ބޮލީވުޑް

ކޮއްކޮ ރާޖިވް އާ އެންމެ ފަހުން ރަންދީރް ދެއްކި ވާހަކަ

ކަޕޫރު ހާންދާންގެ އެއް އެކްޓަރު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މި ދުނިޔެއަށް އަލްވަދާއު ކިޔާފައި ވެއެވެ. ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރުގެ ތިން ފިރިހެން ދަރިންގެ ތެރެއިން އެންމެ ހަގު ރަޖީވް ކަޕޫރެވެ. އޭނާގެ ދެވަނައަށް ހުރި ފިރިހެން ދަރިފުޅު ރިޝީ ކަޕޫރު ވެސް ވަނީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވެފަ އެވެ.

މިހާރު ރާޖް ކަޕޫރުގެ ތިން ބެއިންގެ ތެރެއިން ދުނިޔޭގައި ހުރީ އެންމެ ދޮށީ ދަރި ރަންދީރު ކަޕޫރެވެ. ރަންދީރުއަކީ ކަރީނާ އާއި ކަރިޝްމާ ކަޕޫރުގެ ބައްޕަ އެވެ. އަދި ކުރީގެ މަޝްހޫރު އެކްޓަރެކެވެ.

ދާދިފަހުން ރަންދީރު ވަނީ އޭނާގެ ކޮއްކޮގެ ހަޔާތުގެ އެންމެ ފަހު ފަހުކޮޅު އޭނާއާ ދެއްކި ވާހަކަތައް މީޑިއާއާ ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ރާޖީވް މަރުވި ރޭ ދަންވަރު 2.00 ހާއިރު އޭނާ ރާޖިވްއާ ވާހަކަ ދެއްކި އެވެ. ރާޖިވް އިނީ ނިދާ ކޮޓަރީގަ އެވެ.

ރާޖީވްގެ ވިންދު ދަށްވާތީ ރަންދީރަށް ފޯނުކުރީ ރަޖީވްގެ ނާސް ކަމަށާއި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ރަންދީރު ބުނެފައި ވެއެވެ.

"އަހަރެން އެރޭ ދަންވަރު 2.00 ގައި ވެސް ރާޖީވް އާ ބައްދަލު ކުރިން. އަހަރެން އެރޭ ގެޔަށް އައީ 1.30 ވީ ފަހުން. އޭރު ރާޖީވް ކޮޓަރީގެ ބޮކި ދިއްލާފައި ހުރީމަ އަހަރެން އެ ކޮޓަރިއަށް ވަނީ. އޭރުވެސް އޭނާ އިނީ ރާ ބޯން. އަހަރެން ބުނިން ރާ ބުއިން ހުއްޓާލާފައި ކައިގެން ނިދާށޭ. އެއީ އޭނާ އާ އަހަރެންނަށް އެންމެ ފަހުން ދެއްކުނު ވާހަކައަކީ. ހެނދުނު ނާސް އަހަންނަށް ގޮވާފަ ބުނި ރަޖީވްގެ ޚަބަރު ހުސްވެފައޭ އޮތީ. ވިންދު ވެސް ދަށް ވެޔޭ އެބަ. އަހަރެމެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިން. ނަމަވެސް ގަޑިއެއްހާއިރު ތެރޭ އޭނާ މަރުވީ،" ޔާހޫ އިންޑިއާގައި ލިޔެފައިވާ ލިޔުމެއްގައި ރަންދީރު ކިޔައިދީފައި ވެއެވެ.

ރަންދީރު ބުނި ގޮތުގައި ރިޝީ އަށް ކެންސަރު ޖެހި ބަލިވެ އުޅޭތާ ގިނަ ދުވަސް ތަކެއް ވެފައިވާތީ އޭނާ މަރުވެދާނެ ކަމަށް އާއިލާ ތިބީ ބިރުންނެވެ. ނަމަވެސް ރަޖީވްގެ ކުއްލި މަރުން އާއިލާއަށް ލިބުނީ ބޮޑު ޝޮކެއް ކަމަށް އޭނާ ބުންޏެވެ.