ބޮލީވުޑް

ކުޑަކުއްޖެއްގެ ރޯލު ކުޅުނު ހަނދާން ނީތޫ އާކޮށްފި

"ދޯ ކަލިޔާން" ގައި ކުޑަ ކުއްޖެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރުގެ ހަނދާންތައް ނީތޫ ކަޕޫރު އާ ކޮށްފި އެވެ. އެ ފިލްމުގައި ނީތޫ ކުޅެފައިވަނީ ގަންގާ އާއި ޖަމުނާ ކިޔާ އެއްމާބަނޑު ދެބެންގެ ރޯލެވެ.

"ދޯ ކަލިޔާން" އަކީ 1968 ގައި ރިލީޒް ކުރި ފިލްމެކެވެ. ނީތޫ ޝެއާ ކުރި ވީޑިއޯއަކީ އެ ފިލްމުގައި ނީތޫ ކުޅުނު ލަވައެއްގެ މަންޒަރު ތަކެކެވެ.

"މުރުގާ މުރުގީ ޕިޔާރް ސެ ދޭކޭ" މި ލަވައަކީ މައިންބަފައިން ވަކިވުމުން ކުޑަ ކުއްޖަކަށް ކުރާ އަސަރުތައް ބަޔާން ކޮށްދޭ ލަވަ އެކެވެ. މިހާ ކުޑަކުޑައިރު ވެސް މި ލަވައިގައި ނީތޫ އެކްޓް ކޮށްފައިވާލެއް މޮޅުކަން ލަވަ ބެލި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

ފިލްމުގެ ވީޑިއޯކޮޅެއް އިންސްޓަގްރާމްގައި ޝެއާ ކުރަމުން ނީތޫ ވަނީ މާޒީގެ ހަނދާންތައް އާކޮށްފަ އެވެ. ނީތޫ ބުނި ގޮތުގައި މި ލަވައިގައި އޭނާ ހުރީ ވަރަށް ގަދަޔަށް މޭކަޕް ކޮށްފަ އެވެ.

ނީތޫގެ މި ވީޑިއޯއަށް ވަރަށް ގިނަ އެކްޓަރުންނާއި ފަންނާނުން އަދި ނީތޫގެ އަންހެން ދަރިފުޅު ރިދީމާ ސަހާނީ ވަނީ ކޮމެންޓް ކޮށްފަ އެވެ. އަދި މި ވީޑިއޯގައި ނީތޫ ވަރަށް "ލޯބި" ކަމަށް އެންމެން ވެސް ބުނެފައި ވެއެވެ.

މި ލަވައަށް ކޮމެންޓުކުރި ފޭނަކު ކުރި ކޮމެންޓަށް ވެސް ނީތޫ ޖަވާބު ދީފައި ވެއެވެ. އެ މީހާ ބުނަނީ ލަވަ ބަލާފައި ނީތޫގެ އުމުރު ލަފާ ކޮށްލަން އެނގޭ ކަމަށެވެ. ޖަވާބުގައި ނީތޫ ބުނަނީ އެ ލަވަ ކުޅުނުއިރު އޭނާއަށް އަށް އަހަރު ކަމަށެވެ.

އެހެން ފޭނަކު ބުނީ ވަރަށް ގިނަ ފަހަރު އޭނަ ބެލި ފިލްމެއް ކަމަށާއި އޭނާގެ ފޭވަރިޓް ފިލްމު ކަމަށެވެ.

ރަންބީރަށް އެކްޓިން ހުނަރު ލިބުނީ މަންމަގެ ފަރާތުންކަން މި ލަވަ ބަލާލުމުން ޔަގީންވާ ކަމަށް އެހެން ފޭނަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ. މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ނީތޫ ވަރަށް އެކްޓިވްކޮށް އުޅޭތީ ދަނީ ފެންނަމުންނެވެ. ޚާއްސަކޮށް ފިރިމީހާ ރިޝީ ކަޕޫރު މަރުވުމުން ވަރަށް ބޮޑަށް އެކަނިވެރިވެފައިވާ ނީތޫ މިހާރު ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ޝެއާކުރެ އެވެ.