ބޮލީވުޑް

"ދަ ޑާޓީ ޕިކްޗާ" ބަތަލާ އާރްޔާ ބެނާޖީ މަރުވެފައި އޮއްވާ ފެނިއްޖެ

ވިދްޔާ ބާލަން އާއެކު "ދަ ޑާޓީ ޕިކްޗާ" ގައި މުހިއްމު ބައެއް އަދާކުރި ބަތަލާ އާރްޔާ ބެނާޖީ އިންޑިޔާގެ ކަލްކަތާގައި ހުންނަ އޭނާގެ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އާރްޔާ، 35، މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ގޭގައި މަސައްކަތްކުރާ މެއިޑް ހުކުރު ދުވަހު އެ ގޭގައި މަސައްކަތް ކުރަން ގޮސް ރަނގަބީލު ޖަހާ ޖަހާ ދޮރު ނުހުޅުވައިގެން ދޮރުގައި ތަޅާ ތަޅާ ވެސް ނުހުޅުވުމުން އަވަށްޓެރިން އައިސް ފުލުހުންނަށް ގުޅައިގެން ފުލުހުން ދޮރު ހަލާކު ކޮށްލައިގެން ވަން އިރު އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އާރްޔާ އޮތީ އޭނާ ނިދާ ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ. އޭނާގެ ނޭފަތުންނާއި އަނގައިން ވަރަށް ގިނައިން ލޭ އައިސްފައި ހުރި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އާރްޔާ، 33، އަކީ ސިތާރުކުޅޭ މިއުޒީޝަނެއް ކަމަށްވާ ނިކިލް ބަންދްޔޯޕާދޭގެ ދަރިއެކެވެ.

އާރްޔާ މަރުވެފައިވަނީ މީހަކު ހަމަލަ ދީގެން ނޫން ކަމުގެ ޔަގީންކަން ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އާރްޔާ ގިނަ ބަޔަކަށް ފާހަގަ ކުރެވުނީ 2011 ގައި ރިލީޒްކުރި ވިދްޔާ އާއި އިމްރާން ހާޝިމީގެ "ދަ ޑާޓީ ޕިކްޗާޒް" ގައި އޭނާ އަދާކުރި ޝަކީލާގެ ރޯލުންނެވެ.

އަނޫޕަމް ކޭރް އެކްޓިން ސްކޫލުން ތަމްރީނު ހޯދާފައިވާ އާރްޔާގެ ފަހުގެ ފިލްމުތަކުގެ ތެރޭގައި "ލަވް ސެކްސް އައުރު ދޯކާ" ހިމެނެ އެވެ.
މަޝްހޫރު ކްރައިމް ސީރީޒް "ސާވްދާން އިންޑިއާ"ގެ އެޕިސޯޑެއް ވެސް އާރްޔާ 2014 ގައި ކުޅެފައި ވެއެވެ.

އާރްޔާގެ މަރާ ގުޅޭ ގޮތުން ކަލްކަތާ ފުލުސް ކޮމިޝަނަރު އިންޑިޔާގެ ނިއުސް އެޖެންސީއަށް ވިދާޅުވެފައިވަނީ އާރްޔާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި އޭނާގެ ލިވާގެ މައްސަލައެއް ހުރިކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. ވީމާ އޭނާ މަރުވީ ގަސްތުގައި ނޫންކަމާއި އަދި އެހެން މީހެއްގެ ހަމަލާއަކުން ވެސް ނޫންކަން ޔަގީން ކުރެވޭ ކަމަށް ކޮމިޝަނަރު ވަނި ވިދާޅުވެފަ އެވެ.