ބޮލީވުޑް

ރިޝީގެ ވަކިވުމުގެ ހިތާމައިން އަދިވެސް އަރައިނުގަނެވޭ: ނީތޫ

ރިޝީ ކަޕޫރު މަރުވުމުގެ ހިތާމަ އެންމެ ބޮޑަށް ކުރަމުންދާ އެކަކީ އޭނާގެ ހުވަފަތް އަންހެނުން ނީތޫ ކަޕޫރެވެ.

ނީތޫ ބުނި ގޮތުގައި އޭނާގެ ހަޔާތަށް މި ލިބުނު ބޮޑު ގެއްލުމުން އަރައިގަނެވޭ ގޮތެއް އަދިވެސް ނުވެ އެވެ. ހަޔާތުގައި 'ހުސްވެފައިވާ' ޖާގަ ހަމަ އެގޮތުގައި އެބައޮތެވެ. ނަމަވެސް ފިލްމީ މަސައްކަތްތަކުގައި ބުރަކޮށް އުޅެގެން އެ ހިތާމަތަކާ ދުރަށް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ނީތޫ ބުންޏެވެ.

ނީތޫ އަކީ 1970 އާއި 1980ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ގަދަޔަށް ވިދި އެއް ބަތަލާ އެވެ.

އުމުރުން 21 އަހަރުގައި އޭނާގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި ނީތޫ ފިލްމު ކުޅުން ހުއްޓާލީ ރިޝީގެ ލޯބީގެ އަވައިގައި ޖެހި 1980 ވަނަ އަހަރު އޭނާއާ ކައިވެނިކުރުމަށް ފަހު އެވެ.

އޭގެ ފަހުން ދެ ތިން ފިލްމެއްގައި ރިޝީއާ އެކު އޭނާ ބައިވެރިވި އެވެ. އެ ވެސް އޭނާގެ ދެ ދަރިން ބޮޑެތިވެ އަމިއްލަ ދިރިއުޅުން އުޅެން ފެށި ފަހުންނެވެ.

ފިލްމީ ކެރިއަރު ދެވަނަ ފަހަރަށް ފެށީ 2020ގައި ރިޝީ މަރުވުމުންނެވެ.

"ފާއިތުވީ އަހަރުތަކުގައި އަހަންނަށް ގިނަ ފިލްމުތައް ލިބެމުން ގޮސްފައިވޭ. ނަމަވެސް އަހަރެންގެ އަމިއްލަ ދުނިޔޭގައި ފިރިމީހާއަށް ޚިދުމަތް ކުރުމުގައި އަހަރެން އުޅުނީ ވަރަށް ބިޒީ ދިރިއުޅުމެއް ކަމަށް ވާތީ ފިލްމުތަކުގައި ބައިވެރިވާ ހިތެއް އެއްގޮތަކަށް ވެސް ނުވި. ނަމަވެސް މިއަދު އަހަރެންގެ ދުނިޔެ ވަނީ ހުސްކޮށް. މިހާރު ބޭނުންވީ ވަރަށް ބިޒީކޮށް އުޅެވޭކަހަލަ ކަންކަމުގައި މަސްއޫލުވެ އުޅެން. އެހެންވެ ފިލްމު ކުޅުމަށް ލިބޭ ހުރިހާ ފުރުސަތެއް ހެން ބޭނުންކުރަމުން މިދަނީ،" ނީތޫ ބުންޏެވެ.