ރިޕޯޓް

މަސީހަށް ފަހު ގާސިމް: ދުސްތޫރީ ބޮމެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރު ކުރަން މިހާރު ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ ސިޔާސީ އަދި ޕާލަމެންޓްރީ ހަޔާތުގައި ކުރާނެ އެންމެ "އަގު ބޮޑު" ސިޔާސީ މަސައްކަތް ކަމަށް ބެލެވިދާނެ އެވެ. މިހާރު މަޖިލީހުގެ "އައްޑިހަފެހެއް" ބައި އެޅިފައި އިން ފޯމޭޝަނަށް ބަލާއިރު މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުވުމަކީ ގާތްގަނޑަކަށް ޔަގީން ކަމެކެވެ. މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ވެސް ހިމަނައިގެން މަސީހާ ދެކޮޅަށް 46 މެންބަރުން ހަމަވެ އެވެ. އަނެއްކޮޅަށް 38 އަށެވެ. އޭގެ ތެރެއިން މަސީހާއި މޫސާ މަނިކުގެ ވޯޓް އުނިވެގެން ދިއުުމުން އެ އަދަދު 36 އަށް ތިރިވާނެ އެވެ.

މަސީހަށް އޭނާގެ މަގާމު ގެއްލި، އަމިއްލފުޅު ދާއިރާގެ ގޮނޑީގައި އިށީނދެ ވަޑައިގަންނަވަން ޖެހިވަޑައިގަންވާނެ ކަމަށް ބަލަމާ ހެއްޔެވެ؟

އެހެންވެއްޖިއްޔާ އެ މަގާމަށް ބޫޓު އޮފު ކުރައްވައި ކޯޓް ހެޔޮވަރު ކުރައްވައިގެން މިހާރު ވެސް ބޭފުޅުންކޮޅެއް ތިއްބަވާނެ އެވެ. ކިޔޫއެއް މިހާރު ވެސް އެބަޮތެވެ. މިހާތަނަށް ފެނުނު މަންޒަރަށް ބަލާއިރު ކުރިން ވެސް އެ މަގާމު ފުރުއްވެވި އަބްދުﷲ ޝާހިދަކީ އެ މަގާމަށް ވަޑައިގެންފާނެ ބޭފުޅެއް ކަމަށް ބެލެވުނު ނަމަވެސް ޝާހިދު ވަނީ އެ މަގާމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށް ވިދާޅުވެފަ އެވެ. – އެކަމަކު ސިޔާސީ ބޭފުޅުން ކަމަކަށް ނޫނެކޭ ވިދާޅުވުމަކީ ހިތުން އެކަމަކަށް އާނއެކޭ ވިދާޅުވުން ފަދަ ކަމެކެވެ. –

މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް މިވަގުތަށް ކިޔޫ ޖެހިވަޑައިގަންނަވާނީ އިދިކޮޅު މެންބަރުންނެވެ. ސަރުކާރު ފަޅިން އަދި ކޮށި އަރާފައިވާތީ އުޅޭނީ ހޭބޯ ނާރަ އެވެ.

އިދިކޮޅުން ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޕާލަމެންޓްރީ ހަޔާތުގެ ތަޖުރިބާ ބޮޑު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަން ކުރެއްވި އަދި މަސީހާއެކު މިހާރު މިއޮތް މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވައި ސިޔާސީ މަސްރަހު ބޮޑު ކޯޅުމެއްގެ ތެރެއަށް ގެންދެވުމަށް ފަހު "ބޮޑު ފަޅީ" ގެ ކޯލިޝަން ރޫޅައިލި ގާސިމް އިބްރާހިމް އެބަހުންނެވި އެވެ.

އިބޫ ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމަށް އޭގެ ތެރެއިން ވަކި ބޭފުޅަކު ހިޔާރު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. ސަބަބަކީ ގާބިލު ބޭފުޅުން ގިނަވުމެވެ.

އެއީ އެންމެ ރަނގަޅު ވާހަކަފުޅަކަށް ވެދާނެ އެވެ. އެކަމަކު ހަގީގީ އެންމެ ބޮޑު މައްސަލައަކަށް ވާނީ ގާސިމްގެ މަސްލަހަތާއި އޭނާގެ މައްސަލަކަން ޔަގީނެވެ. ގާސިމަކީ މި މަގާމަށް ވަރަށް ޝައުގުވެރި ވަޑައިގަންނަވާ ބޭފުޅުކެވެ.

މިކަހަލަ ދަނޑިވަޅެއްގައި ގާސިމަށް "އަނިޔާ" ކޮށްގެން އަތުން އެއްޗެއް ބީވެދާނެ ކަމުގެ ބިރަށްޓަަކައި މަޖިލީހުގެ ރައީސް ކަމަށް ގެންނަން އިދިކޮޅުން ދައްކާ ފުރަތަމަ ނަމަކީ ގާސިމް ކަމަށް ވުން ވަރަށް ކައިރި އެވެ. މިދިއަ ދުވަސްތަކުގައި ކުރި "އަގު ބޮޑު" މަސައްކަތު މޭވާ ބިންނަ އިރު ގާސިމަށް ފުރުސަތު ލިބިވަޑައި ނުގެންފިނަމަ އިދިކޮޅު ކޯލިޝަނަށް ބޮޑު "ބިންހެލުމެއް" އަނެއްކާވެސް އަތުވެދާނެ ކަމަށް ބަލައިގެން އިދިކޮޅު ފަރާތްތަކުން މިވަގުތަށް އެންމެ ބޭނުންވާނީ ގާސިމް ރުއްސައި ދިނުމުގެ ގޮތުން އެ މަގާމަށް އޭނާ ގެނެސްދޭން މަސައްކަތް ކުރުމެވެ.

ނޫނީ ބޭރަށް އެ މަންޒަރު ދައްކާފައި ބާއްވައިގެން ކޮންމެވެސް އެހެން ގޮތަކަށް އަނބުރާލާނީ އެވެ. ސަބަބަކީ ގާސިމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފިތާލެވޭ ގޮތަށް އިންނަން ނުޖެހޭ ބަޓަނަކަށް ހެދުމަކީ ވަރުގަދަ އެހެން ސިޔާސީ ކޭމްޕްތަކުގެ ފިކުރެކެވެ.

އޭގެ އެއް މިސާލަކީ ޖޫން 25، 2015 ގައި މަޖިލީހުގެ 77 މެންބަރުންގެ އަޣުލަބިއްޔަތުން ގާނޫނު އަސާސީއަށް ގެނައި ބޮޑު ބަދަލެވެ. އެ ބަދަލުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރެއްވުމުގެ ފުރުސަތެއް ގާސިމަކަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އަދި ގާސިމްގެ މުޅި މަސައްކަތް ބިނާވެފައި ވަނީ އެ ބަދަލު ރޫޅައިލުމަށެވެ. އެހެން ކަމުން ބާރުގަދަ އެހެން ކޭމްޕްތަކުން އިއްތިފާގުވެފައިވާ އެ ނިންމުމުގެ މާނައަކީ ސިޔާސީ މައިދާނުގައި "ޑިސައިޑާ" އެއްގެ ގޮތުގައި ގާސިމްގެ ބާރު އޮންނަ އޮތުން ކަނޑުވާފައި ބޭއްވުމަށް އެ ފަރާތަކުން އަދިވެސް ތިބޭނީ ރުހިގެނެވެ. ތަފާތު ވާނީ ބޭރަށް ފެންނަ ކުލަވަރެވެ.

މިހާރު މިއޮތީ ސިޔާސީ ބޮޑު މަސައްކަތެއްގައި ފަންސާ ފަންސާހޭ ނުކިޔޭ ވަރަށްވުރެ އެއް ފަރާތަށް ބަރުވެފަ އެވެ. މި "ވިޔަފާރީ" ގައި ގާސިމް މަޖިލީހުގެ ރައީސް ކަމާ ދިމާއަށް ބައްލަވާލައްވާއިރު އެމްޑީޕީ އާއި ޕީޕީއެމް އެކުވެގެން ގާނޫނުއަސާސީއަށް ގެނައި ބަދަލާ ހެދި، ކިޔޫގައި ތިއްބެވި އެހެން ބޭފުޅުން ފިޔަވައި ގާސިމާ ދިމާއަށް ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް އެބަ އާދެ އެވެ. ލެޖިސްލޭޓިވް އެޖެންޑާ އާއި ސުޕުރިމަސީގެ ތެރެއިން މި ދުސްތޫރީ "ބޮން" ޑިފިއުސް ނުކުރެއްވިއްޖެ ނަމަ މިއީ ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ރަށް ގުޑާނެ ސިޔާސީ ބިން ހެލުމަށް ވެދާނެ އެވެ. – އެހެން ވާކަށް ލާޒިމެއް ނޫނެވެ.

ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވެ އެވެ. އަދި ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ހަގު އުމުރަކީ 30 އަހަރެވެ. ޕޮލިޓިކަލް ސުވިޗް އިންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ނެތް ހާލަތެއް ކޮންމެ ހިނދެއްގައި ވެސް އަތުވެދާނެ އެވެ. އެއަކީ އެއްވެސް މީހަކަށް ވަޒަން ކުރަން އެނގޭނެ ކަމެއް ނޫނެވެ.

އެ ބާގަނޑު ފޫބައްދަން ގާނޫނު އަސާސީގައި އިމެއް ޖަހައި ދީފައި ވެއެވެ. އޭގައި ބުނާ ގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަގާމުގެ ޒިންމާތައް އަދާ ކުރައްވަން ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

ގާނޫނު އަސާސީގައި ރައީސުލްޖުމްހޫއްރިއްޔާ ކަމަށް ވަޑައިގެންނެވޭ ބޭފުޅެއްގެ އުމުރު މިހާރު ކަނޑައަޅާފައި އޮތުމުން 65 އަހަރު ވެފައިވާ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަކީ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ އެ ޒިންމާ ރައްޔިތުންގެ މަޖިލީޙުގެ ރައީސް އުފުއްލަވަން ހަވާލު ކުރުމުގައި ދުސްތުރީ މައްސަލައެއް ނުކުމެދާނެ ކަމެކެވެ. އަދި އެއީ ވިސްނައި ނުލައި ގާނޫނުއަސާސީއާ ކުޅުމުން ހެދޭ ލޯވަޅުތައް އިތުރަށް ފެނިގެން ހިނގައިދާނެ ކަމަކަށް ވެސް ވެދާނެ އެވެ.

މަސީހަށް ފަހު މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެންނަން އިދިކޮޅު ފަރާތްތަކުން "ވަރަށް ބޭނުންވާނެ" އެވެ. އެއަށްވުރެ ބޮޑަށް ގާސިމް އެ މަގާމަށް ޝައުގުވެރި ވަޑައިގަންނަވާނެ ކަމީ "ކަޅު ކަޅުހާ" ސާފު ކަމެކެވެ. މިހާރު ވެސް މި މަޝްވަރާރާތައް ހިނގާނެ އެވެ.

މިހާރު ވެސް ރަނގަޅަށް ދިރާސާ ކޮށްފިއްޔާ "އެ ރަށުގެ" ޓޫރިސްޓު އޮކިއުޕެންސީއަށް ވުރެ ގިނަ ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް މަޝްވަރާކުރުމަށް ވަޑައިގެން އުޅުއްވާ ސިޔާސީ މީހުން ކަމަށް ދައްކާއިފާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އުމުރުގެ ޝަރުތެއް ނޯވެ އެވެ. ގާސިމަށް އެ މަގާމަށް ވަޑައި ގެންނެވި ދާނެ ކަމަށް ބަލަމާ ހެއްޔެވެ؟

އެކަމަކު މާދަމާ ވެސް ރައީސުލްޖުމްހޫރިއްުޔާ އާއި ނައިބު ރައީސްގެ މަގާމަށް ގޮތެއް ދިމާވެއްޖެއްޔާ މިހާރު ގާނޫނު އަސާސީގައި އެ ދެ މަގާމަށް ފިޓް ކޮށްފައިވާ އުމުރުގެ ދުސްތޫރީ މައްސަލަ އައިސް ގާސިމްގެ ގައިގައި ލައިގަންނާނެ އެވެ. އަވަސް އަރުވާލައިގެން ގާނޫނު އަސާސީ ބަދަލު ކުރި އިރު އެކަމަށް ވިސްނުން ގެންގުޅެފައެއް ނުވެއެވެ. އޭރު އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ބަންޑާރަ ނައިބު މަޖިލީހަށް ކޮންސަލްޓޭޓިވް އޮޕީނިއަން އެއް ވެސް ދެއްވާފައެއް ނުވެއެ އެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މަޖިލީހުގެ ރައީސް ކަމަށް 65 އަހަރުގެ ބޭފުޅަކަށް މިހާރު އޮތް ގޮތުން އާދެވިދާނެ، އެކަމަކު އޭގެ ކުރިން ޖެހޭނެ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް އުފުުލުމުގައި ކަނޑަ އަޅާފައިވާ އުމުރުގެ މައްސަލަ އަށް ފިޓްވާނެ ގޮތަށް މަޖިލީހާއި ސުޕްރީމް ކޯޓްގެ ތެރެއިން ގޮތްތަކެއް ހޯދަން، މިދެން އަޅުގަނޑަށް ފެންނަ ގޮތް، މިއީ ކުރިން ވިސްނާ ލެވިފައި ނެތް މައްސަލައެއް،" ނަން ހާމަ ނުކުރުމަށް އެދި ވަޑައިގެން ވާހަކަފުޅު ދެއްކެވި ދައުލަތުގެ އިސް މަގާމެއް ކުރިން ފުރުއްވެވި ގާނޫނީ ބޭފުޅަކު ވިދާޅުވި އެވެ.

ދައުލަތުގެ އެ މަގާމަގާ ތިމާގެ އެހެން މަގާމެއް ފުރުއްވެވި އެހެން ގާނޫނީ ބޭފުޅަކު ވިދާޅުވި ގޮތުގައި މި މައްސަލައަކީ ދުސްތޫރީ ސުވާލު ތަކެއް ކުރިމަތިވެދާނެ އަދި ބަހުސަކަށް ހިނގައިދާނެ މައްސަލައެކެވެ. ސަބަބަކީ މިހާރު ސިޔާސީ މަސްރަހު ވެސް ކުއްލި ގޮތަކަށް ބަދަލުވެފައިވާ ގޮތުންނެވެ. އެހެން ނަމަވެސް އޭނާ އަމިއްލަފުޅު އޮޕީނިއަނެއް ދެއްވާނަމަ ބުރަވެ ވަޑައިގަތީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އުމުރު ކަނޑަ އަޅާފައި ނެތުމުން 65 އަހަރުގެ ބޭފުޅަކަށް ވެސް އެ މަގާމަށް ވަޑައިގެނެވޭނެ ކަމަށެވެ. އެކަމަކު އެ ހާއްސަ ހާލަތުގައި އެންމެނަށް ރުހެވޭނެ "ޑިފެކްޓޯ" ހަމައިން ހޯދަން ޖެހޭނެ އެވެ. އެކަން ވަދެގެން ދާނީ ދުސްތޫރީ ނިންމުމުގެއްގެ ތެރެއަށެވެ.

"ކޮންމެ ގޮތެއްވިޔަސް ގާނޫނު އަސާސީގައި އެބައޮތް ގޮތެއް... އެއާއެކީ ހަމަ ގާނޫނުއަސާސީގައި އޮތް ކަމަކާ ގުޅިގެން ހާއްސަ ހާލަތެއް އަންނަނީ އެ ހާއްސަ ހާލަތުގައި އެމީހާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޒިންމާއާ ހަވާލުވާނަމަ އެ މީހާއަށް ނިސްބަތްވާ ޑިފެކްޓޯ ގޮތްތަކެއް ހޯދަން ޖެހޭނެ. މިސާލަކަށް ކެއާޓޭކާ އެއްގެ ގޮތުގައި ވަޑައިގަންނަވާ ނަމަވެސް ދިމާވާދެނާ އެ މައްސަލައަށް މަޖިލީހުން ގޮތެއް ހޯދަން ޖެހޭނެ، އަދި އެކަމަށް ސުޕްރީމްކޯޓުން މަގެއް ސާފު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މިއީ މައްސަލަ އެކެވެ. މި މައްސަ ދުސްތޫރީ ބަހުސަކަށް ވެގެންދާއިރު ނޫނީ އެގޮތަށް ބެލެވޭ އިރު އެންމެ ބޮޑު މައްސަލަކަށް ވެގެންދާނީ މިހާރު އެކަތިގަނޑަކަށް ވެފައި އޮތް އިދިކޮޅު ކޯލިޝަނަށެވެ. އެ ކޯލިޝަން މިހާރު މޫވް ކުރާ ގޮތަށް ބަލާއިރު ގާސިމަކީ ކޯލިޝަންގެ "ޑިސައިޑާ" އެވެ. އޭނާ ބޭނުންފުޅު ނުވާ ގޮތަކަށް މި ހާލަތުގައި ކަމެއް ފުރޮޅިއްޖެނަމަ ކޯލިޝަން ބައިބައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ގާސިމްގެ ވަސީލަތްތައް ބޭނުން ކުރުމާއެކު ކުރިޔަށް ދުވާ މި އިއްތިހާދާއެކު މި ހާލަތުގައި ގާސިމަށް ފިޓްވާނެ ހާއްސަ ދުސްތޫރީ އުސޫލެއް ނުހޯދިއްޖެނަމަ ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ގޮނޑީގައި ގިނަ ދުވަހު އިންނެވޭނެ ކަމަކަށް ނުފެނެ އެވެ. އޭރަށް އަނެއްކާވެސް ގަަދަވާނީ "ގާނޫނުއަސާސީގެ ދިފާއުގައި" ނުކުތުމަށް ގޮވާ އަޑެވެ.