ބޮލީވުޑް

ރިޝީ ނެތުމުން ދިރިއުޅުން ވަރަށް އެކަނިވެރި: ނީތޫ

ސޮނީގެ މިއުޒިކް ރިއަލިޓީ ޝޯ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަންގައި މި ހަފުތާގައި ދައްކާ އެޕިސޯޑެއްގައި ބަތަލާ ނީތޫ ސިންގް ބައިވެރިވެ ހަޔާތުގެ ވަރަށް މުހިއްމު ވާހަކަތަކެއް ހިއްސާ ކޮށްފައި ވެއެވެ. ނީތޫގެ ފިރިމީހާ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު ކެންސަރު ބަލީގައި މިދިޔަ އަހަރު މަރުވުމާ ގުޅިގެން ހަޔާތަށް ކުރިމަތި ވެފައިވާ އެކަނިވެރި ކަމުގެ ވާހަކަތައް ވެސް ނީތޫ ކިޔައި ދިނެވެ.

ރިޝީ އާއި ނީތޫ ކައިވެނިކުރީ ނީތޫގެ ފިލްމީ ކެރިއަރުގެ އެންމެ ރަން ޒަމާނުގަ އެވެ. ކައިވެންޏަށް ފަހު ނީތޫ ފިލްމު ކުޅުން މުޅިން ދޫކޮށްލި އެވެ. ވަރަށް އަވަހަށް ދެ ދަރިން ލިބި ގެވެހި އަންބެއްގެ ރޯލާ ހަވާލުވާން ޖެހުމުންނެވެ.

ނީތޫ ބުނި ގޮތުގައި ކައިވެންޏަށް ފަހު ފިލްމީ ދުނިޔެއާ ވަކިވުމަކީ އޭނާ އެއްގޮތަކަށް ވެސް ދެރަވި ކަމެއް ނޫނެވެ. އަދި ފިލްމު ނުކުޅުނަސް އޭނާ ފޫހިވާނެ އެންމެ ވަގުތުކޮޅެއް ވެސް އެ ކައިވެނީގައި ހޭދަކުރި 40 އަހަރު ތެރޭ ނުލިބޭ ކަމަށް ނީތޫ ބުންޏެވެ.

ދަރިން ބޮޑެތިވެ އެ ކުދިންގެ ޒިންމާއިން އަރައިގަނެވުނު ތަނާ މާ ގިނަ ދުވަހެއް ނުވެ ރިޝީ ބަލިވުމުން އޭނާ ދެން ބުރަކޮށް އުޅެން ޖެހުނީ ފިރިމީހާ ރިޝީގެ ކަންކަން ކޮށްދިނުމުގަ އެވެ. ނަމަވެސް ރިޝީ ދުނިޔެ ދޫކުރުމާއެކު ނީތޫގެ ހަޔާތަށް ލިބުނީ ބޮޑު ފަޅު ކަމެކެވެ.

ނީތޫ މިހާރު ވަނީ އަލުން ފިލްމު ކުޅެން ފަށަފަ އެވެ. ވަރުން ދަވަން އާއި ކިއާރާ އަދުވާނީ އަދި އަނިލް ކަޕޫރާއެކު އޭނާ ކުޅޭ "ޖުގް ޖުގް ޖިޔާ" ގެ ޝޫޓިން މިހާރު ދަނީ ކުރިޔަށެވެ.

ނީތޫ ބުނި ގޮތުގައި ފިލްމު ކުޅެން އަލުން ފަށަން ގަސްތުކުރީ ވެސް އެކަނިވެރި ކަމުން ސަލާމަތް ވުމަށެވެ. ކުރިން އޭނާގެ ދިރިއުޅުނީ ފިރިމީހާ އާއި ދަރިންނަށްޓަކަ އެވެ. ނަމަވެސް ދަރިން ބޮޑެތި ފިރިމީހާ ދުނިޔެ ދޫކުރުމުން އެ މަގްސަދު އިތުރަށް ފުރިހަމަ ކުރެވޭކަށް ނެތެވެ. އެހެންވެ ހަޔާތުގެ ދުވަސްތައް ހިތްހަމަޖެހޭ ގޮތަކަށް ވޭތުކުރުމުގެ މަގްސަދުގައި އަލުން ފިލްމު ކުޅެން ފެށީ ކަމަށް ނީތޫ ބުންޏެވެ.

ރިޝީ އާއި ލޯބީގެ ގޮތުން ގުޅުނު ޒަމާނުގެ ހަނދާންތައް ވެސް ނީތޫ އާ ކުރި އެވެ. ނީތޫ ބުނީ އޭނާ އާއި ރިޝީއަކީ ރައްޓެހިވުމުގެ ކުރިން ދެ އެކުވެރިން ކަމަށެވެ. އަންހެންކުދިންގެ ހިތް އަތުލާނެ ގޮތްގޮތް އޭނާ ރިޝީ އަށް އޭރު ކިޔައިދިން ކަމަށް ނީތޫ ބުންޏެވެ.

ރިޝީ ކައިވެންޏަށް އެހީ ވެސް ވަރަށް ތަފާތު ގޮތަކަށް ކަމަށް ނީތޫ ބުންޏެވެ.

"އޭނަ [ރިޝީ] ހުރީ ޝޫޓީންގް އަކަށް ޕެރިހުގަ. އަހަރެން ކަޝްމީރުގައި ފިލްމު ޝޫޓިންގެއްގައި އުޅެނިކޮށް ރިޝީގެ ޓެލެގްރާމެއް ލިބުނީ. އޭގައި އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށާއި ހަނދާންވާ ކަމަށް ބުނެފައިވޭ،" ނީތޫ ބުންޏެވެ.

މި އެޕިސޯޑުގައި ރިޝީގެ ބެސްޓް ފްރެންޑުން ކަމަށްވާ ޖީތެންދުރަ އާއި ރާކޭޝް ރޯޝަންގެ ވީޑިއޯ ކްލިޕެއް ވެސް ދެއްކި އެވެ. އެމީހުން ރިޝީގެ މަތިން ހަނދާންކޮށް އޭނާގެ ވާހަކަތައް ދެއްކިއިރު ރިޝީއަށް ނީތޫ ކަންތައް ކޮށްދިން ރަނގަޅުކަމުން ނީތޫއަށް ވަރަށް ތައުރީފު ވެސް ކުރި އެވެ. އަދި ނީތޫ ވަރުގެ އަންބަކު ވަރަށް ނުލިބޭނެ ކަމަށް ރިޝީގެ ގާތް ދެ އެކުވެރިން ބުނެފައި ވެއެވެ.

އަދި ރަންބީރު ކަޕޫރުގެ ވީޑިއޯ ކްލިޕެއް ވެސް ދެއްކި އެވެ. މި ކްލިޕްގައި ރަންބީރު ވަރަށް ޖަޒުބާތާއެކު އޭނާގެ މަންމައަށް ވަނީ ތައުރީފުކޮށްފަ އެވެ. ބައްޕަގެ ހަޔާތުގެ ބޮޑުބައެއްގައި ބައްޕައަށް ޚިދުމަތްކުރުމުގައި މަންމަ ކޮށްދިން ބުރަ މަސައްކަތް ރަންބީރު ވެސް ފާހަގަ ކުރި އެވެ. އަދި އޭނާގެ މަންމަ އަކީ "އަޔަން ލޭޑީ" އެއްގެ ގޮތުގައި ރަންބީރު ސިފަ ކުރި އެވެ.

މިއީ ކޮވިޑް ޖެހި ރަނގަޅުވި ފަހުން ރަންބީރު ޓީވީ ޝޯ އަކުން ފެނުނު ފުރަތަމަ ފަހަރެވެ.