ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވުމުގެ ސަބަބުން ގޮނޑި ގެއްލި ވަޑައިގެންފާނެތީ ކަންބޮޑުވެވަޑައި ނުގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.
ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ގޮނޑި ގެއްލިއްޖެ ނަމަ ގޮނޑި ނަގައިދެއްވާނެ ކަަމަށެވެ.
"މަޖިލިސް ރައީިސްގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމަށް ކަންބޮޑުވެ ނުލައްވާ. ﷲ ގެ އިރާދަފުޅުން ތިގޮނޑި ނަގައިދޭނަން،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިހާރު ހުންނެވި ޕާޓީ މިއަދު ފެށިގެން ދޫކުރައްވާ ނުވަތަ އެޕާޓީއަކުން އެ މެމްބަރަކު ވަކިކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިއަދު ހަވީރު އެވެ. ކޯޓުން އެގޮތަށް ހުކުމް ކުރީ ގާނޫނު އަސާސީ އެގޮތަށް މާނަ ކޮށްދޭން ސަރުކާރުން ހުށަހެޅި މައްސަލައެއް ނިންމަމުންނެވެ.
ހުކުމް އެގޮތަށް ކުރުމުން ޕީޕީްއެމުން ވަނީ އެޕާޓީން ވަކިވާން ހުށަހަޅައި، އަދި މިހައިތަނަށް ވަކި ނުކޮށް ތިއްބެވި މެމްބަރުން އަނބުރާ ޕާޓީއަށް ވަޑައިގަތުމަށް ގޮވާލާފައެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވީ އަނބުރާ ވަޑައިގެން މަސައްކަތް ކުރައްވަބް އެ މެެމްބަރުންނަށް ފުރުސަތު އެބައޮތް ކަމަށެވެ.
"މިއަދު މި ހުކުމް މި އޮތް ގޮތުން މިހާރު ވެސް އެބަ ތިއްބެވި އަޅުގަނޑުމެންގެ ޕާޓީ އިން ވަކިވުމަށް މެންބަރުންތަކެއް ހުށަހަޅުއްވާފައި، އަދި އަޅުގަނޑުމެން ވަކިނުކޮށް. އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އެނބުރި ވަޑައިގަންނަވާށޭ. ތިބޭފުޅުންނަށް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ފުރުސަތު އެބަ އޮތޭ. އިހުލާސްތެރިކަމާ އެކު ވަޑައިގަންނަވާށޭ. އަޅުގަނޑު މިދަންނަވަނީ އެބޭފުޅުންނަށް، ޔަގީންކަން މި އަރުވަނީ ދެއަތް ފުޅާކޮށްފައި އެބޭފުޅުންނަށް މަރުހަބާ ކިޔަން މިތިބީ ތައްޔާރަށޭ،" ނިހާން ވިދާޅުވި އެވެ.
ނަމަވެސް ޕީޕީއެމުން ވަކިވާން ހުށަހަޅުއްވާފައިވާ މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު ޢަބުދުﷲ ޝިނާން ވިދާޅުވީ އެނބުރި ވަޑައި ނުގަންނަވާނެ ކަމަށެވެ. ވަކިވާން ހުށަހަޅުއްވާފައިވާ އެހެން މެމްބަރުން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.