ހަބަރު

ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ: ސުޕްރީމް ކޯޓް

Jul 13, 2017
28
  • އެންޓި-ޑިފެކްޝަން ގާނޫނެއް ގެންނަން އަމުރުކުރި
  • މިއަދުން ފެށިގެން ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ
  • ޕާޓީ އިން ވަކިކުރި ނަމަވެސް ގޮނޑި ގެއްލޭނެ

ރައްޔިތުން މަޖިލީހުގެ މެންބަރަކު މިވަގުތު ހުރި ސިޔާސީ ޕާޓީ ބަދަލުކުރާނަމަ ނޫނީ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކުރި ނަމަވެސް އެފަދަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އެ ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފި އެވެ.

އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނެފައި މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރުން ނުވަތަ އެ ޕާޓީގެ ފިކުރާއި ނިންމުންތަކާ ހިލާފަށް އަމަލު ކުރުމަކީ އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުން އެ މެންބަރަކު އިންތިހާބު ކުރުމުގެ މަގްސަދު ގެއްލިގެންދާނެ ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތަށްޓަކައި މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމައިދޭން ކޮންމެހެން ޖެހޭ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ޕާޓީން ވަކި ކުރާ މެންބަރުންނާއި ވަކިވާން އެދުމުން އިލެކްޝަން ކޮމިޝަން (އީސީ) އިން އެ މެންބަރަކު ޕާޓީން ވަކިވިކަން ރަސްމީކޮށް މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން އެ ދާއިރާއެއްގައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތައް ބަޔާންކޮށް "އެންޓި- ޑިފެކްޝަން ގާނޫނެއް" ރައްޔިތުންގެ މަޖިލީހުން އެކުލަވާލަން ޖެހޭނެ ކަަމަށާއި އެ އުސޫލުތައް ހިނގާނީ އެ ގާނޫން ފާސްކޮށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ރާއްޖޭގެ ޑިމޮކްރަސީ ނިޒާމަށް ގެންނަން ކޮންމެހެން ވެސް ޖެހޭ މުހިންމު ގާނޫނެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ގާނޫން ފާސް ކުރަންދެއް، ޕާޓީން މެންބަރުން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ދެމި އޮންނާނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

މިއަދުގެ ހުކުމް ކުރި ބެންޗްގައި ހިމެނެނީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އަދި ސުޕްރީމް ކޯޓުން މި ހުކުމް މި ކުރީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް މަޖިލީހުގެ ގިނަ މެންބަރުންނާއި ގާނޫނީ ވަކީލުން ވެސް އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ ފުރުސަތު ނުދީ އެވެ.

މި ހުކުމް ކުރި އިރު ޕީޕީއެމްއިން ވަކިވުމަށް އެ ޕާޓީގެ 10 މެންބަރަކު ވަނީ މި ހަފްތާ ޕާޓީއަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ މެންބަރުން ޕާޓީ އިން ވަކިކޮށްދެވެން ނެތް ކަމަށް ޕީޕީއެމްއިން އެ މެންބަރުންނަށް އަންގާފައިވެ އެވެ.