ބޮލީވުޑް

ރިޝީ މަރުވަންދެން ވެސް ރާޖް ކިރަން ހޯދަން މަސައްކަތް ކުރި!

ރާޖް ކިރަން އަކީ 1970ގެ އަހަރު ތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ވިދާލި އެކްޓަރެކެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 1975ގައި ބީއާރް އިޝާރާ އުފެއްދި "ކާގަޒް ކީ ނާއޮ" އިން ސަރީކާ އާ އެކުގަ އެވެ.

ވިދިގެން އައި އަހަރުތަކުގައި ރާޖް ކިރަންގެ ރީތި މޮޅު ފިލްމުތަކެއް ރިލީޒްކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ކަރްޒް" (1980)، "އަރްތު" (1982)، "ރާޖް ތިލަކް" (1984" އަދި "ތެރީ މެހެރްބާނިޔާން" (1985) އަދި 1988ގައި ރިލީޒްކުރި "ނަޔާ ރިޝްތާ" ފާހަގަ ކޮށްލެވެ އެވެ.

ނަމަވެސް 80ގެ އަހަރުތަކުގެ ވަކި ހިސާބަކުން ރާޖްގެ ފިލްމީ ކެރިއަރު އަޑިއަޅާލި އެވެ. އަދި މަޑުމަޑުން ދަށްވަމުން ގޮސް އޭނާއަށް ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބުން މުޅިން ހުއްޓުނެވެ. އަދި 90ގެ އަހަރުތަކަށް އެޅުނުއިރު ރާޖް ކިރަން މަތިން އެންމެން ހަނދާން ނައްތާލައިފި އެވެ. އަދި ފަރުދާއިން އޭނާ މުޅިން ގެއްލިއްޖެ އެވެ.

ރާޖް ލޮލަށް ނުފެނި އޭނާގެ ޚަބަރެއް ނުވާތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ ބައެއް އެކުވެރިން އޭނާ މަތިން ހަނދާން ނައްތައެއް ނުލަ އެވެ. އެމީހުން އޭނާ ފެނޭތޯ ނުވަތަ އޭނާގެ ޚަބަރެއް ވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ އެވެ. ރާޖްގެ ޚަބަރެއް ހޯދަން އުޅުނު މަޝްހޫރު އެކްޓަރުންގެ ތެރޭގައި ރިޝީ ކަޕޫރާއި ދީޕްތީ ނާވަލް ހިމެނެ އެވެ.

އެންމެފަހުން ރާޖްގެ އެއްވެސް ޚަބަރެއް ލިބޭ ގޮތެއް ނުވެގެން 2011ގައި ދީޕްތީ ފޭސްބުކް ޕޭޖްގައި ޕޯސްޓެއް ޝެއާ ކުރި އެވެ.

"ފިލްމީ ދުނިޔޭގައި މަސައްކަތްކުރި ރާޖް ކިރަން ކިޔާ އެކްޓަރެއް ނުފެނިގެން މިއުޅެނީ. އޭނާގެ އެއްވެސް ޚަބަރެއް އަހަރެމެންނަކަށް ނުލިބުނު. އެންމެ ފަހުން އަޑުއިވިފައިވަނީ ނިއު ޔޯކް ސިޓީގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި އުޅޭކަމަށް. އެއްވެސް މީހަކަށް އޭނާއާ ބެހޭ މައުލޫމާތެއް އެނގިއްޖެނަމަ އަންގާލަދިނުން އެދެން،" ދީޕްތީގެ މެސެޖުގައި ލިޔެފައި ވެއެވެ.

އޭގެ އެތައް މަހެއް ފަހުން ރާޖް ކިރަންގެ "ކަރްޒް" ކޯސްޓާ، ރިޝީ ކޮންމެވެސް ކަމަކު އެމެރިކާއަށް ކުރި ދަތުރެއްގައި ރާޖްގެ ބޭބެ ގޯވިންދު މެހެތާނީ ހޯދައި އޭނާއާ ބައްދަލުކުރި އެވެ. ރާޖް އަށް ނަފްސާނީ މައްސަލަތަކެއް ދިމާވެގެން އެޓްލާންޓާގެ މެންޓަލް އިންސްޓިޓީއުޝަނެއްގައި ބަހައްޓާފައި ހުރިކަން ރިޝީ އަށް އެނގުނީ އޭނާގެ ބޭބެ ބުނީމަ އެވެ.

އެމެރިކާއިން އެނބުރި އައިސް އީޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ރިޝީ ބުނި ގޮތުގައި އެންމެ ފަހުން އެކުވެރި ރާޖްގެ ޚަބަރެއް ވީމަ އަދި އޭނާ ދުނިޔޭގައި ހުރިކަން އެނގުނީމަ ބަޔާން ކުރަން ދަތި އުފަލެއް އިހްސާސް ވިއެވެ.

"އެތަނުގައި މަސައްކަތް ކުރަމުން އޭނާގެ ހުރި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން ރާޖް އޭރު ގެންދަނީ. ރާޖް އަކީ އަހަންނަށް ވުރެ ހަގު މީހެއް. އަދި ކިޔަވައިގެން ހުރި މޮޅު މީހެއް. އޭނާ މަރުނުވެ ހެޔޮ ހާލުގައި ހުރިކަން އެނގުމުން ހިތްހަމަޖެހުން ލިބުނު،" އެ އިންޓަވިއުގައި ރިޝީ ބުނެފައި ވެއެވެ.

އޭރު ބައެއް މަޖައްލާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޖްއަށް ނަފްސާނީ މައްސަލަތައް ކުރިމަތިވީ އޭނާގެ ފިލްމީ ކެރިއަރު ވަޅުޖަހައި ފިލްމު ކުޅޭނެ ފުރުސަތުތައް ލިބުން މުޅިން ހުއްޓުމާ ގުޅިގެން އޭނާގެ އަންހެނުންނާއި ފިރިހެން ދަރިފުޅު އޭނާއާ ވަކިވެގެން ދިޔައިމަ ކުރި އަސަރުން ނެވެ.

ރިޝީގެ އިންޓަވިއުގައި ބުނެފައިވާ ގޮތުގައި ރާޖްގެ ފޯނު ނަންބަރު ދޭން އޭނާގެ ބޭބެ ކައިރީ އެދުމުން ނަމްބަރެއް ނުދެ އެވެ. އެހެންވެ އެޓްލާންޓާ އަށް ގޮސް ރާޖް ދެކިލައި އަލުން އެނބުރި އަންނާށޭ ބުނަން ބޭނުން ވިޔަސް އެކަމެއް ނުވި އެވެ.

ނަމަވެސް ރާޖް އެމެރިކާގެ އެސައިލަމެއްގައި ނެތްކަމަށް އިންޑިޔާގައި ދިރިއުޅޭ އޭނާގެ އަންހެނުންނާއި ދަރިފުޅު ބުނެފައި ވެއެވެ. އަދި ފާއިތުވީ 15 އަހަރުއްސުރެ ރާޖް ވީތަނެއް ނޭނގިގެން އެމީހުން ވެސް ރާޖް ހޯދަމުންދާ ކަމަށް ވެސް އޭނާގެ ދަރިފުޅު ބުނެފައި ވެއެވެ.

އެންމެ ފަހުން 2015ގައި ވެސް ރިޝީ ވަނީ ރާޖް ވީތަނެއް ހޯދަން ބޭނުންވާކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ. ރާޖްގެ ޚަބަރެއް އެނގޭ ފަރާތެއް ހުރިނަމަ އޭނާއަށް އަންގާލަދޭން ރިޝީ އެދިފައި ވެއެވެ.

ރިޝީގެ މި ޕޯސްޓަށް ފޭނަކު ކުރި ޓުވީޓެއްގައި ރާޖްގެ ޚަބަރެއް ވެއްޖެތޯ ސުވާލުކުރުމުން އެއްވެސް ޚަބަރެއް ނުވާކަމަށް ރިޝީ ބުނެފައި ވެއެވެ.

"އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކޮށްފިން ރާޖް ހޯދަން. އެކަމަކު އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި. އަހަރެން ގަބޫލުކުރަނީ އޭނާގެ އާއިލާއިން ކޮންމެވެސް ކަންތައްތަކެއް ސިއްރުކޮށްގެން އުޅެނީކަމަށް،" ރިޝީ ބުނެފައި ވެއެވެ.

ރާޖްގެ ޚަބަރެއް ވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް 2020ގައި ރިޝީ ވަނީ ލޭގެ ކެންސަރު ޖެހިގެން މަރުވެފަ އެވެ. އެހެންވެ އަދިވެސް ރާޖް ކިރަންގެ މަރުގެ ހަގީގަތް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.