ހަބަރު

"ޕީޕީއެމް އުފެއްދީ ގަދަކަމުން މެންބަރުން ހިފަހައްޓާކަށް ނޫން"

ޕީޕީއެމް އުފެއްދީ ގަދަ ކަމުން މެންބަރުން އެ ޕާޓީގައި ހިފަހައްޓައިގެން ތިބެން ނޫން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވުމަށް އެދުނު 10 މެންބަރުން ވެސް އެ ޕާޓީ އިން ވަކިކޮށް ދިނުމާ ޕާޓީ އިން ދެކޮޅު ހެދުމާ ގުޅިގެން ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އުފައްދާފައި ވަނީ ނުރުހުމުގައި މީހުން ވައްދާ، ގަދަކަމުން ޕާޓީގައި ހިފަހައްޓައިގެން ތިބެން ނޫން ކަމަށެވެ. އަދި އެ ޕާޓީގެ މެންބަރުން ލައްވާ މަޖުބޫރުން ވަކި ގޮތަކަށް އަމަލު ކުރުވުމަކަށް ނޫން ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިކޮށް ދިނުމަށް އެދި އެ ޕާޓީ އަށް ސިޓީ ފޮނުވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެވެ.

އެ މެންބަރުން ޕާޓީ އިން ވަކިވުމަށް ސިޓީ ފޮނުވާފައިވާތީ އެކަމާާ ގުޅޭ ގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ އެ މެންބަރުން ޕާޓީ އިން ވަކި ކުރެވޭނީ އެ މެންބަރުންނާ މެދު ސުލޫކީ ކޮމިޓީ އިން ބަލަމުން އަންނަ މައްސަލަތައް ނިމުމުން ކަމަށެވެ. މެންބަރުން ޕާޓީ އިން ވަކިކޮށްދޭން ޕީޕީއެމް އިން ދެކޮޅު ހަދަމުން އަންނަ އިރު ޕާޓީ ބަދަލު ކުރާ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.