ބޮލީވުޑް

"ޝަރްމާޖީ ނަމްކީން": ރިޝީގެ ފަހު ފިލްމު ނިންމީ ޕަރޭޝް

ރިޝީ ކަޕޫރު މި ދުނިޔެ ދޫކުރީ އޭޕްރީލް 30، 2020ގަ އެވެ. މަރުވިއިރު ބައެއް ފިލްމުތައް ކުޅެން ރިޝީ އެއްބަސްވެފައި ވެއެވެ. އަދި އެއް ފިލްމެއްގެ މަސައްކަތް ފަށާފައި ވެއެވެ. ރިޝީ ކުޅެން ފަށާ ނުނިމި އޮތް ފިލްމަކީ ޖޫހީ ޗައުލާ ބަތަލާގެ ބައި ކުޅޭ "ޝަރްމާޖީ ނަމްކީން" އެވެ.

ރިޝީ ބަލިވެގެންނާއި ކޮރޯނާވައިރަހުގެ ވަބާ އާ ހެދި މި ފިލްމުގެ މަސައްކަތް ވަކި ހިސާބަކަށް ގޮސް ހުއްޓިފައި ގިނަ ދުވަސް ތަކަކު އޮތެވެ. އަދި ފަހުން ރިޝީ މަރުވުމުން ފިލްމަށް ދެން ވާނެ ގޮތެއް ނޭނގި ވެސް ގިނަ ދުވަސް ތަކެއް ފާއިތުވި އެވެ.

ނަމަވެސް ރިޝީ ކުޅެން އޮތް ބައި ޕަރޭޝް ރާވަލް ލައްވައި ކުޅުވައި މިހާރު ފިލްމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފަ އެވެ. މި ބައި ޕަރޭޝް ފުރިހަމަކުރި ނަމަވެސް ބެލުންތެރިންނަކަށް އެއްގޮތަކަށް ވެސް ފިލްމުގައި ރިޝީ އަސްލު ކުޅުނީ ކޮން ބައެއް ކަމެއް އަދި ޕަރޭޝް ކުޅެފައިވަނީ ކޮން ބައެއް ކަމެއް ފިލްމު ބަލާއިރަކު ނޭނގޭނެ އެވެ. ސަބަބަކީ ވީއެފްއެކްސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޕަރޭޝް އަށް ރިޝީގެ ސިފަ ޖައްސާފައި ހުންނާނެތީ އެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ބުނި ގޮތުގައި މިއީ ރިޝީއަށް ޚާއްސަ ޓްރިބިއުޓެއް ދިނުމުގެ ގޮތުން ފުރިހަމަކުރި ފިލްމެއް ކަމަށެވެ.

މި ފިލްމު ބިނާ ކޮށްފައިވަނީ 60 އަހަރުވީ ފިރިހެނެއްގެ ހަޔާތުގައި ހިނގާ މަޖާ ހާދިސާ ތަކަކަށެވެ. ރިޝީ ކުޅެންހަމަޖެހިފައި އޮތީ މި ކެރެކްޓާ އެވެ.

ހިތޭޝް ބާޓިއާ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރާ ތާރީޚެއް ކަމަށް އިއުލާން ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހެވެ މިއީ ރިޝީގެ ބާތު އެނިވަސަރީ ވެސް މެއެވެ. އެހެންވެ ރިޝީގެ ހަނދާން އާ ކުރުމުގެ ގޮތުން އޭނާ އުފަންވީ ދުވަހު މި ފިލްމު ރިލީޒް ކުރަން ނިންމީ އެވެ.

"ޝަރްމާޖީ ނަމްކީން" ވެގެން ދާނީ ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމަށެވެ.