ބޮލީވުޑް

ރަންބީރު ބޭނުންވަނީ ފިލްމު ޑައިރެކްޓްކުރަން

Jul 12, 2017

ރަންބީރު ކަޕޫރު އަލަށް ޕްރޮޑިއުސްކޮށްފައިވާ ފިލްމަކީ ހުކުރު ދުވަހު ރިލީޒްކުރާ "ޖައްގާ ޖާސޫސް" އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން އުފައްދަމުން އަންނަ މި ފިލްމަކީ ރަންބީރާއި މި ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ގުޅިގެން އުފައްދފައިވާ ފިލްމެކެވެ.

އަލަށް ޕްރޮޑިއުސްކުރި ފިލްމާއެކު ރަންބީރަށް ކުރެވިފައިވަނީ ވަރަށް ހިތި ތަޖުރިބާ އެކެވެ. ފިލްމުގެ މަންޒަރުތައް ނުނެގި ރިލީޒް ކުރުން އެތަކެއް ފަހަރު މަތިން ލަސް ކޮށްފައިވާއިރު މި ފިލްމަށް ރަނގަޅު ކާމިޔާބެއް ލިބިގެން ނޫނީ ފިލްމަށް ކުރި ހަރަދު ފޫނުބެދޭނެ އެވެ.

"ޖައްގާ ޖާސޫސް" ޕްރޮޑިއުސްކޮށްގެން ލިބުނު ފިލާވަޅުން އިތުރު ފިލްމެއް ޕްރޮޑިއުސްކުރާކަށް ރަންބީރެއް ގަސްތެއް ނުކުރެ އެވެ.

އިތުރަށް ފިލްމު ޕްރޮޑިއުސްކުރަން ބޭނުން ނުވި ނަމަވެސް ރަންބީރު ވަނީ ފިލްމުގެ ޑައިރެކްޓް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އެކްޓަރެއްގެ ގޮތުގައި އަހަރެންގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ، ދެން ފިލްމު ޕްރޮޑިއުސްކުރުމުގެ ޝައުގެއް ނެތް. ފިލްމު ޑައިރެކްރަން ވަރަށް ބޭނުން،" ރަންބީރު ބުނެފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައިި ރަންބީރު ފިލްމުތައް އުފެއްދުމުގައި ހަރަކާތްތެރި ނުވި ނަމަވެސް "ޖައްގާ ޖާސޫސް" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ރަންބީރުގެ ނަން ހިމެނުމަކީ އޭނާ އުފާކުރާ ކަމެކެވެ.

"ޖައްގާ ޖާސޫސް" އަކީ އަނޫރާގްގެ ފިލްމެއްގައި ރަންބީރު މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މީގެކުރިން ރަންބީރު ވަނީ 2012 ވަނަ އަހަރު ނިކުތް އަނޫރާގްގެ "ބަރްފީ" ގެ ލީޑްރޯލު ކުޅެފަ އެވެ.

މި ފިލްމަކީ ރަންބީރާއި އެންމެފަހުގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ރުޅިވިފަހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ފިލްމު މިހާ ބޮޑަށް ލަސްވެފައިވަނީ ރަންބީރާއި ކެޓްރީނާ ރުޅިވެ ދެމީހުން އެއްގަލަކަށް ނޭރުމުންނެވެ.


މި ފިލްމަކީ ޒުވާނަކު އޭނާގެ ބައްޕަ ގެއްލިިގެން ހޯދުމަށް ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ.