ބޮލީވުޑް

ރަޖީވް ކަޕޫރަކީ ނަސީބު ދެރަ އެކަނިވެރިއެއް: އެކްޓަރު ރާޒާ މުރާދު

އަންގާރަ ދުވަހު މަރުވި ބޮލީވުޑް އެކްޓަރު-ޑައިރެކްޓަރު ރަޖީވް ކަޕޫރަކީ ކަޕޫރު އާއިލާގައި ވެސް ހުރި އެންމެ ނަސީބު ދެރަ މީހާ ކަމަށް އޭނާގެ ގާތް އެކުވެރިޔާ ރާޒާ މުރާދު ބުނެފި އެވެ. ކަޕޫރު އާއިލާ އިން ނުކުތް އެހެން ހުރިހާ މީހުންނަށް އެކަށީގެންވާ މަޝްހޫރުކަމަކާއި ކާމިޔާބެއް ލިބުނުއިރު ރަޖީވްގެ އެކްޓިން ކެރިއަރުގައި އޭނާއަށް މާއެދެވޭ ކާމިޔާބެއް ނުހޯދުނެވެ.

ރަޖީވްގެ ޖަނާޒާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ރާޒާ ބުނީ އޭނާ އާއި ރަޖީވްގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތް ކަމަށެވެ.

އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ އާއި ރަޖީވް ފިލްމެއްގައި މަސައްކަތްކުރި ދުވަސްތަކުގެ ހަނދާން އާކުރަމުން ރާޒާ ބުނީ ރަޖީވް އަކީ ހިތްތިރި އަދި ވަރަށް މުރާލި މީހެއް ކަމަށެވެ.

ރާޖް ކަޕޫރުގެ ދަރިއަކަށް ވީތީ ބޮޑާވެފައި ރަޖީވް ނުހުންނަ ކަމަށާއި އެހެން އެސިސްޓެންޓުން ވެސް ކުރާ ހުރިހާ މަސައްކަތެއްގައި އޭނާ ބައިވެރިވަމުން ދިޔަ ކަމަށް އެކުވެރިޔާ ބުނެފައި ވެއެވެ.

ރަޖީވްގެ ދިގު އުމުރު ކުރުވުމުގެ ސިއްރަކީ އެކަނިވެރިކަން ކަމަށް ރާޒާ ގަބޫލު ކުރެ އެވެ.

ބޮޑު އާއިލާއަކަށް ނިސްބަތްވިޔަސް ރަޖީވް ހޭދަކޮށްފައިވަނީ ވަރަށް އެކަނިވެރި ހަޔާތެކެވެ. އެންމެ ޒުވާން ދުވަސްވަރު ފިލްމު ކުޅެން ފެށިޔަސް ފިލްމުތަކަކުން އެދެވޭ ކާމިޔާބެއް ނުހޯދުނެވެ. ދެން އޭނާ ހަވާލުވީ އާއިލީ ފިލްމު ކުންފުނި އާރްކޭ ބެނާޒް އާއެވެ. ނަމަވެސް އެ ކުންފުނި ވެސް މާ ރަނގަޅަކަށް ނުހިންގުނެވެ. އެ ކުންފުނިން ޕްރޮޑިއުސްކޮށް ރަޖީވް ޑައިރެކްޓްކުރި ރިޝީ ކަޕޫރާއި މާދުރީ ޑިކްޝިޓްގެ "ޕްރޭމް ގްރަންތު" ފްލޮޕް ވުމުން ފިލްމު އުފެއްދުމުގެ ރޮނގުން ވެސ އޭނާއަށް މާ ރަނގަޅު މަސައްކަތެއް ނުކުރެވޭ ކަން ރަޖީވް އަށް ގަބޫލު ކުރެވުނެވެ. އޭގެ ފަހުން ޓެލެވިޒަން ސީރީޒް އުފެއްދުމުގެ މަސައްކަތް ވެސް ރަޖީވް ކުރި އެވެ. އެކަން ވެސް ވައިގައި ހިފާ ގޮތެއް ނުވި އެވެ.

އެންމެ ޒުވާން ދުވަސްވަރު ރަޖީވް ކައިވެންޏެއް ވެސް ކުރި އެވެ. ނަމަވެސް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނި ރޫޅުނީ އެވެ. އޭގެ ފަހުން އޭނާ ކައިވެންޏެއް ނުކުރެ އެވެ. އަދި ދަރިއަކުވެސް އޭނާގެ ނެތެވެ. ރަޖީވްގެ އެކަނިވެރިކަން އެހާ ބޮޑުވެފައިވަނީ އަނބިންނާއި ދަރިން ވެސް އޭނާގެ ހަޔާތުގައި ނެތީމަ އެވެ.

ރަޖީވްގެ އެކުވެރިޔާ ބުނާ ގޮތުގައި ތަގްދީރުގައި ރަޖީވްއަށް ރަނގަޅު ގޮތެއް ވާން ނެތީ އެވެ. އޭނާ ކުރަން އުޅުނު ކޮންމެ ކަމެއް ނާކާމިޔާބުވެ ޒާތީ ދިރިއުޅުމުގައި ވެސް ނާކާމިޔާބީ އާ ކުރިމަތިވީ ރަޖީވްގެ ބަދުނަސީބުން ކަމަށް ރާޒާ ގަބޫލުކުރެ އެވެ.

"ރަޖީވް އަށް ވުރެ އެކްޓްކުރުމުގެ ރޮނގުން މާ ދަށުގައި އުޅޭ އެކްޓަރުންނަށް ވެސް ކާމިޔާބު ލިބިފައި އެބަހުރި. ނަމަވެސް ހުނަރު ހުރެމެ ރަޖީވް އަކަށް ކާމިޔާބީގެ ފޮނި ރަހައެއް ނުލިބުނު. އަހަރެން ބުނާނީ ރަޖީވްގެ އެކަނިވެރިކަން ވަރަށް ބޮޑޭ. ނަމަވެސް އޭނާއަކީ އެކަމާހެދި މާޔޫސްވެ ރުޅިއައިސްފައިވާ މީހެއް ނޫނޭ. ވަރަށް ހަމަޖެހިލައިގެން މަޑުމައިތިރިއުޅުމެއް އުޅުނު މީހެއް އޭނާ އަކީ،" ރަޖީވްގެ އެކުވެރިޔާ ބުންޏެވެ.

ރަޖީވް 2016ގައި ދީފައިވާ އިންޓަވިއު އެއްގައި އެއްބަސްވި ގޮތުގައި "ރާމް ތޭރީ ގަންގާ މޭލީ" ނޫނި އޭނާއަށް ރަނގަޅު އެންމެ ފިލްމެއް ވެސް ކުޅެވިފައެއް ނެތެވެ. އެނޫން ހުރިހާ ފިލްމެއް ވީ ފްލޮޕެވެ.

ރަޖީވް އަށް ރަނގަޅު ފިލްމީ ކެރިއަރެއްގައި ކުރިޔަށް ނުދެވުމުގެ އަސްލެއް ކަމަށް އޭނާ ގަބޫލުކުރަނީ އޭނާގެ ބޮޑުބޭބެ ޝައްމީ ކަޕޫރާއި އޭނާ އާ ވައްތަރުކަމުން އެ ދެ މީހުން އަޅާ ކިއުމެވެ.

ޝައްމީ އާއި ރަޖީވްގެ ވަރަށް ވައްތަރު ގޮތްތަކެއް ހަގީގަތުގައި ވެސް ހުރެ އެވެ. މިއީ ކެރިއަރުގައި ރަޖީވް އަށް ލިބުނު މައިނަސް ޕޮއިންޓެކެވެ.

"ހުރިހާ މީހުން ވެސް ބޭނުންވީ އަހަރެން ޝައްމީ ކަޕޫރަށް ހަދަން. އެއީ އަހަރެންނާ އޭނާއާ ވައްތަރުކަމުން،" ސިނެ މެގަޒިން އަށް 2016 ގައި ރަޖީވް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ރަޖީވްގެ ޖަނާޒާ އަންގާރަ ދުވަހު މުމްބައިގައި ވަނީ ބާއްވާފަ އެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ރަޖީވްގެ ބޭބެ ރަންދީރު ކަޕޫރާއި އޭނާއަށް ބޮޑުބޭބެ ކިޔާ ރަންބީރު ކަޕޫރެވެ.