ބޮލީވުޑް

"ބްރަހްމަޝްތުރަ" ކުޅޭތީ ބައްޕަ ވަރަށް ރުޅި އައި: ރަންބީރު

ރަންބީރު ކަޕޫރުގެ އާ ފިލްމު "ބްރަހްމަޝްތުރަ" އުފެދުމުގެ މަސައްކަތް ކުރާތާ 3-4 އަހަރު ވަނީ ފާއިތުވެފަ އެވެ. އެހާ ގިނަ ދުވަސް ފާއިތުވުމަށްފަހު ދާދިފަހުން ވަނީ ފިލްމުގެ ފުރަތަމަ މޯޝަން ޕޯސްޓަރު ރިލީޒްކޮށް ފިލްމު ނެރޭނެ ތާރީޚް ވެސް އިއުލާންކޮށްފަ އެވެ. މިކަމަށްޓަކައި ބޭއްވި އިވެންޓުގައި ރަންބީރު އާއި ފިލްމުގެ ބަތަލާ އަދި އޭނާގެ ހަގީގީ ލޯބިވެރިޔާ އާލިއާ ބަޓް ބައިވެރިވި އެވެ. އަދި ޑައިރެކްޓަރު އަޔާން މުކަރުޖީ ވެސް މި އިވެންޓުގައި ބައިވެރިވި އެވެ.



މި ޕޯސްޓަރު ފެނުނު އެންމެން ވެސް ބުނަނީ "ވާ! ހާދަ ރީއްޗޭ" އެވެ. ނަމަވެސް މިދިޔަ އަހަރު މަރުވެފައިވާ ރަންބީރުގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރަށް "ބްރަހްމަޝްތުރަ" އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. އޭނާ ވަނީ އެ ފިލްމު ރަންބީރު ކުޅުނަ ނުދޭން ވެސް އުޅެފަ އެވެ.

"ބްރަހްމަޝްތުރަ" ޕްރޮމޯޓްކުރަން ބޭއްވި ފުރަތަމަ އިވެންޓުގައި ރަންބީރު ވަނީ އެ ފިލްމާ އޭނާގެ ބައްޕަ ހިތްހަމަނުޖެހުނު ސަބަބުތައް ފޭނުންނާއި ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ.

ރަންބީރު އެއްބަސްވީ ގޮތުގައި ބައްޕަ ވަކިވެ ދިޔަ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވީ ނަމަވެސް އަދިވެސް އޭނާ ބައްޕަގެ މަތިން ވަރަށް ހަނދާން ވެއެވެ. އަދި "ބްރަހްމަޝްތުރަ"ގެ މައްސަލައިގައި ބައްޕައާ ދެބަސްވެ ލައްކަ ގިނަ ވާހަކަތައް ދެބަފައިންގެ މެދުގައި ދެކެވިފައިވާ ކަމަށް ރަންބީރު ބުންޏެވެ.

"ބައްޕަ އަހަރެމެންނަށް (ރަންބީރު އާއި ޑައިރެކްޓަރު އަޔާން އަށް)ވަރަށް ގިނަ ސުވާލުތައް ފިލްމާ ބެހޭ ގޮތުން ކުރި. ބައްޕަ ބުނި ކީއްހޭ ތި ކުރަނީ ކަލޭމެން؟ ތިހާ ގިނަ ދުވަސް ކީއްވެހޭ ނަގަނީ ފިލްމެއް ހަދަން؟ އެހާ ގިނަ ފައިސާ ތި ފިލްމަށް ޚަރަދު ކުރަނީ ކާކުހޭ؟ ރަންބީރު އޭ ކަލެޔަށް ތި ފިލްމުން ބައި ރުފިޔާ ވެސް ނުލިބޭނޭ. ވީއެފްއެކްސް ފިލްމު ކާކުހޭ ބަލާނީ؟ އިންޑިއާ މީހުންގެ ތެރެއިން އެކަކުވެސް ވީއެފްއެކްސް ފިލްމު ބަލަން ޝައުގުވެރިއެއް ނުވާނޭ،" ބައްޕަ ދައްކާފައި ހުރި ވާހަކަތައް ހިއްސާ ކުރަމުން ރަންބީރު ކިޔައިދިނެވެ.

"ބްރަހްމަޝްތުރާ"އަކީ ތިން ފިލްމުގެ މައްޗަށް އެކުލެވޭ ސުޕަހީރޯ ފްރެންޗައިޒްއެއްގެ ފުރަތަމަ ފިލްމެވެ. ރިޝީ ހިތްހަމަނުޖެހުނީ މިފަދަ ފިލްމަކަށް ރަންބީރުގެ ގިނަ ވަގުތުތަކެއް ހުސްކޮށްފައި އޮތުމުންނާއި އެއީ އިންޑިޔާގައި އެހާ ހިނގާނެ ޒާތުގެ ފިލްމެއް ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭތީ އެވެ.

ރަންބީރު ބުނި ގޮތުގައި މިއަދުވެސް ބައްޕަ އޭނާއާއެކު އެތަނުގައި ހުރިކަމުގެ އިހްސާސް އޭނާއަށް ކުރެވެ އެވެ. އެހެންވެ ބައްޕަގެ ހަނދާނުގައި ކުޑަ ކަމެއް ކޮށްލަން އޭނާ ގަސްތުކުރި އެވެ. އެގޮތުން ރިޝީގެ އެންމެ މަޝްހޫރު އެއް ފިލްމު "ކަރްޒް"ގެ ޑައިލޯގެއް ރަންބީރު ކިޔާލި އެވެ.

"ކިޔާ ތުމްނޭ ކަބީ ކިސީސޭ ޕިޔާރް ކިޔާ، ކަބީ ކިސީކޯ ދިލް ދިޔާ، މައިނޭ ބީ ދިޔާ" (ކަލޭ ދުވަހަކުވެސް މީހަކު ދެކެ ލޯބިވިން ހިތްޔޭ، ދުވަހަކުވެސް މީހަކަށް ހިތް ދިނިން ހެއްޔެވެ؟ އަހަރެން ވެސް ދިނީމެވެ). މި ޑައިލޯގް ކިޔާލުމަށްފަހު ރަންބީރު ވަނީ އުޑާ ދިމާލަށް ފްލައިން ކިސް އެއް ފޮނުވާލާފަ އެވެ. އެއާއެކު އޯޑިއަންސްގައި ތިބި ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލިގެން ދިޔަތަން ފެނުނެވެ.

މި މަންޒަރު ފެނުނު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި ކޮމެންޓްތަކުގައި ބުނެފައިވަނީ ރަންބީރު ހަގީގަތުގައި ވެސް އޭނާގެ ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވެ ބައްޕަ ނެތުމުގެ އިހްސާސް އޭނާއަށް ވަރަށް ބޮޑަށް ކުރެވިފައި ހުރި ކަމަށެވެ.

އަންނަ 2022ގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިލީޒްކުރާނެކަމަށް އިއުލާން ކޮށްފައިވާ "ބްރަހްމަޝްތުރާ"ގެ މި އިވެންޓުގައި އާލިއާ އާއި ރަންބީރު ވެސް އެމީހުންގެ ލޯބީގެ މާތައް އޯޑިއަންސް ކުރިމަތީގައި ފޮޅުވާފައި ވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ގިނަބަޔަކު މިކަމާ އެހާ ހިތްހަމައެއް ނުޖެހުނެވެ. އެމީހުން ކުރި ކޮމެންޓްތަކުގައި ބުނެފައިވަނީ ހަގީގީ ދެ ލޯބިވެރިންނެއް ކަމަކު ސްޓޭޖު މަތީގައި އެމީހުން އުޅުނީ ވަރަށް ލަދުން އުޅޭ ގޮތަށް ކަމަށެވެ.