ނިތޫ ސިންގް މިހާރު އެންމެންނަށް ވެސް ފެންނަނީ ވަރަށް ހީނ މަޖާ ކުރަނިކޮށެވެ. ރިއަލިޓީ ޝޯއެއްގެ ޖަޖެއްގެ ގޮތުގައި އެ ޝޯގައި ވެސް އޭނާ ވަރަށް މަޖާ ނަގާ ތަން މީހުންނަށް ފެނެ އެވެ. އަދި މިކަމާ ރިޝީ ކަޕޫރުގެ ބައެއް ފޭނުން ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި ނީތޫ އަށް މަލާމާތްކޮށް ވެސް ހަދަ އެވެ.
ނަމަވެސް ރިޝީގެ މަރުން ނިތޫ އަށް ލިބުނު ހިތްދަތިކަމާއި އޭނާއަށް ނަފްސާނީ ގޮތުން ކުރިމަތިވީ ކަންތައްތަކެއް އެކަކަށް ވެސް ނޭނގެ އެވެ. ނީތޫ އަކީ މޮޅު އެކްޓަރަކަށް ވީމާ ކެމެރާ ކުރިމަތީގައި އޭނާ ވަރަށް އުފާވެރިކޮށް ދެއްކިޔަސް ހަގީގަތުގައި އޭނާގެ ހިތުގައިވާ އެއްޗެއް މީހުންނަކަށް ނޭނގެ އެވެ.
ދާދިފަހުން ނީތޫ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ރިޝީގެ މަރަށްފަހު އޭނާ އަށް ނަފްސާނީ ގޮތުން ދިމާވި މައްސަލަތަކަ ހެދި ސައިކޭޓްރިސްޓެއްގެ އެހީތެރިކަން ވެސް ހޯދަން ޖެހުނު ކަމަށެވެ.
ނީތޫ ބުނި ގޮތުގައި ރިޝީ އަށް ވުރެ އަބަދުވެސް އޭނާ މާ ހިތްވަރުގަދަ އެވެ. ހަޔާތުގައި ކުރިމަތިވި ގިނަގުނަ އަޑިގަނޑުތަކާއި އުސްގަނޑުތަކުގެ ތަޖުރިބާގެ އަލީގައި އޭނާ ވަރަށް ހިތްވަރުގަދަ މީހަކަށް ވެފައި ވަނީ ކަމަށެވެ.
ރިޝީގެ މަރަށްފަހު ޑިޕްރެޝަންގެ ޝިކާރައަކަށްވެ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެގެން ޑޮކްޓަރެއް ކައިރިއަށް ގޮސް ފަރުވާ ހޯދި ނަމަވެސް ފަހުން އެކަން ހުއްޓާލީ ކަމަށް ނީތޫ ބުނެފައި ވެއެވެ.
"އަހަރެން ހިތަށް އެރި ޑޮކްޓަރެއްގެ އިރުޝާދު ހޯދާ ވަރަށް ވުރެ އަހަރެންގެ ހިތްވަރާއި އަޒުމު މާ ވަރުގަދަވާނޭ. އެހެންވެ ޑޮކްޓަރު ކައިރިއަށް ދިއުން ހުއްޓާލާފައި އަމިއްލައަށް ރަނގަޅުވާން މަސައްކަތް ފެށީ. ރިޝީގެ މަތިން ހަނދާންވިޔަސް އެ ހަނދާންތައް ހިތުގެ އެއްކަނެއްގައި ރައްކާކޮށްފައި ދިރިއުޅުން ފަށަން ނިންމީ،" ނީތޫ ބުންޏެވެ.
ކަރަން ޖޯހަރް އޭނާއަށް "ޖުޖް ގުޖް ޖިޔޯ" ކުޅުމުގެ ފުރުސަތު ދިނީ ރިޝީގެ ހަނދާންތަކާ ދުރުވާން ނީތޫ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު އެވެ. ނީތޫ ބުނި ގޮތުގައި އެ ފިލްމު ކުޅެން އޭނާއަށް އެއްބަސް ވެވުނީ ކަރަން ވަރަށް ހިތްވަރު ދީގެން ވަރަށް މަސައްކަތް ކޮށްގެންނެވެ. އަދި ފިލްމު ކުޅުމުގައި ބިޒީކޮށް އުޅެން ފެށުމުން ނަފްސާނީ މައްސަލަތަކުން އަރައިގަނެވި ދިރިއުޅުން ހަމައަކަށް އެޅުނުކަމަށް ވެސް ނީތޫ ބުންޏެވެ.