އުޒްބަކިސްތާނުގެ ކުޑަ ފިރިހެން ކުއްޖަކު ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓުން ބަލާފައި ގިނަ ބަޔަކު އަޖައިބު ވެއްޖެ އެވެ.
މި ކުއްޖާގެ ލަވަޔަށް އެހާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެ ކުއްޖާ ބޮލީވުޑްގެ ކުރީގެ އެކްޓަރު ރިޝީ ކަޕޫރާ ވައްތަރު ކަމުންނެވެ. ހަމަ ހަގީގަތުގައި ވެސް އެ ކުއްޖާ ހީވަނީ ކުޑަ ކުޑަ ރިޝީ ހެންނެވެ. އަދި އޭނާ އެ ގައުމުގެ ލައިވް ޓީވީގައި ކިޔާފައިވަނީ ވެސް ރިޝީގެ ފުރަތަމަ ފިލްމު "ބޮބީ"ގެ 'މައި ޝާއިރް ތޯ ނެހީ" އެވެ. އެހެންވެ އަދި މާބޮޑަށް އެ ކުއްޖާއާ ރިޝީގެ ހުރި ވައްތަރުކަން މީހުންނަށް ފާހަގަ ކުރެވުނީ އެވެ.
މި ވީޑީއޯ ފެށޭއިރު ފެންނަނީ ކުޑަ ކުއްޖާ އައިސް ސްޓޭޖުގެ މެދުގައި ހުއްޓޭ ތަނެވެ. ކުއްޖާ ލައިގެން ހުންނަނީ ވެސް "ބޮބީ"ގެ އެ ލަވައިގައި ރިޝީ ލައިގެން ހުންނަ ހެދުމާ ވަރަށް އެއްގޮތް ހެދުމެކެވެ.
އޭނާގެ ބޮޑު ކޮލާއި އިސްތަށިގަނޑުގެ ސްޓައިލުން ވެސް ރިޝީގެ ސިފަ އިތުރަށް ފާޅުވެ އެވެ. ހީވަނީ ރިޝީ އަލަށް ފިލްމު ކުޅެން ފެށިއިރުގެ މަންޒަރެއް ހެންނެވެ.
މި ވީޑިއޯގެ ވަކި ހިސާބަކުން ކުޑަ އަންހެން ކުއްޖެއް ސްޓޭޖަށް އަރަ އެވެ. އެ ކުއްޖާ ހެދުން އަޅާފައި ހުންނަނީ ކުޑަ ކުއްޖާ ކިޔަމުންދިޔަ "މައި ޝާއިރު ތޯ ނެހީ" ލަވައިގައި ފެންނަ އަރޫނާ އިރާނީ ހެދުން އަޅާފައި ހުރި ގޮތަށެވެ.
މި ވީޑިއޯ ވައިރަލްވުމުން ކޮމެންޓުކުރި ބައެއް މީހުން ބުނީ އެ ކުއްޖާގެ ސިފަ ރިޝީއާ ހަމަ ވަރަށް ވައްތަރު ކަމަށެވެ. އަދި ކުއްޖާގެ ހުނަރަށްވެސް ކޮމެންޓުކުރި މީހުން ތައުރީފުކޮށްފައި ވެއެވެ.
"ބޮބީ" އަކީ 1973ގައި ރިޝީގެ ބައްޕަ ރާޖް ކަޕޫރު ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމުން ރިޝީއާ އެކު ޑިމްޕަލް ކަޕާޑިއާ ތައާރަފްވެފައި ވެއެވެ.
ފިލްމު ރިލީޒްކުރި ދުވަސްވަރު އިންޑިއާ އާއި ސޯވިއެޓް ޔޫނިއަންގައި ފިލްމު ވަރަށް ހިޓް ވެފައި ވެއެވެ. ސޯވިއެޓް ޔޫނިއަންގެ ބޮކްސް އޮފީހުގައި އަދިވެސް އެންމެ ކާމިޔާބު 20 ފިލްމުގެ ތެރޭގައި "ބޮބީ" ހިމެނެ އެވެ.