ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކުރާ މާއްދާތަކަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް މަޖިލީހުގެ ގަވާއިދުން އެ މާއްދާތައް އުނިކޮށް އެ ވާހަކަތައް މަޖިލީހުގެ ގަވާއިދުގެ އެހެން މާއްދާއެއްގައި ހިމަނަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން ފާސްކުރަން ފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދު ބަދަލުކުރަން އާންމު ކޮމިޓީން ފާސްކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އެގޮތުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ އުނިކުރަން ފާސްކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ.
ނަމަވެސް އެ އިސްލާހުގައި މަޖިލީހުގެ ޖުމްލަ މެންބަރުން މި ލަފުޒަށް ދީފައިވާ މާނަކުރުމަކީ ގާނޫނުއަސާސިއާ ހިލާފު ނިންމުމެއް ކަމަށާއި އެ އިސްލާހު ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހުގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަށް މިވަގުތު އަމަލުނުކުރުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިމަހުގެ އަށްވަނަ ދުވަހު ވަނީ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުއްވާފަ އެވެ. މިމައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިން މިމަހު 25 ވަނަ ދުވަހު ފަށަން އޮތް ޝަރީއަތްވެސް ވަނީ އަވަސްކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ. އުނިކޮށް މަޖިލީހުގެ ގަވާއިދުގެ 242-1 އަށް މާއްދާއެއް އިތުރުކުރަން ވަނީ ފާސްކޮށްފަ އެވެ.
އެ ގޮތުން ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަމަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށް ބަޔާންކުރާ މާއްދާއެއް އިތުރުކުރަން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން އެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަންވާނެ ފާސްކޮށްފައިވެ އެވެ.
ގާނޫނުގައި ބުނާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ އަލުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހޭނީ އާންމު އިންތިހާބާ ދެމެދު ހަޔަކަށްވުރެ ގިނަ މަސް ދުވަސް އޮވެއްޖެ ނަމަ އެކަންޏެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު މިހާރު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެ މެންބަރުން ނުލައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށްވެސް އާންމު ކޮމިޓީން މީގެކުރިން އޮތީ ފާސްކޮށްފަ އެވެ.
މިއިސްލާހު ފާސްވެ އިއުލާންކުރުމުން އެމްޑީޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ އެހީތެރިކަމާ އެކު އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ. ޝިފާއު ހުށަހެޅި ގޮތަށް އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް 42 މެންބަރުން އެބަތިއްބެވެ.