ހަބަރު

ޕީޕީއެމްއިން ވަކިވި މެންބަރުން އަލުން ގުޅެން ފުރުސަތު އެބައޮތް: ފަލާހު

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ވަކިވެވަޑައިގަތް ހުރިހާ މެންބަރުންނަށް އަލުން ގުޅުމުގެ ފުރުސަތު އޮތް ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ އިއްޔެ 10 މެންބަރަކު ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެވަޑައިގަތުމާއެކު ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ އޮތް މެޖޯރިޓީ ގެއްލިފައި ވަނިކޮށެވެ.

ޕީޕީއެމްއާ އެމްޑީއޭ ކޯލިޝަން ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރެއްވުމަށް ފަހު ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އެ ކޯލިޝަންގެ ޕީޖި ގްރޫޕުން ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި އެ މެންބަރުން ސާބިތުކަމާއެކު ރައީސް ޔާމީންއާ އެކު ތިއްބަވާނެ ކަމަށެވެ. އެހެންކަމުން ޕާޓީ އިން ވަކިވެވަޑައިގަތް މެންބަރުން
ވީހާވެސް އަވަހަށް އެނބުރިވަޑައިގަތުމަށް އެދޭ ކަމަށާއި އަދިވެސް އެ ފުރުސަތު އެ މެންބަރުންނަށް އޮންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ޕީޖީގެ މުޅި ޓީމު އޮތީ ރައީސް ޔާމީންގެ ފަހަތުގައި. މި ޓީމެއް ދެނެއް އިދިކޮޅު ފަރާތްތަކަށް ގުޑުވައެއް ނުލެވޭނެ. ޕީޕިއެމްގެ ޓިކެޓުގައި ދާއިރާތަކުން ހޮވިވަޑައިގަތް މެންބަރުންނަށް ޕީޕިއެމްއަށް ހިދުމަތް ކުރުމަށް އަދިވެސް ފުރުސަތު އެބަ އޮތް. މާދަމާ ވެސް ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވެފައިވާ އިތު ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވެސް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ އެ ޕާޓީން ކެނޑިގެން ދިޔަ މެންބަރުން ލަސްތަކެއް ނުވެ ޕީޕީއެމްއާ ގުޅޭނެ ކަމަށެވެ.