ހަބަރު

ހަޝިޝް އޮއިލް އާއެކު އިންޑިއާއިން ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ހިފައިގެން ރާއްޖެއަށް އަންނަން އުޅުނު ދިވެއްސަކު އިންޑިއާގައި އިއްޔެ ހައްޔަރު ކޮށްފި އެވެ.

ދަ ހިންދޫ ނޫހުން ބުނީ ދިވެހި މީހާ ހައްޔަރު ކުރީ ހަޝިޝް އޮއިލް ޕެކެޓެއް ފައި ބަނދެގެން ފުރަން ގޮސް ތިރުވަނަންތަޕޫރަމް އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓައި ކަމަށެވެ. އަދި ބުނީ އޭނާ އަތުން ހަޝިޝް އޮއިލް ފެނުނީ އެ އެއާޕޯޓްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ، ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އޭވިއޭޝަން ސެކިއުރިޓީ ގްރޫޕް (އޭއެސްޖީ) ގެ ސިފައިންނަށް ކަމަށެވެ. އޭނާ އެތަކެއްޗާ އެކު ފުރަން އުޅުނީ އިއްޔެ ހެނދުނު އިންޑިއާ ގަޑިން 8.30 ގައި ރާއްޖެއަށް ފުރި އިންޑިއާ އެއާލަައިންގެ އޭއައި 263 މަތިންދާ ބޯޓުންނެވެ.

ޖެލްގެ ގޮތުގައި ހުރި ހަޝިޝް އޮއިލް އާއި އެކު އަތުލައިގަތް މީހާ އަކީ އުމުރުން 25 އަހަރުގެ ލުތުފީ މުޙައްމަދު ނަމަކަށް ކިޔާ މީހެއް ކަަމަށް އޭއެސްޖީގެ އޮފިސަރުންނާ ހަވާލާދީ ނޫހުން ބުންޏެވެ.

އޭނާ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަޕޫރަމްއަށް ގޮސްފައި ވަނީ ޓޫރިސްޓް ވިސާއެއްގައި މިދިޔަ ހަފްތާގައެވެ. އޭނާ އަތުން ފެނުނު ހަޝިޝް އޮއިލްގެ ބަރުދަނުގައި 700 ގްރާމް ހުރި ކަމަށާއި އޭގެ އަގު 40 ލައްކަ (ހަތަރު މިލިޔަން) އިންޑިއާ ރުޕީސް އަށް އަރާނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ.