ބޮލީވުޑް

ހުވަފަތްވީމަ އަހަރެން ގޭގަ ރޯން އިންނަން މީހުން ބޭނުންވޭ: ނީތޫ

އެޕްރީލް 30، 2020ޗގައި އެކްޓަރު ރިޝީ ކަޕޫރު މި ދުނިޔެއާ ވަކިވެ ދިޔައީ އޭނާގެ ފޭނުން އެހާ ފަސޭހައިން އޭނާ މަތިން ހަނދާން ނައްތާ ނުލެވޭ ވަރުގެ ގިނަ ހަނދާންތަކެއް ދޫކޮށްފަ އެވެ. ހާއްސަކޮށް ރިޝީގެ ވަކިވެ ދިއުން އޭނާގެ އަންހެނުން ނީތޫ ސިންގް އާއި އާއިލާއަށް ގަބޫލުކުރަން އެހާ ފަސޭހައެއް ނުވި އެވެ. ނަމަވެސް ހައެއްކަ މަސް ވަންދެން އެހިތާމަތަކުގައި އުޅުމަށްފަހު އާއިލާގެ މީހުން ވެސް މަޑުމަޑުން އަނެއްކާވެސް ދިރިއުޅުން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފެށީ އެވެ.

ރިޝީގެ ނެތި ދިއުމުން އެންމެ ބޮޑު ހިތާމައެއް ލިބުނީ އަދި އެންމެ އެކަނިވެރިވީ އޭނާގެ ހުވަފަތް އަނބިމީހާ ނީތޫ އެވެ. އެކަމަކު މިހާރު ނީތޫ ވެސް ވަނީ ވަރަށް ހިތްވަރާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ފަށާފަ އެވެ. އެގޮތުން އޭނާ ކައިވެނިގެ ކުރިން ކުރަމުން އައި އެކްޓް ކުރުމުގެ މަސައްކަތަށް އެނބުރި އައިސް ވަރަށް ބުރަކޮށް ބޭރުތެރޭގައި ވަނީ އުޅެން ފަށާފަ އެވެ. ނަމަވެސް މިކަން ވެސް ހަޖަމު ނުވާ ބަޔަކު އެބަތިއްބެވެ. ނީތޫ އެހެން އުޅޭތީ އޭނާއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރާ ބަޔަކު އުޅެ އެވެ.

މިފަހުން ނީތޫ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާއަށް މަލާމާތްކުރާ މީހުން ފާހަގަވާ ނަމަ އެމީހަކު ބްލޮކް ކުރެއެވެ.

"މަލާމާތްކުރާ މީހުން ބޭނުންވަނީ ހުވަފަތްވީއޭ ކިޔާފައި އަހަރެން އަބަދު ރޮއިރޮއި ގޭގައި އިންނަން،" ނީތޫ ބުންޏެވެ.

ނީތޫ ބުނި ގޮތުގައި މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އޭނާ އަމިއްލައަށް ހިތާމައިން އަރައިގަންނަން މަސައްކަތް ކުރާނެ އެވެ. ރިޝީ ވެސް އެދޭނީ އެގޮތް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"އަހަރެންނަށް ދުވަހަކު ވެސް އަހަރެންގެ ފިރިމީހާ މަތިން ހަނދާން ނައްތައެއް ނުލެވޭނެ. އޭނާ އަބަދުވެސް އަހަރެންގެ ހިތުގައި އަހަންނާއެކު ވާނެ. އަދި އަހަރެންގެ ދަރިންނާއެކު އޭނާގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެ،" ނީތޫ ބުންޏެވެ.

ނީތޫ ބުނި ގޮތުގައި ރިޝީގެ މަރުން އޭނާއަށް ހިތާމައާއި ހިތްދަތިކަން އަދި ފޫ ނުބެދޭވަރުގެ އެކަނިވެރިކަމެއް ލިބުނު ވަގުތު އޭނާގެ ދަރިން ވެސް އޭނާއަށް މަޝްވަރާ ދިނީ އަލުން ފިލްމީ މަސައްކަތް ފަށައި އެކަމުގައި ވީހާވެސް ބިޒީކޮށް އުޅެން ފެށުމަށެވެ. އޭނާ އެ މަސައްކަތަށް ނުކުތީ ދަރިންގެ ހިތްވަރާ އެކުގަ އެވެ.

ރިޝީ މަރުވި ފަހުން ނީތޫ ކުޅުނު ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ. މިހާރު ނީތޫ ފެންނަނީ ރިއަލިޓީ ޝޯ އެއްގެ ފަނޑިޔާރެއްގެ ގޮތުގައި އެ ޝޯގައި ބައިވެރިވާތީ އެވެ. އަދި ދާދިފަހުން ދަރިފުޅު ރަންބީރު ކަޕޫރާއެކު އިޝްތިހާރެއް ވެސް ނީތޫ ވަނީ ކުޅެފަ އެވެ.