފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ގާނޫނީ ވަކީލަކު ވިދާޅުވީ، މެންބަރުންގެ ގޮތުގައި ތިއްބަވައި އެ މެންބަރުން ކުރައްވާފައިވާ ކަމެއް ގޮނޑި ގެއްލުނު ނަމަވެސް ބާތިލު ނުކުރެވޭނެ ކަމަށެވެ. އެގޮތަށް މަސީހުގެ މައްސަލަ ބާތިލުވާނަމަ މީގެކުރިން އެ މެންބަރުން ހުށަހެޅުއްވި ގަރާރުތަކާއި ވޯޓުތައް ވެސް ބާތިލުވެގެންދާނެ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވަނީ މީގެކުރިން ވެސް މެންބަރުންގެ ގޮނޑި ހުސްވި ނަމަވެސް އެ މެންބަރުން މަޖިލީހަށް ހުށަހެޅި ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމުގެ މިސާލެއް ވެސް ދައްކަވާފަ އެވެ. އެއީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އިސްލާމިކް ޔުނިވާސިޓީގެ ބިލް ހުށަހަޅުއްވާފައިވަނީ، 2011 ވަނަ އަަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މެންބަރު އަފްރާޝީމް އަވަހާރަކޮށްލައި، އެ ގޮނޑި ހުސްވެފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ މާފަހުން އަފްރާޝީމް ހުށަހެޅުއްވި ބިލް ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ފާސްކުރީ 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ވަކީލަކު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނެ ކަމަށް ގާނޫނުގައި ވަނީ އެ ޖަލްސާއަށް ވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށްވާއިރު، ގަވައިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވޯޓަށް އަހަން މަޖުބޫރުވާނެ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި ފަހުން ގޮނޑި ގެއްލުނު މެންބަރުންނަށް ޖަލްސާގައި ބައިވެރިވަޑައިނުގެންނެވުނު ނަމަވެސް އެ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ. އަދި، މައްސަލަ ހުށަހެޅި، އެޖެންޑާކުރުމަށްފަހު އެ މައްސަލައެއް މަޖިލީހުގައި ނަގާ ވޯޓަކުން ނޫނީ ބޭރު ނުކޮށްލެވޭނެ ކަމަށް ވެސް އެ ވަކީލު ވިދާޅުވި އެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސާގައި ގޮތް ނައިބު ރައީސްއަށް ނުނިންމޭނެ ކަމަށް ވެސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނައިބު ރައީސްއަށް އޮތް ދައުރަކީ ހަމައެކަނި އެ މައްސަލާގެ ޖަލްސާގެ ރިޔާސަތު ބެލެއްހެއްޓުން ކަމަށެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ހުރިހާ ކަމެއް ކުރިއަށް ގެންދަވަން ޖެހޭނީ މަޖިލީހުގެ އަމީންނާމު ކަމަށެވެ. ނައިބު ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ރީކޯ މޫސާ މަނިކު ވަނީ އެކަމަށް އިންކާރު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. މޫސަ ވިދާޅުވީ، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގެ ޖަލްސާއާ ގުޅޭ ކަންކަން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކުރައްވަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.
ރީކޯ މޫސާ ވަނީ، މައްސަލަ ބާތިލުކުރި ސަބަބު ވެސް ވިދާޅުވެފަ އެވެ. މޫސަ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާގެ (ހ) ގައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް 42 މެންބަރުންނަށްވުރެ މަދު ނޫން މެންބަރުންގެ ސޮޔާއެކު ސަބަބު ބަޔާންކޮށް ހުށަހެޅިދާނެ ކަމަށެވެ. އަދި ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް މައްސަލަ ފޮނުވޭނީ 42 މެންބަރުންގެ ސޮއި އޮވެގެން ކަމަށާއި، މިހާރު ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާތީ، 42 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ފޮނުވެން ނެތް ކަމަށް މޫސާ މަނިކު ވިދާޅުވި އެވެ. މައްސަލަ ބާތިލުކުރީ އެކަމަށް ބަލާފައި ކަމަށެވެ. ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވަނީ އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމަށް ރިޔާއަތްކޮށް މަޖިލީހަށް ފޮނުވާފައިވާ ސިޓީއަށް ބެލުމަށްފަހު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.