ރިޝީ ކަޕޫރު މި ދުނިޔެއަށް އަލްވަދާއު ކީތާ މިއަދަށް ވަނީ ދެ އަހަރު ފުރިފަ އެވެ. އޭނާ ނެތަސް އޭނާގެ ހަނދާން އާއިލާގެ މީހުންނާއި ފޭނުން އަދިވެސް ކުރެއެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރިޝީގެ ހުވަފަތް އަނބިމީހާ އަދި ބަތަލާ ނީތޫ ސިންގް ބުނި ގޮތުގައި ރިޝީގެ ހަނދާން އެ އާއިލާގެ އެންމެން ކޮންމެ ދުވަހަކުވެސް ކުރެ އެވެ.
"އަހަރެން އޭނާގެ މަތިން ހަނދާންކޮށްފައި މިއަދު ރޯކަށް ބޭނުމެއް ނޫން. އެއީ ރިޝީ ބޭނުންވީ އެގޮތް ކަމަށް ނުވާތީ. އަހަރެން އޭނާ އާއެކު ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާންކުރާނީ. އަހަންނާއި އަހަރެންގެ ދަރިން ވެސް މި ދުވަސް ފާހަގަކުރާނީ އެގޮތަށް. އަހަރެމެންގެ މުޅި އާއިލާ މިއަދު ބައްދަލުކޮށް ރިޝީގެ ހަނދާންތައް އާކުރަން ވަނީ ހަމަޖެހިފައި،" ނީތޫ ބުންޏެވެ.
ނީތޫ ބުނި ގޮތުގައި ރިޝީ އަކީ އޭނާއާ ބައްދަލުވާ މީހުންނަށް އޭނާގެ ހަނދާންތަކާ އެހާ ފަސޭހައިން ދުރަށް ނުދެވޭ ކަހަލަ ޝަޚްސިއްޔަތެއްގެ ވެރިއެކެވެ. މިހާރުވެސް އޭނާ އާ ކޮންމެ ދުވަހަކުވެސް ބައްދަލުވާ ކޮންމެވެސް ބަޔަކު ރިޝީގެ އާ ވާހަކަތަކެއް އޭނާ އަށް ކިޔައިދެ އެވެ.
ވަރަށް ގިނަ ސުޕަ-ހިޓް ފިލްމުތަކެއް ރިޝީ އާއި ނީތޫ ވަނީ އެމީހުންގެ އެންމެ ޒުވާންއިރު ކުޅެފަ އެވެ. އަދި 1980ގައި ކައިވެނިކޮށް ދެ ދަރިން އެމީހުންނަށް ލިބިފައި ވެއެވެ. އެއީ ރަންބީރާއި ރިދިމާ އެވެ.
ނީތޫ ކިޔައިދިން ގޮތުގައި ރިޝީ މަރުވުމަށްފަހު ފުރަތަމަ ހަ މަސް ދުވަސް އޭނާ އާއި އާއިލާއަށް ހޭދަކުރެވުނީ ވަރަށް ހިތްދަތިކަމާއި ހިތާމައިގަ އެވެ.
"ފުރަތަމަ ހަ މަސް ހަތް މަސް ދުވަހު އަހަރެމެން އެންމެންނަށް ވަރަށް ރޮވުނު. ނަމަވެސް އަބަދު ގޭގައި އެކަނި މާއެކަނި ރޯކަށް ނީދެވޭނެ އެއްނު. އެހެންވެ ރިޝީގެ ހަނދާންތަކާއެކު ދިރިއުޅުން އަލުން އާރާސްތުކުރަން މަސައްކަތް ފެށީ،" ނީތޫ ބުންޏެވެ.
ނީތޫ ބުނި ގޮތުގައި އާއިލާގެ އެންމެންގެ ތެރެއިން ވެސް ބައްޕަ ވަކިވެ ދިއުމުގެ ހިތާމައިން އެންމެ ބޮޑަށް އަރައި ނުގަނެވިގެން އުޅެނީ ރަންބީރަށެވެ. އެންމެ ބޮޑަށް ރިޝީގެ ހަނދާން ކުރަނީ ވެސް ރަންބީރެވެ. އޭނާގެ ފޯނުގެ ސްކްރީން ސޭވާގައި ވެސް އަދިވެސް އިންނަނީ ރިޝީގެ ފޮޓޮއެއްކަމަށް ނީތޫ ބުންޏެވެ.
"އެހެން ހުރެލާފައި ރަންބީރުގެ ލޮލުން ކަރުނަ ހިލޭ ތަން މިހާރު ވެސް އަހަންނަށް ފެނޭ. އެހާވެސް ބައްޕަ ނެތުމުގެ ފަޅުކަން ރަންބީރަށް އިހްސާސް ވޭ،" ނީތޫ ކިޔައިދިނެވެ.