ހަބަރު

ދައުލަތުން ހުށަހެޅީ ޕާޓީ ބަދަލުކުރާ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން

މަޖިލިސް މެންބަރު ކަމަށް އިންތިހާބުވާ ޕާޓީ ފިޔަވާ އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވެއްޖެ ނަމަ، އެފަދަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހެޅުއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެން އެވެ.

އޭޖީ އަނިލް މިއަދު ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތުން މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.

އޭޖީ އަނިލް މިއަދު ސުޕްރީމް ކޯޓުގައި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ރައްޔިތުން ވޯޓުދީ، މަންދޫބަކު މަޖިލީހަށް ހޮވުމުން، ރައްޔިތުން ވޯޓު ދިން ގޮތާ ހިލާފަށް ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންނާ ދެމެދުވެފައިވާ އިޖުތިމާއީ އަހުދަށް ރައްކާތެރިނުވުން ކަމަށެވެ. އެ އަހުދަށް ރައްކާތެރިވުމަކީ މެންބަރުންނަށް ލާޒިމު ކަމެއް ކަމަށެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ހައްގުތަކާއި ބާރުތައް ލިބިގެންވާ ކަމަށާއި ދައުލަތުގެ ހުރިހާ ބާރެއްގައި ވެސް ރައްޔިތުންގެ ދައުރު އޮންނަ ކަމަށް އަނިލް ވިދާޅުވި އެވެ. މެންބަރަކު ރައްޔިތުން ވޯޓު ދެއްވި ގޮތާ ހިލާފަށް ފިކުރު ބަދަލުކުރުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ވެސް ކަމަށެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވޭ ގޮތަށް ގާނޫނު އަސާސީ މަނާކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭޖީ އަނިލް ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތް ހެދުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް މުހިންމު ކަމެއް ކަމަށާއި ރާއްޖޭގައި އުސޫލުތަކަށް އިހުތިރާމްކުރުމަށް ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އިންތިހާބުކުރާ ފިކުރު ނޫން މުޅިން އެހެން ފިކުރަކަށް ތާއިދުކުރުމަކީ ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރުމަށް އެޅިގެންދާނެ ހުރަހެއް ކަމަށެވެ. ދުނިޔޭގެ ބައެއް ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ވެސް ކަން އޮންނަނީ އެގޮތަށް ކަމަށް އަނިލް ވިދާޅުވި އެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެންބަރަކު ޕާޓީން ވަކިވާން ބޭނުންވެއްޖެނަމަ އެ މެންބަރަކު މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭކަން އަނިލް ފާހަގަކުރެއްވި އެވެ. އަދި އޭގެފަހުން އަލުން މެންބަރުކަން ބޭނުންވެއްޖެނަމަ ޖެހޭނީ ބައި އިލެކްޝަނުގައި ބައިވެރިވާށެވެ.

އިނގިރޭސިވިލާތުގެ އިތުރުން ޕާޓީ ބަދަލުކޮށްފިނަމަ ސިންގަޕޫރާއި ބަންގްލަދޭޝްގައި ވެސް މެންބަރުކަން ގެއްލޭ ކަމަށް އަނިލް ވިދާޅުވި އެވެ. އަދި އަވަށްޓެރި އިންޑިއާގައި ވެސް ވަކި ހާއްސަ އިހުތިސޯސެއްގެ ދަށުން ނޫނީ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭ ކަމަށް އޭޖީ އަނިލް ވިދާޅުވި އެވެ.

އޭޖީ އަނިލް ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ވެސް ގޮނޑި ނުގެއްލޭ ގޮތަށް އޮތުމަކީ މަޖިލިސް ތެރެއަށް ނުފޫޒު ވަނުމަށް އޮތް މަގެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަމައެކަނި ގައުމުގެ މަސްލަހަތަށް އިސްކަންދޭން ޖެހޭ ބަޔަކަށްވާއިރު ޕާޓީ ބަދަލުކުރެެވޭ ގޮތަށް އޮތުމުން އަމިއްލަ މަސްލަހަތު އިސްކުރުމަށް ފުރުސަތު އޮންނަ ކަމަށެވެ. ރިޝްވަތުގެ އަމަލުތައް ވެސް މިކަމުގެ ސަބަބުން އިތުރުވާ ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ދުސްތޫރީ ގޮތުން ގާއިމުވެފައިވާ މި ސަރުކާރު ވައްޓާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މުޒާހަރާ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލައްވަން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި ފޭކް ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު އުޅުން އަނިލް ފާހަގަކުރެއްވި އެވެ. އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުން ރާއްޖެއިން ބޭރުގައި ފިލައި ތިއްބެވި ކަމަށް ވެސް ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލުގެ ނަންފުޅު އަނިލް ޝަރީއަތުގައި ފާހަގަކުރެއްވި އެވެ.

މި ދުވަސްވަރަކީ ވެސް ދުސްތޫރީ ނިޒާމަށް ހަމަލާތަކެއް އަންނަ ދުވަސްވަރެއްކަން އަނިލް ފާހަގަކުރެއްވި އެވެ. އެގޮތުން ރައޔްިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގަމުންދާ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށް އަނިލް ވިދާޅުވި އެވެ. އަނިލް ވިދާޅުވީ، ދުސްތޫރީ ނިޒާމަށް މިފަދަ ހަމަލާތައް ދިނުން ހުއްޓުވުމަށް ވެސް ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅަންޖެހޭ ކަމަށެވެ.

އޭޖީ އަނިލް ހުށަހެޅުއްވި މި މައްސަލަ ރައްދުވާ ފަރާތެއް ނެތްއިރު، ދެން މައްސަލާގައި އޮންނަނީ ގޮތެއް ކަނޑައެޅުން ކަމަށް ބެލެވެ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އެކަން އިއުލާނެއް ނުކުރައްވަ އެވެ. މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ. މީގެކުރިން މިފަދަ ބޮޑެތި ދުސްތޫރީ މައްސަލަތައް ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.